Tuesday, January 31, 2012

ލޯބިވީމަ ރީތިވަނީތަ؟ ރީތިވީމަ ލޯބިވަނީތަ؟

- ކުރޮޅި -

ލޯތްބަކީ ލޯކަނު އެއްޗެކޭ ބުނެއެވެ. ލޯބީގެތީރުން ޒަޚަމުވެއްޖެ ހިތަކަށް ބޭހަކުން ފަރުވާއެއް ނުދެވެއެވެ. ލޯބީގައި މިއިން ކޮންމެ ގޮތެއް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ލޯބިވީމަ ރީތިވަނީހޭ؟ ރީތިވީމަ ލޯބިވަނީހޭ؟ މިއީ ވަރަށް ގިނައިން ތަކުރާރުކޮށް ކުރެވޭ ސުވާލެކެވެ. މިސުވާލުގެ ޖަވާބުގައި އެކި މީހުން ދައްކަނީ ވަރަށް ތަފާތު ވާހަކަ ތަކެކެވެ. އޭގެތެރޭގައި މިދާއިރާގެ ފުންނާބުއުސް އިލްމުވެރިން ކޮށްފައިވާ ދިރާސާތަކާއި އާންމުންގެ ޚިޔާލުތައްވެސް ހުރީ ހަމަ މިފަދަ ގޮތަކަށެވެ. މިގޮތުން މިފަދަ ދިރާސާއަކަށް ބަލާލަމާތޯއެވެ.


ފަރަންސޭސިވިލާތުގެ ނަފްސާނީ އިލްމުވެރިޔާ ޑރ. ވިލްފްރެޑް 1950ގެ އަހަރުތަކުގައި ދެހާހަށްވުރެ ގިނަ ދެމަފިރިންނާއި އިންޓަވިއު ކުރުމަށްފަހު މިކަމާބެހޭ ދިރާސާއެއް އާއްމު ކުރެއްވިއެވެ. ފުރާންސަކީ އެދުވަސްވަރު ލޯބިވެރިންގެ އިޝްޤީ ގުޅުންތަކަށް މަގުފަހިވާފަދަ އެތައް އުފެއްދުންތަކެއް މުޅިން އަލަށް ދުނިޔެއަށް ތަޢާރަފް ކުރަމުންދިޔަ ގައުމެކެވެ. މިސާލަކަށް ފްރާންސްގައި އުފެދިގެން ދިޔަ ފެޝަން ހެދުންތަކާއި، ލޯބިވެރިންގެ މެދުގައި މަޤްބޫލުކަން ހޯދަމުންދިޔަ މީރުވަސްދުވާ ސެންޓުތަކުގެ ސަބަބުން އިޝްޤީ ޖަޒުބާތުތައް އުތުރި ކެކިގެން ދިޔައެވެ.

ޑރ. ވިލްފްރެޑްގެ ދިރާސާއަށް މީހުން ހޯދާފައިވަނީ ދުނިޔޭގެ އެކިކަންކޮޅުތަކަށް ޒިޔާރަތްކުރައްވާ، އެކަމަށްއެދި އަމިއްލައަށް އިސްނެގި ފަރާތްތަކުގެ ތެރެއިން ކާވެނިކޮށްގެން އުޅޭކަން ރަސްމީ ލިޔުންތަކުން ސާބިތުވާ ފަރާތްތަކެވެ. މީގެ ބޭނުމެއް ކަމަށްވަނީ ޒަވާޖީ ހަޔާތެއް ވޭތުކުރަމުންދާއިރު އެމީހުން އެމަތިވެރި ގުޅުމާއި ހަމަޔަށް ގެނެސްދިނީ ކޮންސަބަބެއް މެދުވެރިވެގެންކަން ބުނެދޭން ފަސޭހަވާނެތީ ކަމަށްވެއެވެ. މި ދިރާސާގެ ނަތީޖާއިން ކުރިން އެނގިފައިނުވާ ކިތަންމެ ކަންތައްތަކެއް ހާމަވެގެން ދިޔައެވެ. މީގެތެރޭގައި ދިރާސާގެ އަސްލު މަގްސަދާއި ނުގުޅޭ، ނަމަވެސް އިޖްތިމާއީގޮތުން ވިސްނަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފާހަގަކުރެއްވިއެވެ. ކޮންމެއަކަސް ދިރާސާގެ އަސްލާގުޅޭ ނަތީޖާ ދެއްކިގޮތުން %58 ދެމަފިރިން ބުނެފައިވަނީ އެމީހުންނަށް ފުރަތަމަވެވުނީ ލޯބި ކަމަށެވެ. ދެން އެލޯބި ގަދަވަމުންގޮސް އެކަކު އަނެކެއްގެ އައިބުތައް ހަނދާންނެތި ލޯބިވީމަ ރީތިވީ ކަމަށެވެ. އަދި ހަމަ މިދިރާސާއިން ދެއްކި އަނެއްކަމަކީ ލޯބީގެ ހުށަހެޅުންތައް ގިނައިން ލިބެނީ ރީތިވީމަ ކަމަށެވެ. ނަމަވެސް އެފަދަ ހުށަހެޅުމުން އުފެދޭ ގުޅުންތައް ކައިވެންޏާއި ހަމަޔަށް ނުގޮސް، ފުނޑު ފުނޑުވެގެންދާ ކަމަށެވެ. އެގޮތުން %38 ބައިވެރިންނަކީ ރީތިމީހުންނަށް ލޯބިހުށަހަޅާފައިވާ ނުވަތަ އޭނާގެ ރީތިކަމަށްބަލާ އެހެންމީހަކު ލޯބި ހުށަހަޅާފައިވާ މީހުންނެވެ. ނަމަވެސް ފަހުން އެހެން މީހަކާ ގުޅެންޖެހުނީ ކުރީގެ ގުޅުން ހީނަރުވަމުން ދަނިކޮށް އެހެން މީހަކަށް ހިތްކިޔައިގެން ކަމަށްވެއެވެ.

އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީވެސް އިޝްޤީ ރޮނގުން ވަރަށް ފާހަގަކޮށްލެވޭ ގައުމެކެވެ. ބުނެވޭ ގޮތުގައި އެއްޒަމާނެއްގައި މިސަރަހައްދުގެ އިނދެވަރިކުރުމުގެ ރެކޯޑު އޮންނަނީވެސް ދިވެހިރާއްޖެއަށެވެ. މީހުންނާއި އިނުމާއި ވަރިކުރުމުގައި އިޝްޤީ ޖަޒުބާތުގެ ރޯލެއް ނެތިނުދާނެކަން ކަށަވަރެވެ. ވުމާއެކު މިރޮނގުން ދިވެހިންގެ ތަޖުރިބާވެސް ވަރަށް މުހިންމު ވާނެއެވެ. އަޅުގަނޑު މިކަމާބެހޭގޮތުން ބައެއް ފަރާތްތަކުގެ ޚިޔާލު ހޯދާލީމެވެ. އިނދެގެން އުޅޭ ދެމަފިރިންނާއި މެދު ހީވެސްނުކުރެވޭ ފަދަ ހާލަތްތައް ދިމާވެފާ އެބަހުއްޓެވެ. ފާހަގަކޮށްލެވޭ އެއްކަމަކީ މާލޭގައި ދިރިއުޅުމުގެ މުހިންމުކަން ބޮޑުވެގެން އައި ދުވަސްވަރު ރަށްފުށުގެ ގިނަބަޔަކު މާލޭމީހުންނާ އިނުމަށް ސަމާލުކަން ދިންކަމެވެ. އެހާލަތުގައި ހިތުތެރޭގައި “ގަދަކަމުން” ލޯބި އުފައްދަނީއެވެ. މިފަދަމީހުންނަށް ރީތިވާނީ ލޯބިވުމުންނެވެ. މީގެ ކުރީދުވަސްވަރުގައި އެއްރަށެއްގެ މީހަކު އަނެއްރަށެއްގެ މީހަކާ އިނުމަކީ ވަރަށް މަދުންނޫނީ ނުކުރާ ކަމެކެވެ. ނަމަވެސް އާދަކާދަޔާއި ދިރިއުޅުމުގެ ހާލަތާއި މުވާސަލާތަށް އައި ބަދަލުތަކާއެކު އެކި ރަށްރަށުގެ މީހުންނާއި ލޯބީގެގޮތުން ގުޅި ކައިވެނިކުރުން މިވަނީ އާއްމުވެފައެވެ.

ވަރަށް އެހެންކަހަލަ ގޮތަކަށް ގުޅުނު ދެމަފިރިޔަކާވެސް ދިމާވިއެވެ. އަންހެން ކުއްޖާއަކީ ދެކުނުރަށެއްގެ ކުއްޖެކެވެ. ފިރިހެން ކުއްޖާއަކީ އުތުރުގެ ރަށެއްގެ ކުއްޖެކެވެ. ދެމީހުން ކިޔަވަން އައިސް ކުޑައިރުއްސުރެ މާލޭގައި އުޅުނީ އެއްކޮށްޓެއްގެ ދެކޮޅުގައި ހުރި ދެގޭގަގެއެވެ. ދެމީހުން ފުރާވަރަށް އެރުމަށްފަހު އެކިކުދިންނާއެކު ހުއްސަރިބައި ވާހަކަދައްކަން ތަންތަނަށް ގޮސް އުޅުމުގެ ތެރޭގައި ދެކެފަރިތަކަން އުފެދުނެވެ. ރާއްޖެތެރޭން އައިސްތިބި ކުދިންވީމާ މާލޭން މީހަކާއިނުމުގެ ޝައުގުވެރިކަން ދެމީހުންގެ ހިތުތެރޭގައިވެސް އޮތެވެ. ފިރިހެންކުއްޖާ ހީކުރީ އަންހެން ކުއްޖާއަކީ މާލޭރަށްވެއްސެއް ކަމަށެވެ. އަންހެންކުއްޖާވެސް ހީކުރީ ފިރިހެންކުއްޖާއަކީ މާލޭ ރަށްވެއްސެއް ކަމަށެވެ. ކުރެވުނު ހީގެމައްޗަށްބުރަވެ އެކަކަށްވެސް އެވާހަކަ ސީދާކޮށް އަހާކަށް ނުކެރުނެވެ. ދިރިއުޅޭނީ ކޮންގެއްގައިކަން ކަނޑައަޅަން ނޭނގުނަސް ކައިވެނި ކުރުމާ ހިސަބަށް ގުޅުން ގާތްވިއެވެ. ހުރިހާކަމެއް ފަޅާއެރީ ކައިވެނި ކުރަން އުޅުމުން ލިޔެކިޔުންތަކުންނެވެ. އޭރު ދެމީހުންގެ މައިންބަފައިނާއި އާއިލާގެ މީހުންނަށްވެސް ކައިވެނީގެ ކަންތައްއޮތީ އަންގާފައެވެ. އަންހެންކުއްޖާ ބުނީ ކަންތައްތައް އެހިސާބަށް ދިޔުމުން މޫނަށްލަދަށް، އެހެންގޮތެއް ނެތިގެން އެކައިވެނިކުރީ ކަމަށެވެ. ނަމަވެސް ތަނެއް ކުއްޔަށް ހިފައިގެން އަހަރެއްހާދުވަހު ދެމީހުން އެކުގައި އުޅެންޖެހުމުން އެކަކުއަނެކެއްގެ މައްޗަށް ހަމްދަރުދީވެ، ހަގީގީލޯބިވެވުނީ ކަމުގައެވެ. ދެމަފިރިން ހެވިފައިތިބެ ބުނީ ނޭނގިނަމަވެސް އިނދެވުނުކަމުން މިހާރުމިތިބީ ގަދަލޯބިން ގުޅި މާލޭމީހުންނަށް ވެފައިކަމަށެވެ. ލޯބީގެ ދުނިޔޭގައި މިކަހަލަ ކިތަންމެ ކަމެއް ދިމާވާނެއެވެ.

ލޯބިވުމުގައި ޒުވާންކުދިން ބަލާއުޅޭ މިންގަނޑު ތަކެއްވެސް ހުންނަކަން ފާހަގަކުރެވުނެވެ. ފެޝަނަކީ މައިގަނޑު ދައުރެއް އަދާކުރާ ކަމެކެވެ. ފިރިހެން ކުއްޖަކަށް ބަލާނަމަ އިސްތަށިގަނޑު ހަދާފައި ހުންނަ ސްޓައިލް، އަޅާ އަވިއައިނު، ލާފައިހުންނަ ގަމީސް، ޖީންސް، އަރާފައިވާން، ބޫޓަށް ބަލައެވެ. އަދި ގެންގުޅޭ ފޯނާއި، ދުއްވާފައިދާ ސައިކަލާއި، ޖަހާ ސެންޓަށް ބަލާއިރު އެމީހުން ކޮފީއަށް ގޮސްއުޅޭ ކެފޭތަކުގެ ފެންވަރަށްވެސް ބަލައެވެ. އަންހެން ކުއްޖަކަށް ބަލާއިރުވެސް ދާދިއެއްކަހަލަ ސަބަބުތަކެކެވެ. އަންހެން ކުއްޖާގެ އިސްތަށިގަނޑު ހަދާފައި ހުންނަގޮތް ބަލައެވެ. ބުރުގާއަޅާ ކުއްޖެއްނަމަ ބުރުގާއަޅާ ސްޓައިލަށް ބަލައެވެ. ހަމައެގޮތަށް ލާހެދުމާއި، އަރާފައިވާނާއި، ކަރާއި އަތްފައިގާއި ހުންނަ ގަހަނާއަށް ބަލައެވެ. ބޮޑީ ޝޭޕާއި، ޖަހާސެންޓާއި ކޮފީއަށްދާ ތަންތަނާއި، ގުޅުންއޮންނަ ގުރޫޕްތަކާއި، ސޯޝަލް ނެޓްވޯކްތަކުގެ ކޮންޓެންޓަށްދަންދެން ބަލާކުދިންވެސް އުޅޭކަން ފާހަގަކުރެވުނެވެ. ކިޔަވަމުންދާ ކޮލެޖާއި، އަދާކުރާ ވަޒީފާ ނުވަތަ ކުރާ މަސައްކަތަކީ ދެޖިންސުންމެ ބަލާ ކަންތައްތަކެވެ. އިސްވެ ލޯބިހުށަހަޅާ ކުދިން ބުނަނީ އެކަންކަމަށް ބަލަނީ އެކުދިންގެ މިޒާޖާގުޅޭ ބައިވެރިންނާއެކު ދިރިއުޅެން ފަސޭހަވާނެތީ ކަމަށާއި، އެކުގައި އުޅެވޭވަރުގެ ތަނަވަސްކަމެއް ހުރިތޯ ބަލަންވެސް އެމިންގަނޑުތައް ބޭނުންކުރާ ކަމަށެވެ. މިފުރާގެ ގިނަކުދިންގެ ވާހަކަތަކަށް ބަލާއިރު ގިނަ ޒުވާނުން ބުނަނީ ލޯބިވަނީ ރީތިވީމަ ކަމަށެވެ.

މީގައި ފާހަގަކޮށްލަން ޖެހޭ އެއްޕޮއިންޓަކީ އެކި މީހުންނަށް ރީތިވަނީ އެކިގޮތަށް ތިބީމާކަމެވެ. އެއްވެސް މީހަކަށް ރީތިނުވެގެން، ނުވަތަ ލޯބިނުވެގެން ބާކީވެފައި ހުންނަ އަންހެން ކުއްޖެއް ނުވަތަ ފިރިހެން ކުއްޖެއްވެސް ވަރަށްމަދުވާނެއެވެ. މިގޮތަށް މެދުވެރި ނުވާނަމަ އުފެދޭނެ އެތައް އިޖުތިމާއީ މައްސަލައަކުން ސަލާމަތްވަމުން މިދަނީ އެހެންވީމައެވެ. ލޯބިވާތީ ރީތިވިޔަސް ރީތިވީމަ ލޯބިވިޔަސް، ލޯބީގެ ދަގަތްފާނަށް ދަމައިގަތުމަށްފަހު އޭގެން ސަލާމަތްވާނީ މަދުމީހެކެވެ. ސަބަބު ނޭންގޭ އެކްސް ފެކްޓަރއެއްގެ ސަބަބުން ހީވެސްނުކުރެވޭ ގޮތަކަށް ލޯބި ކަފިކަފިވެގެން ދާކަމަށްވެއެވެ. ވުމާއެކު ސުވާލުގެ ޖަވާބުލިބޭނީ ލޯބީގެ ފުންކަނޑުގައި ފީނައިގެން ހޯދާ އަމިއްލަ ތަޖުރިބާއިން ކަމުގައި ފެނެއެވެ.

އިތުރަށް ވިދާޅުވޭ...

Monday, January 30, 2012

އަންހެން ދަރިއަކު ލިބުމުން ފިރިމީހާ އަނބިމީހާ މަރާލައިފި ކަމަށް އަފްޣާނިސްތާން ފުލުހުން ބުނެފި

ނިއުމަތުﷲ އިދުރީސް، ހަވީރު އޮންލައިން

ކާބުލް (ޖެނުއަރީ 31) - އަފްޣާނިސްތާނުގެ ދެމަފިރިއަކަށް ތިން ވަނަ އަށް ވެސް އަންހެން ދަރިއަކު ލިބުމާ އެކު ފިރިމީހާ ރުޅިއައިސްގެން އަނބިމީހާ މަރާލާފައިވާ ކަމަށް އަފްޣާނިސްތާނު ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޚާން އާބާދުގެ ކުންދުޒް ޕްރޮވިންސްގައި މި އަމަލު ހިންގާފައި ވަނީ އުމުރުން 30 އަހަރުގެ މީހަކު މިދިޔަ ބުދަ ދުވަހު ކަމަށެވެ. މި ދެމަފިރިންނަށް މީގެ ކުރިން ވެސް ދެ އަންހެން ކުދިން ލިބިފައިވާ ކަމަށާއި ބުދަ ދުވަހު ތިން ވަނަ އަންހެން ދަރިފުޅު ލިބުނީ ފިރިމީހާ ފިރިހެން ދަރިއަކު ބޭނުންވެފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަންހެން މީހާ މަރުވެފައި ވަނީ ފިރިމީހާ ތަޅައި އަނިޔާކުރުމުން ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެކަން ކުރި މީހާގެ ބައްޕަ ކަމަށެވެ. އަދި އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް އަންހެން މީހާގެ ހަށިގަނޑުން ފެންނަން އެބަހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. 
ފުލުހުންގެ ތަރުޖަމާނު ސައްޔިދު ސަރްވާރް ހުސައިނީ ވިދާޅުވީ މި އަމަލާ ގުޅިގެން ފިރިމީހާގެ މަންމަ ހައްޔަރުކޮށްފައިވާ ކަމަށާއި އެކަމަކު ފިރިމީހާ ފިލާފައިވާ ކަމަށެވެ.
އަފްޣާނިސްތާނުގައި ތާލިބާނުންގެ ވެރިކަން އޮތް ދުވަސްވަރު އަންހެނުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ މައްސަލަ ބޮޑެވެ. ތާލިބާނުންގެ ސަރުކާރު ވައްޓާލިތާ 10 އަހަރު ވެފައި ވާއިރު އަދިވެސް މި މައްސަލަ ވަރަށް ބޮޑެވެ. މިދިޔަ މަހު ވަނީ އަލަށް ކައިވެނިކުރި އަންހެން ކުއްޖަކު ފާހާނާއެއްގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅޭތާ ހަ މަސް ދުވަސް ފަހުން ސަލާމަތްކޮށްފަ އެވެ. މި ކުއްޖާ ސަލާމަތްކުރި އިރު އޭނާގެ ހަށިގަނޑުގައި އަލިފާން ޖައްސައި، ނިޔަފަތިތައް ވެސް ވަނީ އުފުރައިފަ އެވެ. 
އިނގިރޭސި ވިލާތުގެ ޖަމާއަތެއް ކަމަށްވާ އޮކްސްފަމް އިން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 87 ޕަސެންޓް އަންހެނުންނަކީ ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާވެރިކަން ނުވަތަ މަޖުބޫރުން ކުރުވާ ކައިވެނިތަކާ ކުރިމަތިލާންޖެހޭ މީހުންނެވެ. --އޭއެފްޕީ

އިތުރަށް ވިދާޅުވޭ...

Sunday, January 29, 2012

ޒުވާން އަންހެނުންނާއި ފައިދާހުރި ކާނާ

ހަވީރު ޑެއިލީ

އަންހެނެއްގެ އުމުރުން 20 އަހަރަށް ވުރެ މައްޗަށް ދިއުމުން ކާ ކެއުމާ ދޭތެރޭ އާދަޔާ ހިލާފަށް ފަރުވާތެރިވާން ޖެހެ އެވެ. ސަބަބަކީ އަންހެނުންނަކީ އެމީހުންގެ ހަށިގަނޑަށް އެކި އުމުރުގައި އެކި ކަހަލަ ބަދަލުތައް އައިސް ވަރަށް ގިނަ ކަންތައްތައް ތަހައްމަލު ކުރަން ޖެހޭ ބަޔަކަށް ވާތީ އެވެ.


ކަސްރަތުކުރުމާ އެކު ހަށިގަނޑަށް އެކަށީގެންވާ ރަނގަޅު ކާނާ ކެއުމަކީ ތިމާއަށާއި އާއިލާގެ އެހެން މެމްބަރުންނަށް ވެސް އެންމެ އުފާވެރި ދުޅަހެޔޮ ދިރިއުޅުމެއް އުޅެވޭނެ ހަމައެކަނި ގޮތެވެ. ހާއްސަކޮށް އަންހެނުންނަށެވެ. ސަބަބަކީ އަންހެނުންނަކީ ކޮންމެ އާއިލާއެއްގައި ވެސް ގޭތެރޭގެ ޒިންމާތަކާއި ދަރިންގެ ޒިންމާތައް އެންމެ ބޮޑަށް އުފުލަން ޖެހޭ ފަރާތަށް ވާތީ އެވެ. އަދި އަންހެނުންނަށް ހާއްސަކޮށް ބޭނުންވާ ބައެއް ކަހަލަ ކާނާތައް ހުންނާތީ އެވެ.

ޓީންއޭޖް އުމުރުން ފެށިގެން އެންމެ ޒުވާން އުމުރު ކަމަށްވާ 20 ގެ އަހަރުތައް ކަމުގައި ވިޔަސް ނުވަތަ ތިރީހުގެ އަހަރުތަކާއި އިއްދައިން ކެނޑޭ އުމުރު ކަމަށް ވިޔަސް އަންހެނެއްގެ ހަޔާތުގެ ހަމަ ކޮންމެ އުމުރެއްގައި ވެސް ވަކި ކަހަލަ ހާއްސަ ކާނާތަކެއް އެމީހުންގެ ހަށިގަނޑަށް ބޭނުންވެ އެވެ. 

ހެދިބޮޑުވަމުން އަންނަ ދުވަސްވަރާއި ޓީންއޭޖް އުމުރުގައި ގިނަ ކުދިން އުޅޭނީ ކިޔެވުމުގެ ބުރަ އުފުލުމުގަ އެވެ. ވަކިން ހާއްސަކޮށް ހަށިގަނޑަށް އަންނަ އެންމެ ބޮޑެތި ބަދަލުތަކާ އަންހެންކުދިންނަށް ކުރިމަތިލާން ޖެހެނީ ވެސް މި ދުވަސްވަރު އެވެ.

އުމުރުން ވިއްސަކަށް އަހަރު ވުމުން ގިނަ އަންހެންކުދިން ވަރަށް ބުރަކޮށް އޮފީސްތަކުގައި މަސައްކަތް ކުރަން ފަށަ އެވެ. ނުވަތަ މަތީ ތައުލީމު އުނގެނުމުގެ މަސައްކަތުގައި އަވަދިނެތި އުޅެ އެވެ. އެކި ޝިފްޓަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުމާއި، ވަކި ތާރީހަކަށް ކަންތައްތައް ނިންމަން ހޭބޯނާރާ އުޅެން ޖެހުމުން ހީނުކުރާ ވަރުގެ ބޮޑު ހާސްކަމެއް ސިކުނޑި އަށް ލިބި ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރު ކުރެ އެވެ. މިގޮތަށް އުޅޭ ގިނަ އަންހެންކުދިން ގަޑިގަޑިން ގެއަށް ގޮސް ކެއުމަކަށް ސަމާލުކަމެއް ނުދެ އެވެ. ބަނޑުހައިވީމާ ކޮންމެވެސް ރެސްޓޯރަންޓަކަށް ވަދެ ކޮންމެވެސް ޖަންކް ފުޑެއް ކައެވެ. ނުވަތަ ބަނޑުހައިވެގެން ވެސް ހާންތިވަންދެން އެއްވެސް އެއްޗެއް ނުކައި ހުރެ އެވެ. އަދި ކަސްރަތު ކުރުން އެއްކިބައިގައި އޮއްވާ މާ ބޮޑަށް ހެލިފެލިވެ އުޅުމަކީ ވެސް މިފަދަ ކުދިންނަށް ވަރަށް ދަތި ކަމަކަށް ވެއެވެ. ނަތީޖާއަކަށް ވަނީ ސިއްހީ މައްސަލަތައް ކުރިމަތި ވުމެވެ.

މި ހުރިހާ ކަމެއްގެ އިތުރުން ރައްޓެހިވެގެން އުޅޭ ކުއްޖާ އަށް ވަގުތު ދެ އެވެ. ރައްޓެހިންނާ އެކު ވަގުތު ހޭދަކުރަން ޖެހެ އެވެ. އަދި މި ނޫން ވެސް ގިނަ ކަންތައްތަކަކާ މެދު ވިސްނަ އެވެ. މި ހުރިހާ ކަމެއް އެކުވުމުން މީހުންގެ ސިކުނޑި އާއި ހަށިގަނޑުގެ ކެތްތެރިކަން އޮންނަނީ ކޮޅުންލާވަރު ވެފަ އެވެ. މިއީ ސިއްހަތާ ބެހޭ ތަޖުރިބާކާރުންގެ ވެސް މިހާރުގެ އެންމެ ބޮޑު އެއް ކަންބޮޑުވުމެވެ.

މި ބޭފުޅުންގެ އިރުޝާދުގެ ތެރޭގައި ހިމެނޭ އެންމެ މުހިއްމު އެއް ކަމަކީ މަސްތުވާތަކެއްޗާ ދުރުހެލި ވުމެވެ. އަންހެނުން އެލްކޮހޯލް ބޭނުންކުރާ ނަމަ ކަށިތައް އަވަހަށް ފީވާ ކަމަށް މި ބޭފުޅުން ވިދާޅުވެ އެވެ. އަދި ކެފެއިން އެކުލެވޭ ބުއިންތައް ބޯ މިންވަރު ވެސް މަދުކުރަން ޖެހެ އެވެ.

ދުވާލަކު ދެ ތައްޓަށް ވުރެ ގިނައިން ކޮފީ ނުބުއިމަށާއި ފިޒީ ބުއިންތަކާއި ކޯލާތައް ކޮންމެ ދުވަހަކު ބުއިން އާދަ ނުކުރުމަށް ނަސޭހަތްތެރިވެ އެވެ.

ކްލިނިކަލް ނިއުޓްރިޝަނިސްޓެއް ކަމަށްވާ ޑރ. ނޫޕޫރް ކްރިޝްނަން ވިދާޅުވި ގޮތުގައި ވިހީގެ އަހަރުތަކަށް އެޅުމުން އަންހެނުންގެ ކަށިތައް ހެދިބޮޑުވުމަށް އިތުރު ކެލްސިއަމް ބޭނުންވާނެ އެވެ. ހާއްސަކޮށް އޭނާއަކީ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ މީހެއް ނަމަ އެވެ. އެހެންކަމުން ސޯޔާގެ ބާވަތްތައް ގިނައިން ބޭނުން ކުރަން ޖެހެ އެވެ. އޭރުން ކެންސަރާއި ހިތުގެ ބަލިތަކުން ސަލާމަތް ވުމުގެ ފުރުސަތު ބޮޑުވެ އެވެ.

ބޮޑުމީހެއްގެ އުމުރުގެ ކުރީކޮޅުގައި އިންސާނާގެ ހަށިގަނޑުގެ ކަށިތައް ހުންނަނީ ހެދޭނެ އެންމެ ބޮޑަކަށް ހެދިފަ އެވެ. އޭގެ ފަހުން ކަށިތައް ދެން އަންނާނީ މަޑުމަޑުން ހަލާކުވަމުންނެވެ. ކެލްސިއަމް ބޭނުންވަނީ މިގޮތަށް ކަށިތަކުގެ އުފެދުން ހުއްޓޭ ހިސާބުންނެވެ. މަސްތަކަކީ ކަށިތަކަށް ވުރެ މާ ހަރަކާތްތެރި އެއްޗަކަށް ވާތީ މަސްތަކަށް ޕްރޮޓީން އާއި ވިޓަމިންސްތައް ހޯދުމަށް އިތުރު ކެލޮރީޒް ބޭނުންވެ އެވެ. ހަށިގަނޑަށް ފައިދާ ހުރި ކާނާ ކާން ޖެހެނީ މި ސަބަބާ ހުރެ އެވެ.

ކެއުމުގައި ފަރުވާތެރިވާނީ ކިހިނެއް؟
- ތަފާތު ވައްތަރުގެ ކާނާ ކެއުމަށް އާދަކުރާށެވެ. މީގެ ތެރޭގައި މޭވާގެ ތަފާތު ބާވަތްތަކާއި ތަރުކާރީ ހިމަނާށެވެ.
- ކާއިރު އެއްފަހަރާ މާ ގިނައިން ނުކައި ކުޑަ މިންވަރެއް ހަތަރު ފަސް ގަޑިއިރުން އެއް ފަހަރު ކަހަލަ ގޮތަކަށް ކާށެވެ.
- ބަނޑުހައިވެގެން ނުހުންނާށެވެ.
- ދުވާލު ހަތަރު ދަމުވެސް ގިނައިން ފެން ބޯށެވެ.

ކޮންމެ އަންހެނަކު ވެސް ރީތި އިސްތަށިގަނޑެއް ބޭނުންވެ އެވެ. މިފަދަ އިސްތަށިގަނޑަކަށް ވެސް އެންމެ މުހިއްމު އެއްޗަކީ ފައިދާ ހުރި ކާނާ އެވެ. އިސްތަށިގަނޑާ ބެހޭ ތަޖުރިބާކާރަކު ވިދާޅުވީ ވިޓަމިން އޭ އާއި ބީ އަންހެނުންގެ ހަށިގަނޑުގައި މަދުވުމުގެ ނަތީޖާއެއްގެ ގޮތުން އިސްތަށިތަކުގެ ބުޑުގައި ހުންނަ ސެލްތައް މަރުވެ އިސްތަށިގަނޑު ބަލިކަށިވާ ކަމަށެވެ. އެހެންކަމުން ވިޓަމިން އޭ އާއި ބީ އެކުލެވޭ ކާނާ ގަވާއިދުން ބެލެންސްކޮށް ބޭނުންކުރަން ޖެހެ އެވެ.

ހަމައެގޮތަކަށް ހަންގަނޑަކީ ވެސް ގިނަ އަންހެނުން ވަރަށް ފަރުވާތެރިކަމާ އެކު ބަލަހައްޓަން ބޭނުންވާ އެއްޗެކެވެ. ހަންގަނޑުގެ ރީތިކަމުގައި ވެސް މުހިއްމު ރޯލެއް ކުޅެނީ ކާނާ އެވެ. ރީތި ވިދާ ހަންގަނޑެއްގެ ވެރިއަކަށް ވެވޭނީ ހަންގަނޑުގެ ތެރޭގައި ރަނގަޅަށް ލޭ ދައުރުވާ ނަމަ އެވެ. ވިޓަމިން އޭ މަދުވާ ނަމަ ހިތުގެ މައްސަލަތައް ޖެހެ އެވެ. ސަބަބަކީ މިއީ ލޭހޮޅިތަކުގެ ބާރުގަދަ ކުރަން ކޮންމެހެން ބޭނުންވާ މާއްދާއަކަށް ވާތީ އެވެ.

އަންހެނުންގެ މެދުގައި ލޭ މަދުވާ ބަލި ގިނަ އެވެ. ޕީރިއަޑްވާ އުމުރުގެ ގިނަ އަންހެނުންނަކީ ލޭ މަދުވާތީ އުޅެން ޖެހިފައިވާ ބައެކެވެ. ޕީރިއަޑް ވުމުން ގިނަ އަންހެނުން ބަނޑު އަކުނިވަޔަށް ދެމުމާއި ބަނޑުގައި ރިއްސުން ފަދަ ކަންތައްތަކާ ކުރިމަތިވެ އަދި ހަށިގަނޑަށް ލޮޑުކަން ލިބި ވަރުބަލިވެ އެވެ. އެހެންކަމުން މިފަދަ ދުވަސްވަރު ދަގަނޑުގެ ބާވަތްތައް ގިނައިން ހުންނަ ކާނާ ނުވަތަ ދަގަނޑު ބޭހެއް ބޭނުން ކުރުން ރަނގަޅެވެ.

ސުވާލާއި ޖަވާބު
ސ: އަހަންނަކީ 20 އަހަރުގެ އަންހެންކުއްޖެކެވެ. އިސްކޮޅަކީ 153 ސެންޓިމީޓަރެވެ. ބަރުދަނުގައި 58 ކިލޯ އެވެ. އަހަންނަށް ދިމާވެގެން އުޅޭ މައްސަލަ އަކީ ފައިގެ ފަލަމަސްގަނޑުގަޔާއި ބަނޑުގައި މާ ގިނައިން މަސް ޖެހުމެވެ. ހާއްސަކޮށް ފައިގެ ފަލަމަސްގަނޑު ފަލަކަމުން ވަރަށް އުނދަގޫ ވެއެވެ. އަހަރެން ހިކެން ކާނެ ކެއުމެއް ބުނެދީފާނަން ހެއްޔެވެ؟
ޖ: ހަށިގަނޑަކުން ވަކި ހިސާބަކުން ކުއްލިއަކަށް މަސްތައް ވިރުވާލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ގަވާއިދުން ކަސްރަތުކޮށްގެން މުޅި ހަށިގަނޑުގައި ހުންނަ ސަރުބީތައް ވިރުވައި ބަރުދަން ލުއިކުރެވިދާނެ އެވެ. ހެނދުނު ހޭލައިގެން ފުރަތަމަ ދެ ތަށި ފެން ބޯށެވެ. އަދި ކޮންމެވެސް ވައްތަރެއްގެ މޭވާއެއް ކާށެވެ. އަދި ހޯލްވީޓު ޕާނުން ސޭންޑްވިޗު ހަދައިގެން ދެ ސޭންޑްވިޗް ކާށެވެ. ބަޓަރު ފަދަ ތަކެތި ބޭނުން ނުކޮށެވެ. ހުރިހާ ވަގުތެއްގެ ކާނާގައި ވެސް ގިނައިން ތަރުކާރީ އާއި މޭވާ ބޭނުންކުރާށެވެ. މެންދުރު ކެއުމަށާއި ރޭގަނޑުގެ ކެއުމަށް ވެސް ތަރުކާރީ ސެލެޑެއް ބޭނުންކުރާށެވެ. ސްނެކްއެއް ކާން ބޭނުން ނަމަ ނަޓްސްގެ ތެރެއިން އެލްމޮންޑްސް އާއި ޕިސްޓާޗިއޯ އަދި ހިކި މޭވާގެ ތެރެއިން ކަދުރު، ޕްރޫން ނުވަތަ ފިގް ގަދަ އެއްޗެތި ބޭނުންކުރާށެވެ. މުޅި ދުވާލު ހަތަރުދަމު ގިނަ އަދަދަކަށް ފެން ބޯށެވެ. އަދި ޖަންކް ފުޑާއި ގޮދަން ފުށުން ތައްޔާރުކޮށްފައި ހުންނަ އެއްޗެތި ނުކާށެވެ. އޭރޭޓެޑް ބުއިންތަކާއި، ކޮފީ، ސައި، ފޮނި ކާއެއްޗެތި، އަސާރަ، ތެލުލި ކާނާ، ޕެކެޓުކޮށްފައި ހުންނަ ކާނާ، ޖޭމް، އަދި ތައްޔާރީ ކާނާ ކެއުމުން ދުރުހެލިވާށެވެ. ދުވާލަކު އެއްގަޑިއިރު ކަސްރަތު ކުރާށެވެ. ފެތުން، ހިނގުން، ޖޮގިން، ބައިސްކަލް ދުއްވުން ފަދަ ކަމެއް ވެސް ރަނގަޅެވެ.

އިތުރަށް ވިދާޅުވޭ...

ޝަރުޢީ ޙިޖާުބުން ޙިޖާބުއެޅުމަށް ފަސްޖެހޭ ބައެއް ސަބަބުތައް

އަލް އަޚް މުޙައްމަދު ސިނާން، މޯލްޑިވިއަން ޕާލް

އިސްލާމީ ރިވެތި ޝިޢާރުތަކުގެ ތެރެއިން މުހިއްމު އެއްޝިޢާރަކީ އެދީނަށް ހެޔޮގޮތުގައި ތަބާވާމީހުންގެ ހެދުން އެޅުމުގެ ވައްޓަފާޅިއެވެ. އެބައިމީހުންނަކީ އިސްލާމްދީނުގެ މަތިވެރި މީޒާނުން ކިރާލައިގެން މެނުވީ ހެދުންލައި ޒީނަތްތެރިވެއުޅޭ ބައެއްނޫނެވެ. އެބައިމީހުންގެ ދިރިއުޅުމުގެ އެންމެހާ ކަމެއް ބިނާކުރަނީ އިސްލާމީ ބިންގަލުގެ މައްޗަށެވެ. އެދީނުގެ ޙުކުމްފުޅުތަކުގައި މަނާކުރައްވާފައިވާކަމެއްކަމުގައިވާނަމަ އެކަމަކުން ދުރުވެގަންނަބައެކެވެ. ބަޔާންވެ މިދިޔައީ ފުރިހަމައަށް ﷲއަށް ކިޔަމަންތެރި މީހުންގެ ޢަމަލުތައް ބައްޓަންކުރާނެގޮތެވެ.


މިގޮތުން، މުސްލިމް އަންހެނުންގެ ޢިއްފަތްތެރިކަމަށާއި، ރައްކާތެރިކަމަށާއި، ސަލާމަތަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާވަނީ އެކަނބަލުން ޝަރުޢީ ޙިޖާބުން ޙިޖާބުވުމަށް އަންގަވާފައެވެ. އެއްވެސް ޙާލެއްގައި އެއީ ބަޔަކަށް ދަތިއުނަދަގުލެއް ކުރިމަތިކުރެއްވުމަކަށް ނޫނެވެ. ހަމައެކަނބަލުންގެ ޢިއްފަތްތެރިކަމަށާއި، ރައްކާތެރިކަމަށާއި، ސަލާމަތަށްޓަކައެވެ. އެއީ އެކަނބަލުން ހެއްދެވި ޙިކުމަތްވަންތަ، މޮޅަށް ދެނެވޮޑިގެންވާ އިލާހުގެ އަމުރުފުޅެވެ. މިކަމާބެހޭ ވާހަކަތައް މިމަޢުޟޫޢާގުޅޭ ވަރަށްގިނަ ފޮތްފޮތުގައި ބަޔާންވެގެންވެއެވެ.

ނަމަވެސް ހިތާމައަކީ، މުސްލިމް އަންހެނުންގެ ތެރޭގައި މިމަތިވެރި ހެދުންއެޅުމުގެ ވަށްޓަފާޅިއަށް ފުރަގަސްދޭ މީހުން އުޅޭކަމެވެ. ޝަރުޢީ ޙިޖާބުން ޙިޖާބުވާން ޖެހުލުންވާމީހުން އުޅޭކަމެވެ. ކަމަކީ ބޭރުފުށުން އެންމެންނަށް ފެންނަކަމެއްކަމުގައިވުމުން މިކަމަށް ހުރަސްއަޅާ ތަފާތު އުޒުރުތަކެއް ހުރެދާނެއެވެ. މިއުޒުރުތަކާދެކޮޅަށް މީހާކުރަންޖެހޭ ޖިހާދަކީ ބޮޑުވެގެންވާ ޖިހާދެކެވެ. ޝަރުޢީ ޙިޖާބުން ޙިޖާބުވެއްޖެނަމަ އަތުވެދާނެ އިމްތިޙާނުތަކާ ދެކޮޅަށް ތިމާގެ އީމާންކަމާއި، ވިސްނުމާއި، ޤަބޫލުކުރުން ތަރުބިއްޔަތު ކޮށްގެންމެނުވީ މިކަމުގައި ފަލާޙާ ކާމިޔާބެއް ނުލިބޭނެއެވެ. މިގޮތުން މުސްލިމް އަންހެނުން ޝަރުޢީ ޙިޖާބުން ޙިޖާބުވުމަށް ހުރަސްއަޅާ ބައެއް ޢުޒުރުތަކުގެ ތެރޭގައި:

1- އަހަރެންގެ ރައްޓެހިން އަހަރެން ދޫކޮށްލާނެއެވެ.
އަހަރެންގެ ރައްޓެހިންގެ ތެރެއިން ބައެއް މީހުންނަކީ ބުރުގާނާޅާ ފެޝަނަށް ލޯބިކުރާބައެކެވެ. އަނެއްބައިމީހުންނަކީ ބުރުގާ އެޅިނަމަވެސް ފެޝަނެއްގެގޮތުން ބުރުގާ އަޅާ ބައެކެވެ. އިސްލާމްދީނުގައިވާ ބުރުގާއެޅުމަށް އަންގަވާދެއްވާފައިވާގޮތާ މިމީހުން ބުރުގާ އަޅާ ގޮތާ ޚިލާފެވެ.

އަހަރެންގެ މިރައްޓެހިންގެ މަޖަލަކަށް ވެފައިއޮންނަނީ އިސްލާމްދީނުގައިވާ ގޮތަށް ބުރުގާއަޅާ މީހުންނަށް ކުޑައިމީސްކިޔުމެވެ. ޖޯކުޖެހުމެވެ. “ހާދަ ހޫނުގަދަވާނެއެވެ.” “ފެޝަނެއް ނުދަންނަބައެކެވެ.” މިއީ ހައްތަހާވެސް އަހަރެންގެ ރައްޓެހިންގެ ދޫމަތީ ބަސްތަކެވެ. އަހަރެން ޝަރުޢީ ބުރުގާއެއް އަޅައިފިނަމަ، ރައްޓެހިންގެ މިމަލާމާތުގެ ބަސްތަކަށް ކެތްކުރާނީ ކިހިނެއް ހެއްޔެވެ؟ މިގޮތަށް އެމީހުން އަހަރެންނާ ދިމާކުރާކަށް ނޭދެމެވެ. އެމީހުން އަހަރެން ބާކީކޮށް އެއްފަރާތްކޮށްލާނެކަމުގެ ބިރު އަހަރެންގެ ހިތުގައި އުފެދެއެވެ.

2- އަހަރެންގެ ވަޒީފާ ގެއްލިދާނެއެވެ.
އަހަރެންނަކީ މަތީ ވަޒީފާއެއްގައި އުޅޭ، ބޮޑު މުސާރައެއް ލިބޭ މީހެކެވެ. ވަޒީފާއަދާކުރާތަނުގެ މުވައްޒަފުންގެ ފަރާތުންނާއި މުޖުތަމަޢުގެ ފަރާތުން ނުހަނު މަތިވެރި ޤަދަރެއް ލިބިފައިވެއެވެ. މިވަޒީފާއަކީ އަހަރެން ވަރަށް ހިތްހަމަޖެހޭ ވަޒީފާއެކެވެ. މީހުންގެ ހިތްތަކުގައި އަހަރެންނަށް ދެވިފައިވާ ލޯތްބާއި އިޙްތިރާމު އަބަދުވެސް އެގޮތުގެމަތީ ދެމިއޮންނަން ބޭނުމެވެ. މިއެންމެހާ ކަމެއް، ބޮލުގައި އަޅާލާ “ފޮތިގަނޑަކަށްޓަކައި” ނަގާލުމަކީ އަހަރެންނަށް ވާނޭ ކަމެއް ނޫނެވެ. އެފަދަ ގޮތަކަށް ހުރެ ރަސްމީ ބައްދަލުވުންތަކާއި އިޖްތިމާޢީ ކަންތައްތަކުގައި އަހަރެން އުޅޭނީ ކިހިނެއް ހެއްޔެވެ؟ މީހުން އަހަރެންނާމެދު ބުނާނީ ކީކޭ ހެއްޔެވެ؟ އަހަރެންނާމެދު މީހުން ދެކެމުން އައިގޮތް މުޅިން ބަދަލުވެދާނެއެވެ. އަހަރެން ވަޒީފާއިން ކަނޑާލަ ފާނެއެވެ. ރަނގަޅު މުސާރައެއް ލިބޭ ވަޒީފާއެއް ނުލިބޭނެއެވެ. އޭރުން އަހަރެންނާއި ދަރިންގެ ޚަރަދުތައް ބަލަހައްޓާނީ ކިހިނެއް ހެއްޔެވެ؟

3- އަހަރެންގެ އާއިލާއަކީ ފެޝަނަށް ލޯބިކުރާ އާއިލާއެކެވެ.
އަހަރެންގެ އާއިލާގައި ބުރުގާއަޅާމީހުންނާއި ނާޅާމީހުން އުޅެއެވެ. މިއެންމެންނަކީވެސް ފެޝަނަށް ވަރަށް ލޯބިކުރާ ބައެކެވެ. ހެދުން އެޅުމުގައި އެއިރެއްގެ އެންމެ ހިނގާ ފެޝަނަކަށް ޚާއްޞަ ސަމާލުކަމެއްދޭ ބައެކެވެ. ޕާޓީތަކާއި އެހެނިހެން ހަފްލާތަކުގައި އާއިލާއެންމެން އެއްވައްތަރުން، އެހަފްލާއަކާގުޅޭގޮތަށް ހެދުން އެޅުމަކީ އާއިލީ އާދަކާދައެކެވެ. މަންމަވެސް ބުރުގާ އަޅައިގެން ހުއްޓަސް ޖިންސާއި، ބާރު ޓޮޕް ލައެވެ. ގޭގެ ކޮޓަރިތަކުގެ ރީތިވާ މޭޒުމަތި ފުރި ބަނޑުންލާފައިވަނީ ރީތިވާ މޭކަޕް ސާމާނުތަކުންނެވެ. 

ދީނީ ޢިލްމު ޙާޞިލުކޮށްފައިވާ މީހެއްގެ ބަހަށް އަހަރެން އެންމެ ކުޑައިރުއްސުރެ މިއަދާހަމައަށް އުޅެމުން މިއައިގޮތް ބަދަލުކުރަންވީ ހެއްޔެވެ؟ މިއަދާޖެހެންދެން އަހަރެންނަށް ކިޔަވަދީ، އެންމެހާ ޚަރަދަކާއި، އެހީތެރިކަން ފޯރުކޮށްދެމުންގެންދިޔަ އާއިލާ މީހުންނާ ދެކޮޅަށް މިފަދަ ބަދަލެއް ގެންނާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންނާ ދެކޮޅަށް ކަމެއްކުރާކަށް އަހަރެންނަކަށް ނުކެރޭނެއެވެ.

4- މީހުންގެ ލޯތަށް އަހަރެންނާ ދިމާލަށް ހުއްޓޭނެއެވެ.
ޝަރުޢީ ބުރުގާއަކުން ބުރުގާ އަޅައިގެން މަގުމައްޗަށް ނުކުމެއްޖެނަމަ މީހުންގެ ނަޒަރު ޚާއްޞަކޮށް އަހަރެންނާ ދިމާލަށް ހުއްޓޭނެއެވެ. މީހުން ބުނެފާނެ ބަސްތަކަށް އަހަރެން ލަދުގަނެއެވެ.

5- އަހަރެން މާރަނގަޅެވެ.
ދީނީ ތަފާތު ލިޔުންތަކުންނާއި، މަޖައްލާތަކުންނާއި، ސައިޓުތަކުގައި އަންހެނުން ބުރުގާ އެޅުމުގެ ވާހަކަ ވަރަށްގިނައިން ގެނެސްފައިވާތަން ފެނެއެވެ. އެއީ ރަނގަޅުގޮތްކަންވެސް އެނގެއެވެ. ނަމަވެސް މުސްލިމުންގެ ތެރޭގައި އިސްލާމްދީނުގައި އަންގަވާ ދެއްވާފައިވާގޮތަށް ބުރުގާ ނާޅަނީ ތިމަން އެކަންޏެއްނޫނެވެ. އެތައް ބަޔަކު އެބައުޅެއެވެ. މަގުމަތިން ދާއިރު ބަލާލިޔަސް، އޮފީސްތެރެއަށް ބަލާލިޔަސް ގިނަމީހުންނަށްވުރެ އަހަރެން ހެދުންއަޅާގޮތް މާރަނގަޅެވެ. އެހާވަރުން އެކަންކަމާނޫޅުނަސް ރަނގަޅުވާނެއެވެ.

6- އިސްލާމްދީނަކީ ލުއިފަސޭހަ ދީނެކެވެ.
އިސްލާމްދީނަކީ ލުއިފަސޭހަ ދީނެއްކަމުގައި ބުނާތީ އަޑުއިވެއެވެ. ބޮޑެތި ބުރުގާތައް އަޅައިގެން އުޅޭ މީހުންނަކީ ހަރުކަށިކަމަށް ލޯބިކުރާ، އަމިއްލައަށް އުނދަގޫ ޖެހިގެން އުޅޭ ބައެކެވެ. ބުރުގާއަޅައިގެން ގޭގައާއި މަގުމަތީގައި އުޅެން ހާދައުނދަގޫ ވާނެއެވެ. ހަމައެހާމެ ހޫނުގަދަވާނެއެވެ. އަދި ބުރުގާ އެޅުމުން ބިހިނަގައި، ބޯހިރުވާ، ބޮލުން އިސްތަށިފައިބާ، ބޮލުގަރިއްސައޭ ބުނާ އަޑު އަހަމެވެ. މިހާއުނދަގުލޭ ބުނާކަމެއް އިސްލާމްދީނުގައި އޮންނާނެ ހެއްޔެވެ؟ އިސްލާމްދީނަކީ ލުއިފަސޭހަ ދީނެކެވެ. އަހަރެން ނަމާދުކޮށް، ރޯދަމަހު ރޯދަހިފާ އުޅެމެވެ. އެހައިވަރުން ފުދޭނެއެވެ.

7- އަހަރެންގެ މިނިވަންކަމެވެ.
އަހަރެންގެ ހަށިގަނޑަކީ އަހަރެންގެ އަމިއްލަ މިނިވަން އެއްޗެކެވެ. އެހަށިގަނޑާމެދު ޢަމަލުކުރަންޖެހޭގޮތް އެނގޭނީ އަހަރެންނަށެވެ. އަހަރެންގެ އަމިއްލަ މިނިވަންކަމާ އެކަކަށްވެސް ނުބެހެވޭނެއެވެ. އަހަރެންނަށް ރީތިގޮތްގޮތަށް އަހަރެންގެ ހަށިގަނޑަށް ހެދުމަކީ އަހަރެންގެ މިނިވަންކަމެވެ.

8- ދަތްހުރިދުވަހު ކާށި ކާނީއެވެ.
ބުރުގާއެޅުމަކީ ޒުވާންކަން ގެއްލުވާލާ ކަމެކެވެ. ބުރުގާ އަޅައިގެން އުޅޭ އަހަރެންގެ ބައެއް ރައްޓެހިން ފެނުމުން ހާދަ ހަޑިއެވެ. ހީވަނީ ދުވަސްވެފައިވާ ބައެއް ހެންނެވެ. ޒުވާންކަމުގެ ލައްޒަތްތައް އެމީހުންނަށް އެވަނީ ގެއްލިފައެވެ. އަދި އަހަރެން މިއުޅެނީ “ޓީނޭޖު” މިކިޔާ އުމުރުތަކުގައެވެ. އަދި އުމުރުގައި ވަރަށްދުވަސް ބާކީ އެބައޮތެވެ. މީހަކާ އިނދެފައި، ނުވަތަ މުސްކުޅިވުމުން ތަވްބާވެފައި ބުރުގާ އަޅާނީއެވެ. އެހެންނޫނީ ޒުވާންކަމުގެ މިދުވަސްތަކުން ލިބެންއޮތް ލައްޒަތުތައް ގެއްލިގެންދާނެއެވެ.

ބަޔާންވެމިދިޔައީ، އަޅުގަނޑުމެންގެ މުޖުތަޢުތެރޭގައި، ޝަރުޢީ ބުރުގާއިން ބުރުގާއެޅުމަށް ހުރަސްއަޅާ ބައެއްސަބަބުތައް ކުރުގޮތަކަށް ބަޔާންވެގެންނެވެ. މިޢުޒުރުތަކުގެ ސަބަބުން ނުވަތަ މީގެން ޢުޒުރެއް މެދުވެރިވުމުން ﷲގެ އަމުރުފުޅުން އިސްތިޘްނާ ވެވިދާނެ ހެއްޔެވެ؟

ލޮބުވެތި އުޚުތާއެވެ! އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި، ﷲ ސުބުޙާނަހޫ ވަތަޢާލާއީ ޙައްޤު އިލާހެވެ. އެއިލާހުގެ ފޮތް އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ފެންނާށެވެ. އެފޮތުގައި، އެއިލާހު ވަނީ އެންމެހާ ކަމެއްގެ ބާރާއި، މީސްތަކުންގެ ރިޒްޤާއި، އެންމެހާ ކަމެއް ހިނގަމުން ދަނީ އެއިލާހުގެ ފުރިހަމަ ބައްލަވާވޮޑިގަތުމުގެ ދަށުން، އެއިލާހުގެ އަމުރުފުޅާއެކުގައި ކަމުގައި އަންގަވާފައެވެ. މިކަންކަމަކީ ﷲ އަކީ އިލާހެއްކަމުގައި އަޅުގަނޑުމެން އީމާންވާނަމަ ހިތުގެ އަޑިން ޤަބޫލުކުރުން ލާޒިމުކަންކަމެވެ. ހަމައެފަދައިން، ﷲ ވަނީ އެއިލާހުގެ ފޮތުގެ އެތައްތަނެއްގައި އެއިލާހުގެ އަމުރުފުޅުތަކަށާއި، އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމައަށް ތަބާވުމަށް އަންގަވާ އަމުރުކުރައްވާފައެވެ. މިބަސްފުޅުތަކާމެދު ވިސްނާފިކުރުނުކުރަނީ ކީއްވެތޯއެވެ؟

ﷲ އެއިލާހުގެ ފޮތުގައި އަންގަވާ ކަންކަމާމެދު ވިސްނާފިކުރުކޮށްލުމަށް ވަގުތުކޮޅެއް ދޭށެވެ! ﷲ ވަނީ އެއިލާހުގެ ފޮތުގައި މުސްލިމް އަންހެނުން ޝަރުޢީ ޙިޖާބުން ޙިޖާބުވުމަށް އަންގަވާފައެވެ. އެއީ ތިބާއަށް އުނދަގުލަކަށެއް ނޫނެވެ. ހަމަ ތިބާގެ ސަލާމަތާއި ރައްކާތެރިކަމަށާއި ބާއްޖަވެރިކަމަށެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ((يَا أَيُّهَا النَّبِيُّ قُلْ لأَزْوَاجِكَ وَبَنَاتِكَ وَنِسَاءِ الْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِنْ جَلابِيبِهِنَّ ذَلِكَ أَدْنَى أَنْ يُعْرَفْنَ فَلا يُؤْذَيْنَ وَكَانَ اللَّهُ غَفُوراً رَحِيماً)) (الأحزاب: 59) މާނައީ: “އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިދަރިކަނބަލުންނާއި މުއުމިނުންގެ އަންހެނުން އެކަނބަލުންގެ ފޭރާންތަކުން ނިވާވެ ތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި (އެބަހީ އެކަނބަލުންނަކީ، ޢިއްފަތްތެރި އަދި މިނިވަން އަންހެނުންކަން އެނގިގެންވުމަށާއި) އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. ﷲއީ، ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.” ސުބުޙާނަﷲ! މިއާޔަތުގައި ހަމައެކަނި ޙިޖާބުވުމަށް އަންގަވާފައި ﷲ ފުއްދަވާލެއްވީއެއް ނޫނެވެ. ހަމައެއާއެކު، އެކަމުގެ މުހިއްމުކަމާއި، އެކަމުގެ ބޭނުން މިއާޔަތުގެ ފަހަތުކޮޅުގައި އެވަނީ އަންގަވާ ދެއްވާފައެވެ. ތިބާއީ މުއުމިނު އަންހެނެއްކަމުގައި ވާނަމަ އަވަހަށް މިގޮވާލުމަށް އިޖާބަދިނުމަށް އަވަސްވެގަންނަށް ނުވޭތޯއެވެ؟

ޙައްޤަކީ ޝަރުޢީ ޙިޖާބުވުންކަމުގައި ތިބާއަށް ޤަބޫލުކުރެވޭނެކަމަށް އުއްމީދުކުރަމެވެ. ވީހިނދު، ޙައްޤު އެނގި ބަޔާންވެފައި ވަނިކޮށް، ބާޠިލު މަގުން ހިނގުމަށް ޚިޔާރުކުރާނީ ކިހާބޮޑު މޮޔައެއްތޯއެވެ؟ ވަގުތުފާއިތުވުމުގެ ކުރިން ޙައްޤަށް ރުޖޫޢަވެވަޑައިގަންނަވާށެވެ. ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިކަން އަދާކުރުމުގައި ސާބިތުވެ ހުންނަ، ރިވެތި ނަމޫނާއަކަށް ވާށެވެ. ﷲ ތިބާއަށް ރަޙްމަތް ލައްވާނެތެވެ!

ޝަރުޢީ ޙިޖާބު އެޅުމުގެ ސަބަބުން މުޞީބާތްތަކެއް ޖެހުމަކީ އެކަށީގެންވާކަމެކެވެ. އެކަމާ ހިތާމަކުރުމުގެ ބަދަލުގައި އުފާކުރާށެވެ. ﷲއަށްޓަކައި ތިމާގެ އަމިއްލަ އެދުން ދޫކުރާމީހަކަށްވުރެ މަތިވެރިމީހަކު ހުންނާނެތޯއެވެ؟ އެފަދަ މުޞީބާތުގެ ދަނޑިވަޅުތަކުގައި، ﷲ އަށް ރުޖޫޢަވުމުގެ ވަރުގަދަ ވާފަށުގައި ހިއްޕަވާށެވެ. އަބަދުވެސް ﷲ ގެ ނަޞްރު ލިބޭނީ އެއިލާހުގެ މަގުގައި ޘާބިތުވާ މީހުންނަށްކަން ހަނދާން ބަހައްޓަވާށެވެ. އެދިމާވާ މުޞީބާތްތަކަށް ކެތްކުރުމަކީ، ތިބާގެ ހެޔޮކަމުގެ ތިލަފަތް އިންތިހާއަށް ބަރުވެގެންދާނެކަމެއްކަން ދަންނާށެވެ. ތިބާ ފަދަ ކިތައްތައް ޞާލިޙު މުސްލިމް އަންހެނުން އެގޮތުގައި އުޅޭނެކަން ވިސްނާލައްވާށެވެ.

ހަނދާން ނައްތާނުލާށެވެ! ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ތަޤްވާވެރިވާ މީހުންނަށް އެއިލާހުގެ މަދަދާއި ނަޞްރު ލިބޭނެކަން ހަނދުމަކުރައްވާށެވެ. އެއިލާހު ދެއްވަން ހުރި އެއްޗެއް އެއްވެސް މީހަކަށް ނުހުއްޓުވޭނެއެވެ. އަދި އެއިލާހު މަނާ ކުރެއްވި އެއްޗެއް ދެވޭނެ ހަމައެކަކުވެސް ނުވެއެވެ. މުދަލަކީ ﷲގެ މުދަލެވެ. އަޅުގަނޑުމެންނަށް އޮތީ ﷲ އެންގެވިގޮތުގެ މަތީން އެހޯދުމަށް ސަބަބުތަކުގައި ހިފުމެވެ.

ޝަރުޢީ ޙިޖާބުން ޙިޖާބުވުމަކީ ތަޤްވާވެރިކަމެކެވެ. ތަޤްވާވެރިންނަށް ﷲ ދެއްވަވާފައިވާ އުފާވެރިކަން ބައްލަވާށެވެ. ((وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مَخْرَجاً * وَيَرْزُقْهُ مِنْ حَيْثُ لا يَحْتَسِبُ وَمَنْ يَتَوَكَّلْ عَلَى اللَّهِ فَهُوَ حَسْبُهُ)) الطلاق: 2-3 މާނައީ: “އަދި ﷲ އަށް އަދި ﷲاللَّهއަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އެކަލާނގެ އޭނާޔަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސްނުކުރާފަދަ ގޮތްގޮތުން އެކަލާނގެ އޭނާޔަށް ރިޒްޤު ދެއްވާނެތެވެ. އަދި ﷲاللَّهއަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.” މިއާޔަތުގައި ﷲ އެއަންގަވަނީ އެއިލާހަށް ތަޤްވާވެރިވުމަށެވެ. އަޅުގަނޑުމެން ތަޤްވާވެރިވަނީނަމަ، ދުނިޔެއާއި އާޚިރަތުގައި ދިމާވާ އެންމެހާ މުޞީބާތްތަކުން ސަލާމަތްވާނެ މަގުދައްކަވާނެތެވެ. އަދި އެމީހަކަށް އެކަލާނގެ ރިޒްޤު ތަނަވަސްކޮށް ދެއްވާނެތެވެ. މިއީ ﷲގެ ވަޢުދުފުޅެކެވެ. އެއިލާހުގެ ވަޢުދުފުޅާ އެއިލާހު ޚިލާފުވެވޮޑިގެންނުވެއެވެ. އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. ((وَمَنْ يَتَّقِ اللَّهَ يَجْعَلْ لَهُ مِنْ أَمْرِهِ يُسْراً)) الطلاق: 4 މާނައީ: “އަދި ﷲއަށް ތަޤްވާވެރިވާމީހާ (ދަންނާށެވެ!) އޭނާގެ ކަންތަކުގައި އެކަލާނގެ އޭނާޔަށް ފަސޭހަކަން ލައްވާނެތެވެ.”

ކަންމިހެން ހުރިއިރު، ﷲގެ އަމުރުފުޅު ތަކަށް އިޖާބަދޭށެވެ. ތިބާ ހިމާޔަތްކުރެއްވުމުގައި ﷲ ވޮޑިގެންވާނެތެވެ. ތިބާގެ ޢުޒުރުތަކަށްވުރެ، ﷲގެ އަމުރުފުޅު މީޒާނުގައި ބަރުވެގެންވާކަން ދަންނާށެވެ. ފަހެ، ﷲ އަށްވުރެ ބާރުގަދަ އެއްވެސް ފަރާތެއް ނުވެއެވެ. އަދި ވަކީލުކުރުމަށް އެއިލާހަށްވުރެ މަތިވެރިވެގެންވަނީ ފަހެ ކޮންފަރާތެއް ހެއްޔެވެ؟

އިތުރަށް ވިދާޅުވޭ...

Saturday, January 28, 2012

ޝަރުއީ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި އަބްދުﷲ ގާޒީ، އަސްކަރީ ބަންދުން މިނިވަންކުރަން ޖެހޭނެ: އދ

ހަވީރު ނިއުސް ސާރވިސް

ޝަރުއީ ދާއިރާ އާއި ސަރުކާރާ ދެމެދު ދިމާވެފައިވާ ދެބަސްވުންތަކަށް ހައްލެއް ހޯދުމަށް އދ. ގެ އެހީއަށް ދިވެހި ސަރުކާރުން އެދިފައިވާއިރު، މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ސިފައިން ބަންދުކޮށްފައިވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހަންމަދު "އަސްކަރީ ބަންދު" ން މިނިވަންކުރަންޖެހޭނެ ކަމަށް ނުވަތަ އޭނާއާ މެދު ކުރެވޭ ތުހުމަތާ ގުޅިގެން ދައުވާ ކުރުމަށް އދ. އިން ގޮވާލައިފި އެވެ.

އދ. ގެ ހިއުމަން ރައިޓްސް އޮފީހުގެ ތަރުޖަމާން ރަވީނާ ޝަމްދަސާނީއާ ހަވާލާދީ އެސޯސިއޭޓް ޕްރެސް (އޭޕީ) އިން ބުނެފައި ވަނީ، ދިވެހި ސަރުކާރުން އެދުނު ކަންތައްތަކަށް އިޖާބަދިނުމާ ގުޅޭ ގޮތުން އަދިވެސް ދަނީ މަޝްވަރާކުރަމުން ކަމަށެވެ.
"ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށްޓަކައި، ފަނޑިޔާރު އަބްދުﷲއާ މެދު ގާނޫނީ އިމުގެ ތެރޭގައި ފިޔަވަޅު އަޅަން ޖެހޭނެ. މާނަ އަކީ އަސްކަރީ ބަންދުން އޭނާ މިނިވަންކޮށް، ދައުވާކުރުމަށްޓަކައި ކޯޓަށް ހާޒިރުކުރުން ނުވަތަ ދޫކޮށްލުން،" ރަވީނާ ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކޮށްފައިވާ މައްސަލާގައި އދ. އިން ކަންބޮޑުވިއިރު، ފޮރިން މިނިސްޓަރު އަހުމަދު ނަސީމް އެމްޑީޕީ ހަރުގޭގައި މިދިޔަ ހަފުތާގައި ވިދާޅުވެފައި ވަނީ، އެ މައްސަލާގައި ރާއްޖެއިން ބޭރުން އެންމެ ކޯލެއް ވެސް ނާންނަ ކަމަށެވެ.
"މިހާރު އަޅުގަނޑަށް އަބްދުﷲ ގާޒީގެ ކަންތައްތަކާ ބެހޭ ގޮތުން ނޫނީ ރާއްޖޭގައި ހިނގާ ކަންތައްތަކާ ބެހޭ ގޮތުން ހަމަ އެންމެ ކޯލެއް ވެސް ނާދޭ. ހަމަ އެއްވެސް ކޯލެއް ނާދޭ. އެއްވެސް ސުވާލެއް ވެސް ނުކުރޭ. ހަމަ އެއްކަމެއް ނުކުރޭ،" އޭނާ ވިދާޅުވެފައިވެ އެވެ.
ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް އަބްދުﷲ ގާޒީ ހައްޔަރުކޮށް ބަހައްޓާފައި ވަނީ ސިފައިންގެ ތަމްރީން މަރުކަޒެއް ކަމަށްވާ ގިރިފުށީގަ އެވެ. އަދި އޭނާ ދޫކޮށްލުމަށް ސުޕްރީމް ކޯޓާއި ހައި ކޯޓުން ކުރި އަމުރަށް ސަލާމަތީ ބާރުތަކުން ތަބާވެފައި ނުވާތީ ގިނަ ބައެއްގެ ފާޑުކިއުންތައް ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އެއާއެކު އަބްދުﷲ ގާޒީ މިނިވަންނުކޮށްގެން ކޮންމެ ރެއަކު އިދިކޮޅު ފަރާތްތަކުން މާލޭގައި ގެންދަނީ މުޒާހަރާ ކުރަމުންނެވެ.

އިތުރަށް ވިދާޅުވޭ...

Friday, January 27, 2012

އަފްޣާނިސްތާނުގެ ޒުވާން އަންހެނަކު އެއްމާބަނޑު 6 ކުދިން ވިހައިފި

މުހައްމަދު ޖަވާދު ޔޫސުފު، ސަން އޮންލައިން

ކާބުލް (ޖަނަވަރީ 28) : އަފްޣާނިސްތާނުގެ ޒުވާން އަންހެނަކު އެއްމާބަނޑު ހަ ކުދިން ވިހައިފި އެވެ. ސާރާ ޖޯލް ނަމަކަށްކިޔާ އުމުރުން 22 އަހަރުގެ މިއަންހެން މީހާއަކީ އަފްޣާނިސްތާނުގެ ވަރަށް ފަގީރު ރައްފުށުގެ ސަރަޙައްދެއް ކަމަށްވާ ބަލްޚް ގެ ވިލެޖެއްގައި ދިރިއުޅޭ ފަގީރު މީހެކެވެ.

އޭނާގެ ފިރިމިހާ ކަމަށްވާ އުމުރުން 27 އަހަރުގެ ޝުކްރުﷲ އަކީ ވަޒީފާނެތް މީހެކެވެ. މިމަހުގެ 25 ވަނަ ދުވަހު، މިއަންހެން މީހާ ވިހޭ ހަ ކުދިންގެ ތެރޭގައި ހިމެނެނީ ތިން ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނެވެ. މީގެތެރެއިން އެއްމެ ކުއްޖެއްގެ ބަރުދަން ލުއިވުން ފިޔަވައި އެއްވެސް މައްސަލައެއްނެތްކަމަށާއި އަންހެންމީހާގެ ޙާލުވެސް ރަނގަނޅު ކަމަށް އެސަރަޙައްދުގެ ހޮސްޕިޓަލުގެ އަންހެނުންގެ ބަލިތަކާ ބެހޭ ޑޮކްޓަރެއް ކަމަށްވާ ޢަބްދުއްރައޫފް ވިދާޅުވި އެވެ.
އެއްމާބަނޑު ހަ ކުދިން ވިހޭ އަންހެންމީހާ ހާމަކުރި ގޮތުގައި އޭނާ އާއި ފިރިމިހާގެ ފަގީރުކަމުގެ ސަބަބުން ދަރިން ނުބެލިދާނެކަމުގެ ބިރުހީވެގެން ދަރިވައްޓާލުމަށް ވެސް އޭނާ ވަނީ މަސައްކަތްކޮށްފަ އެވެ. މިގޮތުން ދަރި ވައްޓާލުމަށްޓަކައި މާބަނޑު ޙާލަތުގައި ހުރެ އުސްފާރެއްގެމަތިން ފުންމާލާފައިވާނެ ކަމަށާ މިކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭކަން ފަހުން ހާމަވެފައިވާ ކަމަށް އަންހެން މީހާ ބުނެފައިވެ އެވެ.
ނަމަވެސް ފިރިމީހާ ވަނީ އޭނާ އަށް ލިބުނު އެއްމާބަނޑު ހަ ކުދިންނަށްޓަކައި މާތް ﷲ އަށް ޝުކުރުވެރިވާ ކަމަށާއި ފަގީރުކަމުން އެކުދިންނަށް ރިޒްޤު ނުލިބިދާނެކަމުގެ ބިރު އިޙްސާސް ނުކުރާ ކަމަށް ބުނެފަ އެވެ. ކޮންމެ ޖިންސަކުން ތިން ކުދިން އެއްފަހަރާ ލިބުމުން ވަރަށް ބޮޑު އުފަލެއް ލިބުނު ކަމަށް އަންހެންމީހާގެ ފިރިމީހާ ބުނެފައިވެ އެވެ. ތަބީޢީ ގޮތުން ބަލިވެއިންނައިރު އެއްމާބަނޑު ހަ ކުދިންނަށް ބަލިވެއިނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށާއި ނަމަވެސް ސިނާޢީ ވަސީލަތްތަކުގެ އެހީގައި ބަލިވެއިންނަ އިރު މިއީ އާންމުކަމެއް ކަމަށް ސިއްޙަތާބެހޭ ތަޖްރިބާކާރުން ބުނެ އެވެ.
30 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އަފްޣާނިސްތާނަކީ ދުނިޔޭގެ އެންމެ ފަގީރު އެއްޤައުމެވެ. އެޤައުމުގެ ޓޯޓަލް ފާޓީލިޓީ ރޭޓް (އަންހެނަކު އެވްރެޖްކޮށް ވިހާ ކުދިންގެ ޢަދަދު) އަކީ ހަ ކުދިންނެވެ. އަފްޣާނިސްތާނަކީ އާބާދީ އިތުރުވާމިންވަރު ދުނިޔޭގައި އެންމެމަތި އެއް ޤައުމެވެ. (ރޮއިޓާސް)

އިތުރަށް ވިދާޅުވޭ...

ލޮބުވެތި ދިވެހި ޤައުމުގެ ޚިދުމަތުގައި ދެމިތިބޭށެވެ.

އަލްއަޚް، އިސްމާއީލް ޢަލީ 

ދިވެހި ގައުމަކީ، ފަޚުރުވެރި، ކަރާމާތްތެރި ތަނެކެވެ. މި ގައުމުގައި ގުގުމަނީ ﷲގެ މަތިވެރި ކަލިމައެވެ. އަބަދާއި އަބަދު ﷲގެ މަތިވެރިކަން ހާމަކޮށްދެއެވެ. އެހެންފަރާތަކަށް އަޅުކަން ކުރާކަށް މި ގައުމުގައި ތަނެއް ނެތެވެ. 

މި ގައުމުގައި ދިރި އުޅެނީ އަޚުންނާއި، އުޚުތުންނެވެ. ދީނުގެ ގޮތުން އަޅުގަނޑު މެންނަކީ އެއްބަޑު އެއްބަފާ ބަޔަކީމެވެ. ވަކި ކުލައެއްގެ ބަޔަކަށް ވާތީ ދަށްކޮށްލުމުގެ އެސޫލު އަޅުގަނޑު މެންގެ ތެރެއަކު އޮވެގެން ނުވާނެއެވެ. ތަފާތު ހިޔާލާއި، ފިކުރުގެ ތެރޭގައިވެސް އަޅުގަނޑުމެން ތަބާވާންޖެހޭ އުސޫލު ތަކެއް އެބަހުއްޓެވެ. ދީނުގައި އަންގަވާ ފައިވާ އުސޫލުތަކަށް އަޅުގަނޑުމެން ތަބާ ވާންޖެހޭ އުސޫލުތަކެއް އެބަހުއްޓެވެ. ދީނުގެއި އަންގަވާފައިވާ އުސޫލުތަކަށް އަޅުގަނޑުމެން ތަބާވާން ޖެހޭނެއެވެ. އިސްލާމް ދީނުގެ އުސޫލު ތަކާކީ، އެންމެ ފުރިހަމަ އުސޫލެތަކެވެ. އިސްލާމް ދީނުގެ ކުރިޔަކަށް އެހެންދީނުގެ ގޮތްތަކެއް ނުގެނެވޭނެއެވެ. އެެއީ ހުރިހާތަނަކަށާއި، ހުރިހާ ޒަމާނަކަށް ފެތޭ އުސޫލު ތަކަކަށް ވާތީ، ޒަމާން ކިތަންމެ ޒަމާނީ އުސޫލު ތަކެއް ދެއްކި ކަމުގައި ވިޔަސް އިސްލާމީ އުސޫލު ތަކަށް ޢަމަލު ކުރާކަށް އެއްވެސް ދަތިކަމެއް ނުއޮންނާނެއެވެ.

ދިވެހިނަނަކީ ރިވެތި އުސޫލު ތަކާއި، އާދަ ކާދައިގެ ބައެކެވެ. ޚާއްޞަ ގޮތެއްގައި މެހެމާނުންނަށް ކަމޭހިތުމާއި، އެކަކު އަނެކަކަށް އަޅާލުމުގެ ރީތި އުސޫލު ދިވެހިންގެ ތެރޭގައި އެބައޮތެވެ. ގާތްތިމާގެ ކަމުގެ ގުޅުން ބަދަހި ކުރުމާއި، އެކަކު އަނެކެއްގެ އުފަލާއި، ހިތާމައިގަ ބައިވެރިވުން ހިމެނެއެވެ. 

ދިވެހިބަހަކީ، ދިވެހިންގެ އަގުބޮޑު ބަހާ އެކެވެ. ދިވެހިބަހުން ވާހަކަ ދެއްކުމަކީ އަޅުގަނޑުމެން ފަޚުރުވެރިވާ ކަމަކަށް ހަދަންވާނެއެވެ. އެހެނިހެން ޤައުމުތަކުގެ މީހުން ދިވެހިބަހުން ވާހަކަދައްކާތީ އަޅުގަނޑުމެން ނުހަނު ބޮޑަށް އުފާވެއެވެ. ދިވެހިބަހުން ވާހަކަ ދެއްކުމުގައި ބީރައްޓެހި ގޮތެއްހުރެއެވެ. އެގޮތަށް އަޅުގަނޑުމެން ވާހަކަ ދެއްކުމުގެ ބަދަލުގައި ސާފު ދިވެހިބަހުން ވާހަކަ ދައްކަން ދަސްކޮށް ދިނުމީ އަޅުގަނޑުމެން ކުރަންވެއްޖެ ކަމެކެވެ. ދިވެހިބަހުން ވާހަކަ ދައްކާއިރު ކުށްބަސް ބައެއް ފަރާތްތަކުން ބޭނުން ކުރެއެވެ. މިފަދަ ހާލަތް ތަކުގައި އެކުށްބަސް ރަގަޅު ކުރުމަކީ އެކަން ފާހަގަ ކުރެވުނު ކޮންމެ މީހެއްގެ ޒިންމާއެކެވެ.

ދިވެހި ޤައުމަކީ ހުނަރުވެރި މަސައްކަތްތެރި ބަޔަކު ދިރިއުޅެފައިވާ އަދި ދިރި އުޅެމުންދާ ޤައުމެކެވެ. މިކަމުގެ ހެކި ރާއްޖޭގައި ބިނާތަކުންނާއި، އޮޑިދޯނި ފަހަރާއި ގެވެހި ކަންވާރުން ފާހަގަ ކުރެވޭނެއެވެ. އަންނަން އޮތްޖީލުތަކަށް ކާބަފައިންގެ ހުނަރު ވެރިކަން ވާރުތަކޮށް ދުނުމަކީ އަޅުގަނޑު މެން ކޮޑުގައި އެޅިފައިވާ ނުހަނު ބޮޑު މަސްއޫލިއްޔަތެކެވެ.

ދިވެހިދިދަ ޖައްވުގައި މިނިވަންކަމާއި އެކު ވިހުރުވެމުން ދާއިރު ހަދާންވަނީ ދިވެހި ކާބަފައިން ޤައުމުގެ މިނިވަންކަމާއި އިސްތިސްތިޤްލާލު ދެމެހެއްޓުމަށްޓަކައި ކުރެއްވި އަގުނުކުރެވޭފަދަ ހިދުމަތްތަކެވެ. މިލޮބުވެތި ފަސްގަނޑަށްޓަކައި ޤުރުބާން ތަކެއް ވެލައްވާފައިވާ ކަމެވެ. އަޅުގަންޑުމެންވެސް ކާބަފައިން ފަދައިން ދީނާއި ޤައުމަށް ޓަކައި ޤުރްބާން ވާން ޖެހޭނެކަން ހަނދާން ކޮށްދެއެވެ.

ދިވެހި ޤައުމަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ ތަނެކެވެ. އަޅުގަނޑުމެންގެ ވެށީގެ ކޮންމެ އެއްޗަކީ އަގުބޮޑު އެއްޗެކެވެ. އަދި އެހާމެ ނާޒުކު އެއްޗެއްވެސްމެއެވެ. ވުމާއި އެކު ޤައުމުގެ ވެށި ރައްކާތެރި ކޮށް ޙިމާޔަތް ކުރުމަކީ ކޮންމެ ދިވެއްސަކާއި ދިވެހި ފަސްގަނޑުގައި ފައިޖެހުނު ކޮންމެ މީހެއްގެ ވަރަށް ބޮޑުޒިންމާ އެކެވެ.

ދިވެހިން ދިވެހި ޤައުމް ދެކެލޯބިވާން ވާނެއެވެ. ވިކަމަށްޓަކައި މާތްވި އިސްލާމް ދީނުގައި ފައިތިލަސާބިތުކޮށްގެން ތިބެންވާނެއެވެ. މީހަކު ޖަހާހައި ބެރަކަށް ނަށައިގެންނުވާނެއެވެ. ދިވެހިބަހާއި، އާދަކާދައާއި ޡަޤާފަތް ދިރުވާ އާލާކުރަންވާނެއެވެ. ދިވެހި ޤައުމުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުން ކުރުމާއި، ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ރޫޙު އާލާކުރަން މަސައްކަތް ކުރަންވާނެއެވެ.

----------
(ނިމުނީ)

އިތުރަށް ވިދާޅުވޭ...

ސުންނަތް: އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރު

ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ

"ޤުރުއާން ޤަބޫލު ކުރިއަސް އަހަރެމެންނަށް ސުންނަތް ޤަބޫލު ނުކުރެވޭނޭ ކަމުގައި ދަޢުވާކުރާ ބަޔަކު އިސްލާމުންނަށް ނިސްބަތްވާ މީހުންގެ ތެރޭގައި އެބައުޅެއެވެ. ޙަދީޘްކުރައްވާފައިވެއެވެ. "މިއުއްމަތުގެ ބަޔަކު ތިމަންކަލޭގެފާނުގެ ބަސްފުޅު ދޮގުކުރާ ދުވަހެއް އައުން ވަރަށް ގާތެވެ. އެފަދަ މީހަކަށް ތިމަންކަލޭގެފާނުގެ ޙަދީޘްފުޅު އިވޭ ހިނދު ބޮޑާކަމާއިއެކު ލެނގިލައިގެންހުރެ ބުނާނެއެވެ. ތިޔަބައިމީހުންނާއި އަހަރެމެންނާ ދެމެދު މިވަނީ ﷲގެ ފޮތެވެ. ފަހެ މިފޮތުގައި ޙަލާލުކަމުގައި އައިސްފައިވާ ކަމެއްވިއްޔާ އެކަމަކީ ޙަލާލުކަމެއް ކަމުގައި އަހަރެމެން ބަލާފާނަމެވެ. އަދި މިފޮތުގައި ޙަރާމްކަމެއް ކަމުގައި އައިސްފައިވާ ކަމެއްވިއްޔާ އެއީ ޙަރާމްކަމެއް ކަމުގައި އަހަރެމެން ބަލާފާނަމެވެ."


މިމަޒުމޫނުގައި އަޅުގަނޑު ބަލާފައިވާނީ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ މަޞްދަރެއްގެ ޙައިޘިއްޔަތުންނެވެ. އެހެން ޢިބާރާތަކުން ދަންނަވާ ނަމަ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ މުސްލިމުން އެއަށް ޢަމަލު ކުރުން ވާޖިބު އެއްޗެއްކަން ސާބިތުކޮށް ދިނުމުގެ މައްޗަށެވެ. މިމައްސަލައަކީ ފަހަކަށް އައިސް މުސްލިމުންގެ ތެރެއިން ގިނަ ބަޔަކަށް އޮޅިފައިވާ މައްސަލައެކެވެ. ޤުރުއާން ޤަބޫލު ކުރިއަސް އަހަރެމެންނަށް ސުންނަތް ޤަބޫލު ނުކުރެވޭނޭ ކަމުގައި ދަޢުވާކުރާ ބަޔަކު އިސްލާމުންނަށް ނިސްބަތްވާ މީހުންގެ ތެރޭގައި އެބައުޅެއެވެ. މީގެ ތެރެއިން ބައެއް މީހުން ބުނަނީ ސުންނަތް އަހަރެމެންނާ ހަމައަށް އައިސްފައިވަނީ އެހާ އިތުބާރު ހުރި ގޮތަކަށް ނޫނެވެ. އަނެއް ބަޔަކު ބުނަނީ ޤުރުއާނުގައި އައިސްފައިވާ ޙުކުމުގެ އިތުރަށް ސުންނަތުން އައިސްފައިވާ ޙުކުމެއް ޤަބޫލު ނުކުރެވޭނޭ ކަމުގައެވެ. ހަމަ އެފަދައިން މުސްލިމުންގެ ތެރެއިން ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ސުންނަތުން ސާބިތުވިއަސް ޤުރުއާނުގައި އޭގެ ޙުކުމް އައިސްފައިނުވާ ކޮންމެ ކަމަކީ ކުރުމުން ޘަވާބު ލިބޭ އަދި ނުކޮށް ދޫކޮށް ލިޔަސް ޢަޛާބު ނުލިބޭ ކަމެއް ކަމަށެވެ.

އާދެ! ސުންނަތަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ސާބިތުވެފައިވާ އެކަލޭގެފާނުގެ އެންމެހައި ބަސްފުޅު ތަކާއި އެކަލޭގެފާނު ކުރައްވާފައިވާ އެންމެހައި ކަންތައްތަކާއި އެކަލޭގެފާނުގެ ކުރިފުޅު މަތީގައި ކަމެއް ހިނގައި އެކަމަކަށް އިންކާރު ނުކުރެއްވި ކޮންމެ ކަމެކެވެ. ބައެއް ފަހަރު ބިދުޢަތުގެ އިދިކޮޅު މާނައަށްވެސް ސުންނަތޭ ކިޔައެވެ. މިވެނި ކަމަކީ ސުންނަތެކެވެ. އެވެނި ކަމަކީ ބިދުޢަތެކެވެ ބުނާ ބީދައިންނެވެ. އެބަހީ އަޅުކަމެއްގެ ގޮތުގައި ކުރަން ސުންނަތުން ސާބިތުވާ ކަންކަމާއި ސާބިތުނުވާ ކަންކަމެވެ.

ފިޤްހު ޢިލްމުވެރިންގެ އިޞްތިލާޙްގައި ޢިބާދާތުގެ ކަންތައްތަކުގެ ތެރެއިން ސުންނަތް ކަންތަކަކީ އެކަމެއް ކުރުމުން ޘަވާބުލިބޭ އަދި ނުކޮށް ދޫކޮށް ލިއަސް ޢަޛާބު ނުލިބޭ ކަންކަމެވެ. މީގެތެރޭގައި ރަވާތިބު ސުންނަތާއި ޝައްވާލު މަހުން ހަދުވަހު ރޯދަ ހިފުމާއި އެއްފަހަރަށް ވުރެ ގިނަ ފަހަރަށް ޙައްޖުވުން ފަދަ ކަންކަން ހިމެނެއެވެ.

ކީރިތި ޤުރުއާނާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ އިސްލާމްދީނުގެ މައިގަނޑު ދެ މަޞްދަރެވެ. ޤުރުއާނާ ސުންނަތާ ދެމެދު ވާ ގުޅުމަކީ ޝަހާދަތުގެ ދެކަލިމައާ ދެމެދު ވާ ގުޅުމެވެ. އެދެކަލިމަ އެކަތި އަނެކައްޗާ ވަކިނުވާ ފަދައިން ޤުރުއާނާ ސުންނަތާވެސް ވަތްކެއް ނުކުރެވޭނެއެވެ. ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި އެއަށް އީމާން ނުވާހާ ހިނދަކު އެއްވެސް މީހެއްގެ އީމާންކަން ފުރިހަމަ ނުވާ ފަދައިން ޤުރުއާނާއި ސުންނަތް ޤަބޫލުކޮށް މިދެމަޞްދަރުގެ ޙުކުމްތަކަށް ތަބާ ނުވަނީސް އެމީހުންގެ އީމާންތެރިކަން ފުރިހަމައެއް ނުވާނެއެވެ.

ޝައްކެއްނެތް ގޮތުގައި އިސްލާމްދީނުގެ ހުރިހާ ޙުކުމް ތަކުގެ ތަފްޞީލު ޤުރުއާނުގައި އިސްފައެއް ނުވެއެވެ. ޤުރުއާނުގައި ގިނަ ޙުކުމް ތައް އައިސްފައިވަނީ އިޖްމާލީ ގޮތެއްގައެވެ. ނަމަވެސް އޭގެ ތަފްޞީލާއި އެކަން ކުރަންވީގޮތް އައިސްފައިވަނީ ސުންނަތުގައެވެ. ރަސޫލު ކަމާއިގެން ފޮނުއްވި އިރު އެކަލޭގެފާނުގެ މައްޗަށް ބާވައި ލެއްވި ޤުރުއާނުގައިވާ ޙުކުމްތައް މީސްތަކުންނަށް ބަޔާންކޮށް ދެއްވުމަށް މާތްﷲ ވަނީ އެކަލޭގެފާނަށް އަމުރު ކުރައްވާފައެވެ. އެކަލާނގެ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ (النحل44)
މާނައީ: "އަދި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ޤުރުއާން ބާވައި ލެއްވީ އެބައިމީހުންނަށް ބާވައިލެއްވި ތަކެތި މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެބައިމީހުން ފިކުރު ކުރުމަށްޓަކައެވެ."

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ ޤުރުއާނުގައިވާ އެންމެހައި ޙުކުމް ތަކާއި އިރުޝާދުތައް މީސްތަކުންނަށް ޢަމަލީ ގޮތުން ދަސްކޮށް ދެއްވާފައެވެ. ބަޔާން ކޮށްދެއްވާ ފައެވެ. މުސްލިމުންގެ މައްޗަށް ޙައްޖު ފަރުޟު ކުރެއްވިކަން ޤުރުއާނުގައި މާތްﷲ އަންގަވާފައި ވެއެވެ. ނަމަވެސް ޙައްޖުގެ އަޅުކަންތައް ފުރިހަމަ ކުރާނޭ ގޮތުގެ ތަފްޞީލު ޤުރުއާނުގައި އައިސްފައެއް ނުވެއެވެ. އެކަންތައްތައް އައިސްފައިވަނީ ސުންނަތުގައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ އަމިއްލަފުޅަށް ޙައްޖުވެ ވަޑައިގެން ޢަމަލީ ގޮތުން ޙައްޖުގެ އަޅުކަން އަދާ ކުރަންވީ ގޮތް މީސްތަކުންނަށް ދަސްކޮށް ދެއްވާފައެވެ. އަދި ތިމަންކަލޭގެފާނުގެ ކިބައިން ޙައްޖުގެ އަޅުކަން އަދާ ކުރާނޭ ގޮތް ތިޔަބައިމީހުން ލިބިގަންނާށޭވެސް ޙައްޖުގެ އަޅުކަން އަދާ ކުރެއްވުމުގެ ތެރޭގައި ޙަދީޘް ކުރައްވާފައި ވެއެވެ. ޒަކާތްވެސް ފަރުޟު ކުރެއްވިކަން ޤުރުއާނުގައި އައިސްފައި ވެއެވެ. ނަމަވެސް ޒަކާތް ނެރެންވާ މިންވަރާއި ނިޞާބާއި، ޒަކާތް ނެރެން ޖެހެނީ ޙަޥްލު ހަމަވުމުން ކަމާއި މިކަންކަމުގެ ތަފްޞީލުވެސް އައިސްފައިވަނީ ސުންނަތުގައެވެ. އަދި ކިއެއްތޯއެވެ. އިސްލާމްދީނުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ނަމާދުގެ ރަކުޢަތް ތަކުގެ ޢަދަދާއި އެނަމާދުގެ ރުކުންތަކާއި ފަރުޟުތައް އަދި ނަމާދު ކުރަންވީ ގޮތުގެ ތަފްޞީލުވެސް ޤުރްއާނުގައި އައިސްފައެއް ނުވެއެވެ. އެހެން ކަމުން އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ.
"صَلُّوا كَمَا رَأَيْتُمُوْنِي أُصَلِّي"
މާނައީ: ތިމަންކަލޭގެފާނު ނަމާދު ކުރައްވަނިކޮށް ތިޔަބައިމީހުން ދުށްގޮތަށް ތިޔަބައި މީހުން ނަމާދު ކުރާށެވެ. ކަން މިހެން ހުރުމާއެކު އަޅުގަނޑުމެން ދަންނަން ޖެހޭ ޙަޤީޤަތަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީ އިސްލާމީ ޝަރީޢަތުގެ ބައެއް ކަމެވެ. އަދި އެއީ އެކަލޭގެފާނަށް އިއްވަވާފައިވާ ވަޙީގެ ބައެއް ބައެއްވެސް ކަމެވެ. އެކަލާނގެ ވަޙީ ބަސްފުޅުގައިވަނީ މިފަދައިންނެވެ.
وَمَا يَنْطِقُ عَن الْهَوَى . إِنْ هُوَ إِلاَّ وَحْيٌ يُوحَى . (النجم 4.3)
މާނައީ: އަދި އެކަލޭގެފާނު (ރަސޫލާ) އަމިއްލަ އެދުންފުޅަށް ވާހަކަ ފުޅެއް ނުމެ ދައްކަވާމެއެވެ. އެކަލޭގެފާނުގެ ވާހަކަފުޅަކީ، އެކަލޭގެފާނަށް ވަޙީ ކުރެވުނު ވަޙީއެއް ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ކީރިތި ޤުރުއާން އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދޫފުޅު މަތިން ކަމުގައި ވީ ހިނދު އެކަލޭގެފާނުގެ ސުންނަތަށް އީމާންނުވާ މީހާ ޙަޤީޤަތުގައި ޤުރުއާނަކަށްވެސް އީމާންވާ ކަމުގައި ނުވެއެވެ. އަދި ﷲ އަށް ކިޔަމަންވާ މީހަކު ކަމުގައި ނުވެއެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވަނީ މިފަދައިންނެވެ.
مَنْ يُطِعْ الرَّسُولَ فَقَدْ أَطَاعَ اللَّهَ وَمَنْ تَوَلَّى فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظاً (سورة النساء 80)
މާނައީ: "ރަސޫލާއަށް ކިޔަމަން ގެންފި މީހާ ހަމަކަށަވަރުން ﷲއަށް ކިޔަމަން ގެންފިއެވެ. އަދި (ﷲ އާ އެކަލާނގެ ރަސޫލާއަށް ކިޔަމަންނުވެ) ފުރަގަސްދީފި މީހާ ދަންނާށެވެ. ފަހެ ތިމަން ރަސްކަލާގެ އެކަލޭގެފާނު އެބައިމީހުންގެ މައްޗަށް ބާރުވެރިއެއް ކަމުގައި ނުފޮނުއްވަމެވެ. އެބަހީ އެފަދަ ނުކިޔަމަންތެރިންނަށް، އެބައިމީހުންގެ ނުކިޔަމަންތެރި ކަމުގެ އުޤޫބާތް ދެއްވާ ހުށީ ތިމަން ކަލާނގެއެވެ." އަދިވެސް ވަޙީ ކުރައްވާފައި ވެއެވެ.
" وَمَا آتَاكُمْ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا "(الحشر 7) މާނައީ: އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސް ދެއްވި ކޮންމެ އެއްޗެއްގައި ފަހެ ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީ ކުރެއްވި ކޮންމެ ކަމަކުން ފަހެ ތިޔަބައިމީހުން ދުރުވެ ގަންނާށެވެ. މާތްﷲ ވަޙީ ކުރައްވާފައި ވެއެވެ.
"مَنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللَّهَ وَمَنْ تَوَلَّى فَمَا أَرْسَلْنَاكَ عَلَيْهِمْ حَفِيظاً" (النساء 80)
މާނައީ: އަދި ރަސޫލައަށް ކިޔަމަން ގެންފި މީހާ ﷲއަށް ކިޔަމަން ގެންފިކަން ކަށަވަރެވެ. ހަމަ މިމާނާގައި އިތުރު އެކަލޭގެފާނު ޙަދީޘް ކުރައްވާފައި ވެއެވެ.
'مَنْ أَطَاعَنِي فَقَدْ أَطَاعَ اللهَ, وَمَنْ عَصَانِي فَقَدْ عَصَى اللهَ' ( البخاري)
މާނައީ: "ތިމަންކަލޭގެފާނަށް ކިޔަމަންގެންފި މީހާ ހަމަކަށަވަރުން ﷲއަށް ކިޔަމަން ގެންފިއެވެ. އަދި ތިމަންކަލޭގެފާނަށް ނުކިޔަމަންތެރި ވެއްޖެ މީހާ ހަމަކަށަވަރުން ﷲއަށް އުރެދިއްޖެއެވެ." އަދިވެސް ޙަދީޘް ކުރައްވާފައި ވެއެވެ.
'كُلُّ أُمَّتِي يَدْخُلُونَ الْجَنَّةَ إِلاَّ مَنْ أَبَى, قِيْلَ: وَمَنْ يَأْبَى؟ قاَلَ: مَنْ أَطَاعَنِي دَخَلَ الْجَنَّةَ وَمَنْ عَصَانِي فَقَدْ أَبَى'(البخاري)
މާނައީ: "ތިމަން ކަލޭގެފާނުގެ އުއްމަތުގެ މީހުން ތެރެއިން ދެކޮޅު ހަދައިފި މީހަކު މެނުވީ އެންމެންވެސް ސުވަރުގެ ވަންނަ ހުއްޓެވެ. އެހިނދު އަޞްޙާބު ބޭކަލަކު ދެންނެވިއެވެ. އޭﷲގެ ރަސޫލާއެވެ! ދެކޮޅު ހަދަނީ ކާކުތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ތިމަން ކަލޭގެފާނަށް ކިޔަމަން ގެންފި މީހެއް ނަމަ ސުވަރުގެ ވަންނަ ހުއްޓެވެ. އަދި ތިމަން ކަލޭގެފާނަށް ނުކިޔަމަންތެރި ވެއްޖެ މީހާ ހަމަ ކަށަވަރުން ދެކޮޅު ހަދައިފިއެވެ."
ޤުރުއާނުގައި ވާރިދު ވެފައި ނެތަސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާ ޙުކުމެއް ނަމަ އެއީ މާތް ﷲ އެކަލޭގެފާނަށް ވަޙީގެ ޛަރީޢާއިން އަންގަވައިގެން ކުރައްވާ ޙުކުމެކެވެ. މީގެ ބައެއް ހެކިތައް މިތާނގައި ނަކަލުކޮށް ލާނަމެވެ.
ބަދުއަޚްލާގީ މައްސަލައެއްގައި ބެދިފައިވާ މީހެއްގެ ބައްޕައަކު އެއްދުވަހަކު އައިސް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދެންނެވިއެވެ. އޭﷲ ގެ ރަސޫލާއެވެ! އަހަރެމެންގެ މެދުގައި ﷲ ގެ ފޮތުގައިވާ ގޮތަށް ޙުކުމް ކޮށްދެއްވާށެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ﷲ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުންވެސް ތިބާގެ ދެމީހުންގެ މެދުގައި ﷲގެ ފޮތުގައިވާ ގޮތަށް ޙުކުމް ކޮށްދެއްވާ ހުށީމެވެ. މިހެން ޙަދީޘް ކުރައްވައި، ދަޢުވާ ހުށަހެޅި މީހާގެ ދަރިފުޅުގެ މައްޗަށް، ސަތޭކަ އެތިފަހަރުން ހައްދު ޖަހައި އެއްއަހަރު ދުވަހަށް އަރުވާ ލުމަށް ޙުކުމް ކުރެއްވިއެވެ. (މުސްލިމް)

މިޙަދީޘްގައި އެކަލޭގެފާނު ވިދާޅުވެފައިވާ ގޮތުން، ޙުކުމް ކުރެއްވީ ﷲގެ ފޮތުގައިވާ ގޮތަށެވެ. ކީރިތި ޤުރުއާނުގައި އަރުވާލުމުގެ ޙުކުމެއް އައިސްފައެއް ނުވެއެވެ. އެހެން ނަމަވެސް އެއީ ޤުރުއާނުގެ ޙުކުމް ކަމުގައި އެކަލޭގެފާނުގެ ޞަރީޙަ ބަސްފުޅުން އެވަނީ ބަޔާންކޮށް ދެއްވާފައެވެ. އެހެން ކަމުން ޤުރުއާނުގައި ކަނޑައެޅިގެން އައިސްފައި ނުވިނަމަވެސް ރަސޫލުﷲ ޞައްލަﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކުރައްވާ ފައިވާ ޙުކުމްތަކަކީ ނުވަތަ އެކަލޭގެފާނު ކުރައްވާފައިވާ އަމުރުފުޅު ތަކާއި ނަހީ ތަކަކީ ﷲގެ އަމުރުފުޅަށް ކުރައްވާ ފައިވާ ޙުކުމް ތަކެކެވެ. އަދި އެކަލާނގެ އަމުރުފުޅަށް ކުރައްވާފައިވާ އަމުރުފުޅު ތަކާއި ނަހީތަކެވެ.

އަލްބައިހަޤީ ގެ ރިވާޔަތެއްގައި ވެއެވެ. ޢިމްރާން ބިން ޙުޞައިން ރަޟިޔަﷲ ޢަންހު ޝަފާޢަތުގެ ވާހަކަ އައިސްފައިވާ ޙަދީޘެއް ވިދާޅުވެ ދެއްވުމުން އަޑު އަހަން ތިބި މީހުންގެ ތެރެއިން މީހަކު ބުންޏެވެ. ތިޔަވިދާޅުވާ ޙަދީޘް ތަކަކީ ޤުރުއާނުގައި އެއިގެ އެއްވެސް އަޞްލެއް ފެންނަންނެތް ޙަދީޘް ތަކެކެވެ. އެހިނދު ޢިމްރާން ވަރަށް ބޮޑަށް ކޯފާވެ ވަޑައިގެން އެމީހާއާ ދިމާއަށް ވިދާޅުވިއެވެ. ކަލޭ ޤުރުއާން ކިޔެވިން ހެއްޔެވެ؟ އޭނާ އާދޭހޭ ދެންނެވުމުން ވިދާޅުވިއެވެ. އެހެންވެއްޖެއްޔާ ޤުރުއާނުގައި ޢިޝާ ނަމާދުގައިވަނީ ހަތަރު ރަކުޢަތް ކަމަށާއި މަޢްރިބް ނަމާދުގައި ތިން ރަކްޢަތް ކަމަށާއި ފަތިސް ނަމާދުގައި ވަނީ ދެ ރަކްޢަތް ކަމަށާއި މެންދުރު ނަމާދުގައި ހަތަރު ރަކުޢަތް ކަމަށާއި ޢަޞްރު ނަމާދުގައި ހަތަރު ރަކްޢަތް ކަމުގައި އެބަވޭހެއްޔެވެ؟ އޭނާ ނޫނެކޭ ދެންނެވިއެވެ. ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ މިވާހަކަ ކަލޭމެންނަށް އެނގުނީ ކޮން ބައެއްގެ ފަރާތުން ހެއްޔެވެ؟ އަހަރެމެންގެ ފަރާތުން ނޫން ހެއްޔެވެ؟ އަހަރެމެންނަށް އެކަންތައް އެނގުނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުންނެވެ. ޤުރުއާނުގައި ކޮނެމް ސާޅީސް ބަކަރިން ބަކަރިއެއް ޒަކާތަށް ނެރޭށެވެ އެބައޮތް ހެއްޔެވެ؟ އަދި މިވެނި ވަރަކުން ޖަމަލެއް ނެރޭށެވެ އެބައޮތް ހެއްޔެވެ؟ އަދި މިވެނި ވަރަކުން ދިރުހަމެކޭ އެބައޮތް ހެއްޔެވެ؟ އޭނާ ނޫނެކޭ ދެންނެވިއެވެ. ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ މިވާހަކަ ކަލޭމެންނަށް އެނގުނީ ކޮންބައެއްގެ ފަރާތުން ހެއްޔެވެ؟ އަހަރެމެންނަށް އެކަންތައް އެނގުނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުންނެވެ. އަދި ވިދާޅުވިއެވެ. ޤުރުއާނުގައި: وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ (الحـج 29) މާނައީ: އަދި ގެފުޅުގެ ވަށައިގެން ޠަވާފު ކުރާ ހުށި ކަމެވެ. މިފަދައިން އައިސްފައިވާ ހިނދު ގެފުޅުގައި 7 ފަހަރު މިފަދައިން އައިސްފައިވާ ހިނދު ގެފުޅުގައި 7 ފަހަރު ޠަވާފުކޮށްފައި މަޤާމް އިބްރާހީމްގެ ފަހަތުގައި ދެރަކްޢަތް ނަމާދެއް ކުރާށޭ ވޭހެއްޔެވެ؟ ޤުރުއާނުގައި މާތްﷲ ވަޙީކުރައްވާ ފައިވާ މިބަސްފުޅު ތިޔަބައިމީހުން ނާހަނީ ހެއްޔެވެ؟ وَمَا آتَاكُمْ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا (الحشر 6) މިހެން ވިދާޅުވެފައި ޢިމްރާނު ވިދާޅުވިއެވެ. ފަހެ ހަމަކަށަވަރުން ތިޔަބައިމީހުންނަށް ނޭގޭ ކިތަންމެ އެއްޗެއް އަހަރެމެންވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ލިބިގެންފައެވެ.

ޖާބިރު ބުނު ޢަބްދުﷲ ގެ އަރިހުން އަލްޙާކިމާއި އައްތިރުމިޒީއާއި އިބުނު މާޖާ ރިވާ ކުރެއްވިއެވެ. ޖާބިރު ވިދާޅުވިއެވެ. المقدام بن معدي كرب ވިދާޅުވަނިކޮށް ތިމަން އަޑު އެހީމެވެ. ޚައިބަރު ހަނގުރާމައިގެ ދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްޗެހި ތަކެއް ޙަރާމް ކުރެއްވިއެވެ. ތިޔައިގެ ތެރެއިން މީހަކު – އެބަހީ މިއުއްމަތުގެ ބަޔަކު – ތިމަން ކަލޭގެފާނުގެ ބަސްފުޅު ދޮގުކުރާ ދުވަހެއް އައުން ވަރަށް ގާތެވެ. އެފަދަ މީހަކަށް ތިމަންކަލޭގެފާނުގެ ޙަދީޘްފުޅު އިވޭ ހިނދު ބޮޑާކަމާއިއެކު ލެނގިލައިގެންހުރެ ބުނާނެއެވެ. ތިޔަބައިމީހުނާއި އަހަރެމެންނާ ދެމެދު މިވަނީ ﷲގެ ފޮތެވެ. ފަހެ މިފޮތުގައި ޙަލާލުކަމުގައި އައިސްފައިވާ ކަމެއް ވިއްޔާ އެކަމަކީ ޙަލާލު ކަމެއް ކަމުގައި އަހަރެމެން ބަލާފާނަމެވެ. އަދި މިފޮތުގައި ޙަރާމް ކަމުގައި އަހަރެމެން ބަލާފާނަމެވެ. ދެން ޙަދީޘް ކުރެއްވިއެވެ. ދަންނައެވެ! ހަމަކަށަވަރުން ﷲ ގެ ރަސޫލާ ޙަރާމް ކުރައްވާ ކަންތަކަކީ ﷲ ޙަރާމް ކުރައްވާ ކަންތައް ފަދަ ކަންކަމެވެ.
އަލް ބުޚާރީއާއި މުސްލިމްގެ ރިވާޔަތެއްގައި އައިސްފައިވެއެވެ. ޙަދީޘްގައި މަނާ ކުރައްވާފައިވާ ބައެއް ކަންތައް ކުރާމީހުންނަށް ލަޢުނަތް ލެއްވުން އެދި ޢަބްދުﷲ ބިން މަސްޢޫދު ދުޢާ ކުރެއްވި ޚަބަރު އުއްމު ޔައުޤޫބު ނަމަކަށް ކިޔާ އަންހެނަކަށް ލިބުމުން އިބްނު މަސްޢޫދު އަރިހަށް އައިސް ދެންނެވިއެވެ. ހަމަކަށަވަރުން ކަލޭގެފާނު މިވެނި އެވެނިހެން ވިދާޅުވި ޚަބަރު އަޅުގަނޑަށް ވަނީ ލިބިފައެވެ. އިބްނު މަސްޢޫދު ވިދާޅުވިއެވެ. ﷲގެ ރަސޫލާ އެބައެއްގެ މައްޗަށް ލަޢުނަތް ލައްވާފައިވާ ބައެއްގެ މައްޗަށް ލަޢުނަތް ލެއްވުމަށް އަހަރެން ދުޢާ ނުކުރަންވީ ކީއްވެހެއްޔެވެ؟ އަދި އެއީ ޤުރުއާނުގައިވެސް ވާ ޙުކުމެކެވެ. އެހިނދު އެކަނބުލޭގެ ދެންނެވިއެވެ. ހަމަކަށަވަރުން އަޅުގަނޑު ޤުރުއާން އެއްކޮޅުން އަނެއްކޮޅަށް ވަނީ ކިޔާފައެވެ. އެކަމަކު ތިޔަ ވިދާޅުވާ ވާހަކައެއް އަޅުގަނޑެއް ނުދެކެމެވެ. އިބްނު މަސްޢޫދު ވިދާޅުވިއެވެ. ކަނބުލޭގެ އެފޮތް ރަނގަޅަށް ކިޔެވިނަމަ މިވާހަކަ ކަނބުލޭގެއަށް ފެނުނީހެވެ. وَمَا آتَاكُمْ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا (الحشر 6) އަދި ރަސޫލާ ތިޔަބައިމީހުންނަށް ގެނެސް ދެއްވި ކޮންމެއެއްޗެއްގައި ފަހެ ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން ފަހެ ތިޔަބައިމީހުން ދުރުވެ ގަންނާށެވެ. މިއާޔަތް ކަނބުލޭގެ ނުކިޔަވަން ހެއްޔެވެ؟ ކިޔެވީމެވެ. އެކަނބުލޭގެ ދެންނެވިއެވެ. ވިދާޅުވިއެވެ. އެހެން ވެއްޖެއްޔާ އެއީ ޤުރުއާނުގައި މަނާ ކުރައްވާފައިވާކަމެކެވެ.

ޝައްކެތްނެތްގޮތުގައި މާތްﷲ އަޅުގަނޑުމެންގެ ގާތަށް ރަސޫލަކު ފޮނުއްވާފައިވަނީ އެކަލޭގެފާނަށް ތަބާ ވުމަށެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް އެކަލޭގެފާނަކީ ނަމޫނާއެއް ކަމުގައި ބެލުމަށެވެ. އެކަލާނގެ ވަޙީ ކުރައްވާފައި ވެއެވެ.
لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِمَنْ كَانَ يَرْجُو اللَّهَ وَالْيَوْمَ الآخِرَ وَذَكَرَ اللَّهَ كَثِيراً (الحزاب21)
މާނައީ: ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގާ ތިޔަބައިމީހުންނަށް ރިވެތި ވެގެންވާ ނަމޫނާއެއް ވެއެވެ. އެއީﷲ ގެ ދަރުމައާއި އާޚިރަތުގެ ޘަވާބަށް އެދޭ އަދި ގިނަގިނައިން ﷲ ހަނދުމަކުރާމީހަކަށެވެ. 

ދުނިޔެމަތީގައި އިންސާނަކަށްލިބޭނެ އެންމެ މަތިވެރި ނިޢުމަތަކީ، އޭނާ ހެއްދެވި ކަލާނގެ ރުއްސަވައި ވޮޑިގަތުން ޙާޞިލް ވުމެވެ. މިމަތިވެރި ނިޢުމަތް ޙާޞިލް ވާންއޮތީ އެކަލާނގެ ފޮނުއްވި ރަސޫލާއަށް ފުރިހަމައަށް ތަބާ ވެގެންނެވެ.
قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمْ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ (آل عمران)
 މާނައީ: ކަލޭގެފާނު ވިދާޅު ވާށެވެ! ތިޔަބައިމީހުން ﷲ އަށް ލޯބިވާ ކަމުގައި ވާނަމަ ފަހެ، ތިޔަބައިމީހުން ތިމަން ކަލޭގެފާނަށް ތަބާވާށެވެ! އޭރުން ﷲ ތިޔަބައިމީހުން ދެކެ ލޯބިވެ ވޮޑިގެންވާނެއެވެ. އަދި ތިޔަބައިމީހުންނަށްޓަކައި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި ދެއްވާނެއެވެ. ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަސްކަލާނގެއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތަކީވެސް ކީރިތި ޤުރުއާން ފަދައިން އެއަށް ޢަމަލު ކުރަންޖެހޭ އެއްޗެއްކަން އިސްވެ ދިޔަ އާޔަތްތަކާއި ޙަދީޘް ތަކަށް ނަޒަރު ހިންގާ ފިކުރު ކޮށްފި ކޮންމެމީހަކަށް ރަނގަޅަށް އޮޅުން ފިލާނެއެވެ. އަދި އެއީ އިސްލާމީ ޝަރީޢަތުގެ މަސްދަރުތަކުގެ ތެރެއިން މަޞްދަރެއް ކަންވެސް އެނގޭނެއެވެ. އެބަހީ ޝަރުޢީ ޙުކުމް ތަކުގެ ދަލީލު ޤުރުއާނުން ސާބިތު ކުރެވޭ ފަދައިން ސުންނަތުންވެސް އެފަދަ ޙުކުމްތައް ސާބިތު ކުރެވޭ ވާހަކައެވެ. ކަމަކާމެދު ޤުރުއާނުގައި ވަކިގޮތަކަށް އައިސްފައި ނެތަސް އެކަމުގެ ޙުކުމް ސުންނަތުން ސާބިތުވެއްޖެ ހިނދެއްގައި އެއީވެސް އިސްލާމްދީނުގެ ޙުކުމެއް ކަމުގައި ޤަބޫލު ކުރަން ޖެހޭނެއެވެ. އެހެން ނަހަދައިފި މީހެއްގެ އީމާންކަން ފުރިހަމައެއް ނުވާނެއެވެ. އަދި އެމީހަކީ ދިންނަވަނިވި މީހެއް ކަމުގައި ނުމެވޭމެއެވެ.

***************************************************** 
ނޯޓް: "ދަރުމަ" 2004 ޖޫންގެ ޢަދަދުން ނަގާފައި

އިތުރަށް ވިދާޅުވޭ...

Thursday, January 26, 2012

ރަނގަޅު މުޖުތަމަޢެއް އުފެއްދުމަށް

ދަރުމަ މަޖައްލާ

ތިބާވީ ކޮންމެ ތަނެއްގައި ﷲ އަށް ތަޤުވާވެރިވާށެވެ. ތިބާއަކީ ދުޅަހެޔޮ މުސްލިމަކަށް ވާށެވެ. އަޚްލާޤު ރަނގަޅު މީހަކަށްވާށެވެ. ފިކުރު ހޭލުންތެރި މީހަކަށް ވާށެވެ. ޢަޤީދާ ރަނގަޅު މީހަކަށް ވާށެވެ. ރަނގަޅު އަޅުވެރިއަކަށް ވާށެވެ. ތިބާގެ ނަފްސާ ޖިހާދުކުރާ މީހަކަށްވާށެވެ.

އާމްދަނީ ހޯދާ މީހަކަށް ވާށެވެ. ވަގުތަށް ފަރުވާތެރިވާށެވެ. ކަންތައްތަކުގައި އިންތިޡާމް ރަނގަޅުމީހަކަށްވާށެވެ. ތިބާގެ ވަޠަނާ މުޖްތަމަޢާ އެހެންމީހުންނަށް ފައިދާހުރި މީހަކަށްވާށެވެ. ތިބާވީ ކޮންމެ ތަނެއްގައި ﷲ އަށް ތަޤުވާވެރިވާށެވެ. ތިބާގެ ގެއަކީ ހުރިހާކަމެއްގައިވެސް އިސްލާމީއަދަބުތަކާއި އަޚްލާޤަށް ރައްކާތެރިވާ ތަނެއްކަމުގައި ހަދާށެވެ. ރަނގަޅު ޢަޤީދާއަކާއި ރަނގަޅު ތަރުބިއްޔަތަކާއި ރަނގަޅު ޘަޤާފަތެއް ހޯދައިދެވިއްޖެނަމަ ރަނގަޅު އަންބެއް އިޚްތިޔާރުކުރަން މުސްލިމް ފިރިހެނާއަށް އެނގޭނެއެވެ. އޭރުން އަނބިމީހާގެ ޙައްޤު އަދާކޮށް، އަނބިމީހާގެ ވާޖިބު ފުރިހަމަކުރުވަން އެނގޭނެއެވެ. ރަނގަޅުގޮތުގައި ދަރީން ތަރުބިއްޔަތުކުރުމުގައި އަނބިމީހާއާ ބައިވެރިވާނެއެވެ. އެހެންމީހުންނާ ރަނގަޅަށް މުޢާމާލާތްކުރާނެއެވެ. އަދި މުޖްތަމަޢާ އުއްމަތަށް ފައިދާހުރި ކަންތައްތައް ކުރާނެއެވެ.

އިތުރަށް ވިދާޅުވޭ...

ފިރިހެނުންނާއި އަންހެނުން އުފެއްދެވުމުގެ ބޭނުން

އަލްއަޚް އަބްދުއްރަޙީމް މުޙައްމަދު ޅޮހީ

ﷲ ޢައްޒަވަޖައްލަ، އެއްވެސް އެއްޗެއް ބޭކާރުގޮތުގައި ނުއުފައްދަވައެވެ. އެކަލާނގެ އުފައްދަވާފައިވާ ކޮންމެ އެއްޗެއް އުފެއްދެވުމުގައިވެސް ފަހަތުގައި ވަރަށް މަތިވެރި ޙިކުމަތްތަކެއްވާނެކަން ޔަޤީނެވެ.


ﷲ ޢައްޒަވަޖައްލަ، މުއުމިނުންގެ ނަމުން ނަންދެވިފައިވާ ސޫރަތުގައި ވަޙީކުރެއްވިއެވެ. "أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ" المؤمنون: ١١٥ މާނައީ: " އަޅެފަހެ، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހައްދަވާފައިވަނީ، ބޭކާރުގޮތުގައި ހަމަކުޅިވަރަށްކަމަށާއި، އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަ ނުވާނޭކަމުގައި ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟

ކުރިން ބަޔާންވިފަދައިން، މުސްލިމުން ޤަބޫލުކުރާގޮތުގައި އިންސާނުންނާއި ޖިންނީން އުފެއްދެވުނީ މާތް ﷲ ޢައްޒަވަޖައްލައަށް އަޅުކަން ކުރުމަށެވެ. އަދި ޝައިޠާނާއާއި އޭނާގެ އެކުވެރިންގެ މަޅިތަކުން ސަލާމަތްވެ، ﷲ ޢައްޒަވަޖައްލަ، އަހަރެމެން ހިނގަން އެންގެވިމަގުން ހިނގައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ޙާޞިލްކުރުމަށެވެ. ﷲ ޢައްޒަވަޖައްލަ ވަޙީކުރެއްވިއެވެ. "وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ" الذاريات: ٥٦ މާނައީ: "އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ." އަދިވެސް ﷲ ޢައްޒަވަޖައްލަ ވަޙީކުރެއްވިއެވެ. "بَلِ اللَّهَ فَاعْبُدْ وَكُنْ مِنَ الشَّاكِرِينَ" الزمر: ٦٦ މާނައީ: އަދި ކިޔެއް ހެއްޔެވެ! ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ. އަދި ޝުކުރުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ." އަދިވެސް ހަމަ އެރައްބު ހަމައެސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. "قُلْ إِنِّي أُمِرْتُ أَنْ أَعْبُدَ اللَّهَ مُخْلِصًا لَهُ الدِّينَ" الزمر: ١١ މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ އިޚްލާޞްތެރިކަމާއެކު ﷲ އަށް އަޅުކަން ކުރުމަށެވެ. އެކަލާނގެއަށް އަޅުކަން ޚަލާޞްކޮށްގެންނެވެ."

އިތުރަށް ވިދާޅުވޭ...

Wednesday, January 25, 2012

އިސްލާމީ ޙިޖާބުގެ ޝަރުޠުތައް

އަލްއުޚްތު ބިންތު އަޙްމަދު، މޯލްޑިވިއަން ޕާލް

މުޖްތަމަޢުގެ މުތްތަކާއެވެ! ތިބާ އަކީ ވަރަށް އަގު ބޮޑު ޖަވާހިރެކެވެ. ދުނިޔޭގައިވާ ކޮންމެ ޖަވާހިރަކީ އެ ގެއްލިއްޖެނަމަ އޭގެ އަގު އަނބުރާ ދެވޭނެ އެއްޗެކެވެ. އެކަމަކު މުސްލިމް އުޚްތުންނަކީ އެއަށްވުރެ އަގު ބޮޑު ބައެކެވެ. ތިބާފަދަ އަގު ބޮޑުމުތެއް ގެއްލިޖެނަމަ އޭގެ އަގު އަދާކުރާނީ ކިހިނެތް ހެއްޔެވެ؟


ލޮބުވެތި އުޙްތާއެވެ! ތިބާ އަކީ އިސްލާމްދީނުގައި ރައްކާތެރިކުރެވިފައިވާ އަގުބޮޑު ޖަވާހިރެކެވެ. އިސްލާމްދީން ނެތް ނަމަ ތިބާ އަކީ ވިޔަފާރިވެރިއެއްގެ އަތުން ބާޒާރުގައި ވިޔަފާރި މުދާހެން ވިކެމުންދާނެ އެއްޗެކެވެ. އަދި ފާޙިޝް ނޭއްގާނީ ޢަމަލްތައް ކުރަމުންދާ މީހުންގެ އަތުގައި އޮންނަ ކުޅޭއެއްޗަކަށެވެ. ނޫންނަމަ އިންސާނުންގެ ތެރޭގައިވާ ޖަނާވާރުންގެ ކާނާއަކަށެވެ. އެމީހުން ތިބާގެ ޢިއްފަތްތެރިކަމާ ޢިއްޒަތް ފޭރިގަނެ އެމީހުންގެ ބޭނުން ފުދުމުން ތިބާ އެއްލާލާނެއެވެ.

ނިވާވެ ޢިއްފަތްތެރި މުއުމިން އަންހެނުންނާ، ނިވާނުވެ ތިބާގެ އައުރަ ހިލޭ ފިރިހެނުންނަށް ދައްކާމީހުންގެ ތަފާތަކީ ރައްކާތެރި ކުރެވިފައިވާ ގަހަނާއަކާ މަގު މެދަށް އެއްލާލެވިފައިވާ މަލެއްގައި ހުންނަ ތަފާތެވެ. ނިވާވެފައިވާ އަންހެނާ ވާނީ އޭނާގެ ޙިޖާބް އިން އޭނާ ފޮރުވި ހިލޭ ފިރިހެނުންގެ ލޯތަކުން ސަލާމަތްވެގެންނެވެ. ނަމަވެސް އައުރަ ނިވާނުކޮށް ހުންނަ އަންހެނާ މަގު މެދަށް ވެއްޓިފައި އޮންނަ ފިނިފެންމަލެއް ފަދައެވެ. އެ ފިނިފެންމާ ރައްކާތެރި ކުރާނެ އަދި މަގު ދައްކާނެ އެހީތެރިއެއް ނުވެއެވެ. އެހެންކަމުން ބޭނުން މީހަކަށް އެމަލާ ކުޅެ އޭގެ ބޭނުން ހިލޭ ހިފެއެވެ. އެއަށްފަހު އެ މާ މޯޅިވެ މަރުވުމުން އޭތި އެއްލާލާ އެޔަށް ފައިންއަރާ ޗިސްޗިސް ކޮށްލައެވެ. މިދެ ގޮތުންކުރެ ތިލޮބުވެތި އުޙްތާ ޚިޔާރު ކުރާނީ ކޮންގޮތެއް ހެއްޔެވެ؟ ދީނުގެ އިލްމުވެރިން ވަނީ ޢައުރަ ނިވާ ކޮށްފައިވާ އަންހެނުންގެ ޙިޖާބުގައި ހުންނަންޖެހޭ އަށް ސިފައެއް ބަޔާން ކޮށްދެއްވާފައެވެ. އެކަންތައްތަކަކީ:

1. މޫނާއި ދެއަތްތިލާ ފިޔަވައި އަންހެނާގެ މުޅިހަށގަނޑު ފޮރުވޭ ހެދުމެއްކަމުގައިވުން. ޢިލްމުވެރިންގެ ވަނީ އަންހެނާގެ މޫނާއި ދެއަތްތިލަ ފިޔަވައި މުޅި ހަށިގަނޑު ނިވާކުރުމަކީ ވާޖިބެއްކަމަށް އިއްތިފާޤުވެވަޑައިގެންފައެވެ. މޫނާއި ދެއަތްތިލައާއި މެދު އިޚްތިލާފުވެވަޑައިގެންފައެވެ. ފިތުނައިގެ ޒަމާނުގައި މޫނުވެސް ނިވާކުރަންޖެހޭނެ ކަމަށް ގިނަ ޢިލްމުވެރިން އެއްބަސްވެލައްވައެވެ.

2. އަންހެނާ އަޅާ ހެދުން އޭގެ ޒާތުގައި ޒީނަތްތެރިކަމެއްވާ ހެދުމެއްކަމުގައިނުވުން. އެބަހީ އެހެދުމަކީ އޭގެ ޒީނަތްތެރިކަމުން މީސްތަކުންގެ ނަޒަރު އެއަށް ހުއްޓޭ ހެދުމަކަށްނުވުން. ﷲ ވަޙީކުރައްވާފައިވެއެވެ. "وَلَا يُبْدِينَ زِينَتَهُنَّ" (النور :31) މާނައީ: "އެކަނބަލުންގެ ޒީނަތްތެރިކަން ފާޅުނުކުރާހުށިކަމެވެ".

3. އެހެދުމަކީ ތުނިހެދުމެއްކަމުގައި ނުވުމާއި އަދި ގައިގެ ހަމުގެ ކުލަ ފާޅުވާ ހެދުމެއްކަމުގައި ނުވުން. ތުނިހެދުމަކުން ހަށިގަނޑު ނިވާކުރުމުން ނިވާކުރުމުގެ ޙަޤީޤީ މަޤްޞަދު ޙާޞިލްކޮށެއް ނުދެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ."نِسَاءٌ كَاسِيَاتٌ عَارِيَّاتٌ" (رواه مسلم).މާނައީ: "ހެދުންލައިގެން އޮރިޔާމުން ތިބޭ އަންހެނުންތަކެކެވެ." މި ޙަދީޘްގައި މިވަނީ ޢައުރަ ނިވާނުވާ ގޮތަށް ހެދުންލާ އަންހެނުންގެ ވާހަކައެވެ.

4. ގަޔަށްބާރުވެ، ގައިގެ ވަނާތައް ފާޅުވާ ހެދުމަކަށް ނުވުން. އެއީ ހަށިގަނޑު ނިވާކުރުމުގެ މަޤްޞަދު ހާޞިލްކޮށްނުދިނުމުގެ އިތުރަށް ފާޙިޝްކަންތައްތަކަށް މަގުފަހިކޮށްދޭ ކަމެކެވެ.

5. ފިރިހެނުންނަށް ޚާއްޞަ ހެދުމަކަށް ނުވުން ނުވަތަ ފިރިހެނުން އަޅާ ހެދުމާއި އެއްގޮތް ހެދުމަކަށް ނުވުން. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ."لَيْسَ مِنَّا مَنْ تَشَبَّهَ بِالرِّجَالِ مِنَ النِّسَاءِ ، وَلاَ مَنْ تَشَبَّهَ بِالنِّسَاءِ مِنَ الرِّجَالِ"(رواه أحمد) މާނައީ: "އަންހެނުންގެ ތެރެއިން ފިރިހެނުންނާ އެއްގޮތްވާ މީހުންނީ ތިމަންމެން (މުސްލިމުން) ގެ ތެރެއިންވާ ބަޔެއް ނޫނެވެ. އަދި ފިރިހެނުންގެ ތެރެއިން އަންހެނުންނާ އެއްގޮތްވާ މީހުންނީ ތިމަންމެން (މުސްލިމުން)ގެ ތެރެއިންވާ ބަޔެއް ނޫނެވެ."

6. ޣައިރު މުސްލިމު އަންހެނުންގެ ހެދުމާ ވައްތަރު ހެދުމަކަށް ނުވުން. ޣައިރު މުސްލިމުންނާއި ޚިލާފުވެ އެމީހުންނާއި އެއްގޮތްވުމުން ދުރުހެލިވުމަކީ އިސްލާމްދީނުގެ ޝަރީޢަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ."وَمَنْ تَشَبَّهَ بِقَوْمٍ فَهُوَ مِنْهُمْ" (رواه أحمد وأبو ‏داود) މާނައީ: "ބަޔާކައި އެއްގޮތްވެއްޖެ މީހާ ވާހުށީ އެބައެއްގެ ތެރެއިންނެވެ".

7. މީރުވަސްދުވާ ހުވަނދުފަދަ ތަކެތި ލައިގެން ހިލޭފިރިހެނުންގެ ތެރެއަށް ނުނިކުތުން. ސަބަބަކީ މިއީ ފިރިހެނުންގެ ހިތްތައް އަންހެނާއި އާއި ދިމާލަށް ލަނބުވާލާ އަދި ފިތުނަވެރިކުރުވާ ކަމެކެވެ. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "أَيُّمَا امْرَأَةٍ اسْتَعْطَرَتْ فَمَرَّتْ عَلَى قَوْمٍ لِيَجِدُوا مِنْ رِيحِهَا فَهِيَ زَانِيَةٌ" (رواه أبو داود الترمذي والنسائي).މާނައީ: "އެއްވެސް އަންހެނަކު މީރުވަސްދުވާ ހުވަނދުލައި ބައެއްގެ ތެރެއިން ގޮސް އެބަޔަކަށް އޭނާގެ އެހުވަނދުގެ ވަސްދުއްވައިފިނަމަ (ވަސްދުއްވައި ފިތުނަވެރި ކުރުވައިފިނަމަ) އޭނާއަކީ ޒިނޭކުރާ މީހެކެވެ." މި ޙަދީޘްގައި "ޒީނޭކުރާމީހެކޭ" ބޭނުންކުރެވިފައި މިވަނީ މަޖާޒީ ގޮތެއްގައެވެ. ސަބަބަކީ މިކަމަކީ ޒިނޭއަށް މަގުފަހިކޮށްދޭކަމަކަށް ވާތީއެވެ.

8. ޝުހުރަތުގެ ހެދުމެއްކަމުގައި ނުވުން. އެބަހީ މީސްތަކުންނަށް ތިމާގެ މަޝްހޫރުކަންދައްކާ ހެދުމެއްކަމުގައި ނުވުމެވެ. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "مَنْ لَبِسَ ثَوْبَ شُهْرَةٍ فِي الدُّنْيَا أَلْبَسَهُ اللَّهُ ثَوْبَ مَذَلَّةٍ يَوْمَ الْقِيَامَةِ" (رواه أبو داود وحسنه الألباني) މާނައީ: "ދުނިޔެމަތީގައި މަޝްހޫރުކުރުވަނިވި (އެބަހީ މީސްތަކުންގެ ކުރިމަތީގައި ފާޅުކަންބޮޑުކޮށް މީސްތަކުންގެ ނަޒަރު އެހެދުމަށްހުއްޓި ހެދުންލައިގެންހުރި މީހެއްގެ ހިތަށް ބޮޑާކަމާއި ކިބުރުވެރިކަންވަންނަ) ހެދުމެއްލައިފިމީހާ ﷲ ޤިޔާމަތްދުވަހު އޭނައަށް ނިކަމެތިވެގެންވާ ހެދުމެއް ލައްވާހުއްޓެވެ. (އޭނާ މީސްތަކުން ކުރިމަތީގައި ބޮޑާވެ އުޅުމުގެ ސަބަބުން އޭނަ ނިކަމެތިކުރުމުގެ ގޮތުންނެވެ.)

ލޮބުވެތި އުޙްތާއެވެ! ތިބާ އަކީ ޢިއްފަތްތެރިކަން ފޭރިގަތުމަށް މަސައްކަތް ކުރާ މީހުންގެ ލޯތަކަށް ޝިކާރައަކަށްވުރެ ޢިއްޒަތްތެރި މީހެކެވެ. އަދި ބާޒާރުގައި ވިކުމަށްވުރެ ތިބާގެ އަގު ބޮޑެވެ. އެހެންކަމުން އައުރަ ކަޝްފުކުރުމުގެ ސަބަބުން ނުބައި ފާޙިޝް ކަންތައްތަކުގެ ދޮރު ހުޅުވިޔަ ނުދޭށެވެ. އުޙްތާއެވެ! އިއްފަތްތެރި ކަމުގެ ގަހަނާޔާ ކުޅެ ޢިއްޒަތާއި ކަރާމާތް ނިގުޅާގަންނަން މަސައްކަތް ކުރާ މީހުންނާމެދު ތިބާ ސަމާލުވާށެވެ!

އިތުރަށް ވިދާޅުވޭ...

Monday, January 23, 2012

ޤަޢުމީ ދުވަސް ފާހަގަ ކުރުން މިއަދު ހަވީރު

ފޭދޫ އޮންލައިން

ޤަޢުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ށ.ފޭދޫ ކައުންސިލް އިދާރާއިން އިސްނަގައިގެން އެކުވަރި ކަމުގެ ފުޓުބޯޅަ މެޗެއް ކުޅޭގޮތަށް ހަމަޖައްސައިފިއެވެ.

މިއަދު ހަވީރު ރަށުގެ ރަސްމީ ފުޓުބޯޅަ ދަނޑުގައި ފަށާ މި މެޗުގައި ބައްދަލު ކުރާނީ، ސަރުކާރުގެ މުއައްސަސާ ތަކުން ނަގާ ޓީމަކާއި ރަށު ތެރެއިން ނަގާ ޓީމެކެވެ. ފޭދޫ އޮންލައިން އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ފުޓްބޯޅަ މެޗު މި ގޮތަށް ޤަޢުމީ ދުވަހު ކުޅެން ހަމަ ޖެއްސީ މި ދުވަސް ނިސްބަތް ވަނީ، އަޅުގަނޑުމެންގެ މި ދިވެހި ޤަޢުމު ބޭރުގެ ބައެއްގެ އަތުން މިނިވަން ކުރި ބަތަލުންގެ ހަނދާން އައުކުރުމުގެ ގޮތުން ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާ ތަކާއި ދޭތެރޭ އޮންނަ ގުޅުން މިފަދަ މުނާސަބު ދުވަހެއްގައި އާލާ ކޮށް އިތުރު ކުރަމަކީ ރައްޔިތުންގެ މެދުގައި އޮންނަ އަޚުވަންތަކަމާއި އުޚުވަންތަ ކަމުގެ ގުޅުން ހީނަރު ނުވިޔަދީ ދެމެހެއްޓުމަށް ވަރަށްވެސް މުހިންމު ދުވަހެއް ކަމުގައި ވާތީވެއެވެ.
މިގޮތުން މި ކަން އިންތިޒާމް ކުރަން އުޅޭ ނަން ހާމަ ކުރަން ބޭނުން ނުވާ އޮފިޝަލަކު ބުނީ، މި އަދު މި ކުޅެވޭ އެކުވެރި ކަމުގެ ފުޓްބޯޅަ މެޗް ބައްލެވުމަށް ވީހާވެސް ގިނަ ރައްޔިތުން ދުރުވުމަކީ ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެދުމެއްކަމުގައެވެ.
އަދި މި ފަދަ ކުޅިވަރު މެޗުތަކުން ވެސް ޢިބުރަތް ޙާސިލްކޮށް އެކުވެރިކަމާއި އެއްބަނޑު އެއްބަފާ އަޚުންތަކެއް ކަމުގައި އެކު އެކީ މަސައްކަތްކޮށް ރަށުގެ ތަރައްޤީ އަށް ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރުމަކީ ފޭދޫ އޮންލައިން އާއި މި މެޗް އިންތިޒާމް ކުރާ ފަރާތްތަކުގެވެސް ވަރަށް ބޮޑު އެދުމެކެވެ. 

އިތުރަށް ވިދާޅުވޭ...

Friday, January 20, 2012

އައިޑީ ކާޑު ހެއްދުމަށް ގިނަ އަދަދެއްގެ މީހުން ފޭދޫ ކައުންސިލް އިދާރާއަށް

އަރްނަވް، ފޭދޫ އޮންލައިން

އައިޑީ ކާޑު ހެއްދުމުގެ ޙިދުމަތް ހޯދުމަށް ގިނަ އަދަދެއްގެ މީހުން ށ. ފޭދޫ ކައުންސިލް އިދާރާ ކައިރި އެބަތިއްބެވެ.

އައި ޑީ ކާޑުގެ ޙިދުމަތް ހޯދުމަށް ކުއްލިޔަކާ މިހާ ގިނަ އަދަދަކަށް މީހުން ކައުންސިލް އިދާރާ އަށް ހާޒިރުވީ، މި ހިނގާ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން, ފެށި ' އާސަންދަ 'ގެ ޙިދުމަތް ބޭނުން ކުރެވެނީ އައި ޑީ ކާޑު ބޭނުން ކޮށްގެން ކަމަށް ވާތީ އެކަމަށް ތައްޔާރުވުމުގެ ގޮތުން ކަމަށް ފޭދޫން ވާހަކަ ދެއްކެވި ބޭފުޅަކު މަޢުލޫމާތު ދެއްވިއެވެ.
ފޭދޫ ކައުންސިލް އިދާރާއިން މިއަދު މި ޙިދުމަތް ދޭން ފަށާފައި މި ވަނީ، ގިނަ އަދަދެއްގެ ރައްޔިތުން މިހާރަށް ވެސް، ކުޅުދުއްފުށިންނާއި، ކަނޑިތީމަށް ދުރުވެ އައިޑީ ކާޑު ހައްދާފައި ވަނިކޮށެވެ. ކާޑު ހެއްދުމަށް ގޮސް ތިއްބި އާއްމުން މަޢުލޫމާތު ދިން ގޮތުގައި، މިއަދު ކުރިޔަށް މިދާ އައިޑީ ކާދު ހެއްދުމުގެ ކަންތައްތައް ކުރިޔަށް މި ގެންދަނީ އަތޮޅު ކައުންސިލާއި ފޭދޫ ކައުންސިލް ގުޅިގެން، އަތޮޅު ކައުންސިލުން ދުރުވި ބޭފުޅުންގެ ބެއްލެވުމުގެ ދަށުން ކަމަށްށެވެ.
ހުރިހާ މީހުންނަށް މި ޙިދުމަތް ފޯރުކޮށްދިނުމަށް އެ ކައުންސިލް އިދާރާއިން މިއަދު ފެށި މަސައްކަތް، ހުށަ އަޅާފައިވާ ފޯމުތައް ހުސްވަންދެން ކުރިޔަށް ގެންދާނެ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއްވައެވެ. ފޭދޫ ކައިރީގައިވާ ރައްތަކުގެ ތެރެއިން މި ޙިދުމަތް ލިބެނީ ހަމައެކަނި ކަނޑިތީމު އަދި ކުޅުދުއްފުށިންނެވެ.

އިތުރަށް ވިދާޅުވޭ...

Monday, January 16, 2012

ށ.ޅައިމަގު ޒިންމާދާރުވެރިޔާގެ މުސާރަ ހިފަހައްޓައި ގެއަށް ފޮނުވާލައިފި

އަހްމަދު އާޒިފް، ސަން އޮންލައިން

ށ. ޅައިމަގު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާގެ މުސާރަ ހިފެހެއްޓުމަށްފަހު ވަޒީފާއަށް ނުނުކުމެ ގޭގައި މަޑުކުރަން އެ ކައުންސިލުން މިއަދު ގަރާރެއް ފާސްކޮށްފި އެވެ.

ޅައިމަގު ކައުންސިލްގެ ރައީސް ހުސެއިން ޒާހިރު މިއަދު ވިދާޅުވީ ކައުންސިލުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ސިވިލް ސާވިސް މުވައްޒަފުން މެދުވެރިކޮށް ދިނުމަށް ހުންނަ ފަރާތަކީ ޒިންމާދާރު ވެރިޔާ ކަމަށްވާއިރު އެ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އިބްރާހިމް ނައީމް އެކަމަށް ހުރަސް އަޅަމުން ގެންދާ ކަމަށެވެ. 
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ރައީސް ވިދާޅުވީ ޒިންމާދާރު ވެރިޔާގެ މައްސަލައިގައި ހައެއްކަ ފަހަރު ސިވިލްސާވިސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާ ކަމަށާއި ކައުންސިލުން ޒިންމާދާރުވެރިޔާއާ ހަވާލުކުރާ މަސައްކަތްތައް ޒިންމާދާރުވެރިޔާ ނުނިންމަވާތީ މިއަދުން ފެށިގެން ގޭގައި މަޑުކުރުމަށް އެންގީ ކަމަށެވެ.
"މި ކައުންސިލްގެ ފަރާތުން ވާނީ ހައެއްކަ ސިޓީ ސިވިލްސާވިސް ކޮމިޝަނަށް ފޮނުވާފަ. އެ ސިޓީތަކުގެ ޖަވާބު ވެސް އެބޭފުޅުން ފޮނުއްވާފައިވޭ. ނަމަވެސް އެއީ އަޅުގަނޑުމެން ހިންހަމަޖެހޭ ޖަވާބެއް ނޫން. އަޅުގަނޑުމެން ހިންހަމަޖެހޭ ޖަވާބެއް ކޮމިޝަނުން ފޮނުވަންދެން ޒިންމާދާރުވެރިޔާއަކަށް ވަޒީފާއަކަށް ނުނިކުމެވޭނެ،" ޒާހިރު ވިދާޅުވި އެވެ.
ޅައިމަގު ކައުންސިލްގެ ޒިންމާދާރު ވެރިޔާ ނައީމް ވިދާޅުވީ މިއަދުން ފެށިގެން ވަޒީފާއަށް ނުނިކުތުމަށާއި މުސާރަ ވެސް ހިފަހައްޓާފައިވާ ކަމަށް ބުނެ ކައުންސިލުގެ ގަރާރަކުން އޭނާއަށް އަންގާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ސިވިލްސާވިސް މުވައްޒަފަކު ވަޒީފާއަށް ނުނުކުމެ ގޭގައި މަޑުކުރުމަށް ކައުންސިލަކަށް ނޭންގޭނެ ކަމަށާއި އެފަދަ އެންގުމެއް އެންގޭނީ ސިވިލް ސާވިސް ކޮމިޝަނަށް ކަމަށެވެ. އަދި ވިދާޅުވީ ކައުންސިލުން އޭނާއާ ގުޅޭގޮތުން ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި ކަންހިނގައި ދިޔަގޮތުގެ ބަޔާނެއް ސިވިލްސާވިސް ކޮމިޝަނަށް ދީފައިވާނެ ކަމަށެވެ.
"އަޅުގަނޑާއި ބެހޭގޮތުން އެ ދައްކާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް. އެއީ އެބޭފުޅުން އަޅުގަނޑަށް ޖެއްސުން ކުރުމުގެ ގޮތުން ކުރާކަމެއް،" ނައީމް ވިދާޅުވި އެވެ.
އަދި ވިދާޅުވީ އޭނާ އަކީ ކައުންސިލް އިންތިޚާބުގައި ޑީއާރްޕީގެ ޓިކެޓްގައި އެބޭފުޅުންނާއި ވާދަކުރެއްވި ބޭފުޅެއް ކަމަށާއި އެމްޑީޕީ ފަސް މެންބަރުން ކައުންސިލަރުކަށް އިންތިޚާބުވީ ދުވަހު ވެސް އޭނާ އަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމަށް ބުނެފައިވާ ކަމަށެވެ.
މިކަމާބެހޭ ގޮތުން ސިވިލްސާވިސް ކޮމިޝަންގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފަ އެވެ.

އިތުރަށް ވިދާޅުވޭ...

ސިހުރުގެ ވާހަކަ ފެތުރިފައި ވަނިކޮށް ށ.ކަނޑިތީމުން ސިހުރު ހަދާތަނެއް!

އާމިނަތު ނިޔާޒާ، ސަން އޮންލައިން

ދ. ކުޑަހުވަދޫގައި ސިހުރު ހަދާ ކަމުގެ ވާހަކަތައް ގަދައަށް ފެތުރިފައި ވަނިކޮށް ސިހުރު ހަދަން ތައްޔާރުކޮށްފައިވާ ކަމަށް ތުހުމަތު ކުރާ ތަނެއް ށ. ކަނޑިތީމުން ފެނިއްޖެ ކަމަށް އެރަށުން މީހުން ބުނަން ފަށައިފި އެވެ.

ސާދަ ސަތޭކައެއްހާ މީހުން ދިރިއުޅޭ ކަނޑިތީމުން ސަން އޮންލައިންނަށް މައުލޫމާތު ދިން ބައެއް މީހުން ބުނީ އެ ރަށުގައި މީހުން ދިރިއުޅޭ ހިސާބާ ގާތްގަނޑަކަށް 150 ފޫޓް ދުރުގައި، ވަލުމިރިހިއާއި އުނި ގަސްތަކުގެ ތެރޭގައި ހޮހޮޅައެއްގެ ގޮތަށް ހަދާފައިވާ އެތަން ފެނުނީ މިދިއަ ހުކުރު ދުވަހު ދަނޑުކޮށަން ވަލަށް ވަން ބަޔަކަށް ކަމަށެވެ.
"ސިހުރު ހޮހޮޅައިގެ" ވާހަކަ ކިޔައިދޭ އެރަށުގެ ބައެއް މީހުން ބުނީ އެ ހޮހޮޅަ އެރަށުގެ ފަންޑިތަވެރިއަކަށް ދެއްކުމުން އެތަނުގެ ތެރޭގައި އަތުރާފައި ހުރި އެއްޗިއްސަކީ މީހަކު މަރާލުމުގެ ނިޔަތުގައި ހަދަން ތައްޔާރުކޮށްފައިވާ ސިހުރެއް ކަމަށް ލަފާ ކުރެވޭ ކަމަށް ބުނެފައިވާ ކަމަށެވެ.
ސަން އޮންލައިނަށް ލިބިފައި ހުރި ފޮޓޯ ތަކުން ފެންނަ ގޮތުގައި ވިނަގަނޑެއްގެ ތެރެއިން މީހަކަށް ފިރުކިފައި ވަދެވޭ ގޮތަށް ހަދާފައި އޮންނަ ތަނެއް ފެނެ އެވެ. ބިންމަތީގައި ރަބަރުގަނޑެއް އަޅާފައި އެތަން ހަދާފައި ވަނީ ފަސޭހައިން މޫދަށް ފޭބޭ ގޮތަށެވެ. މީގެ އިތުރުން ސިހުރު ހާހޫރު ހެދުމަށް އާންމުކޮށް ފަންޑިތަވެރިން ބޭނުންކުރާ ކަށިކެޔޮ ގަހުގެ ކަށިމަލެއް ވެސް އެތަނުގެ ތެރޭގައި އަންދާލާފައި އޮވެ އެވެ.
ކަށިމަލަކީ މީހުނަށް ހަދާ ބާރުގަދަ ސިހުރުތަކުގައި ފަސްތަނުން ބަނުމަށާއި ލޯބީގެ ފަންޑިތައިގައި މޫދަށް ފާލަން އަޅައި މާ ދައްކަން ބޭނުން ކުރާ އެއްޗެހީގެ ތެރޭގައި ހިމެނޭ މަލެކެވެ.
ބާރުގަދަ ސިހުރާއި ފަންޑިތަ ފޮތްތަކުގައި މޫދަށް ފާލަށް އެޅުން ސިފަކޮށް ލިޔެފައި ހުންނަ ފަނޑިތަކުގައި ކިޔައިދީފައި ހުންނަ ބައެއް ކަހަލަ ކަންކަން ފާޅުވާ އެތަން ފެނުމުން ކަނޑިތީމުގެ ބައެއް މީހުންނަށް ހާސްކަން ވެރިވެފައިވާ ކަމަށް އެރަށުގެ ބައެއް މީހުން ބުނެ އެވެ.
ކަނޑިތީމު ކައުންސިލްގެ ރައީސް ނަސުރުﷲ އަބުދުލް ޣަނީ ވިދާޅުވީ ރަށުގައި އެފަދަ ތަނެއް ހުރި ވާހަކަ އަޑުއިވިފައިވާ ކަމަށާއި ނަމަވެސް އެތަނާ ބެހޭ ގޮތުން އެއްވެސް ޝަކުވާއެއް ކައުންސިލަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ރަސްމީކޮށް އެކަން ކައުންސިލްގެ ސަމާލުކަމަށް ގެނެސްފައިނުވާއިރު އެތަނާ ބެހޭ ގޮތުން އެކި މީހުން ތަފާތު ގޮތްގޮތަށް ވާހަކަ ދައްކާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވޭ...