Thursday, January 26, 2012

ފިރިހެނުންނާއި އަންހެނުން އުފެއްދެވުމުގެ ބޭނުން

އަލްއަޚް އަބްދުއްރަޙީމް މުޙައްމަދު ޅޮހީ

ﷲ ޢައްޒަވަޖައްލަ، އެއްވެސް އެއްޗެއް ބޭކާރުގޮތުގައި ނުއުފައްދަވައެވެ. އެކަލާނގެ އުފައްދަވާފައިވާ ކޮންމެ އެއްޗެއް އުފެއްދެވުމުގައިވެސް ފަހަތުގައި ވަރަށް މަތިވެރި ޙިކުމަތްތަކެއްވާނެކަން ޔަޤީނެވެ.


ﷲ ޢައްޒަވަޖައްލަ، މުއުމިނުންގެ ނަމުން ނަންދެވިފައިވާ ސޫރަތުގައި ވަޙީކުރެއްވިއެވެ. "أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ" المؤمنون: ١١٥ މާނައީ: " އަޅެފަހެ، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހައްދަވާފައިވަނީ، ބޭކާރުގޮތުގައި ހަމަކުޅިވަރަށްކަމަށާއި، އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަ ނުވާނޭކަމުގައި ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟

ކުރިން ބަޔާންވިފަދައިން، މުސްލިމުން ޤަބޫލުކުރާގޮތުގައި އިންސާނުންނާއި ޖިންނީން އުފެއްދެވުނީ މާތް ﷲ ޢައްޒަވަޖައްލައަށް އަޅުކަން ކުރުމަށެވެ. އަދި ޝައިޠާނާއާއި އޭނާގެ އެކުވެރިންގެ މަޅިތަކުން ސަލާމަތްވެ، ﷲ ޢައްޒަވަޖައްލަ، އަހަރެމެން ހިނގަން އެންގެވިމަގުން ހިނގައި ސުވަރުގޭގެ މަތިވެރި ނިޢުމަތް ޙާޞިލްކުރުމަށެވެ. ﷲ ޢައްޒަވަޖައްލަ ވަޙީކުރެއްވިއެވެ. "وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ" الذاريات: ٥٦ މާނައީ: "އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ." އަދިވެސް ﷲ ޢައްޒަވަޖައްލަ ވަޙީކުރެއްވިއެވެ. "بَلِ اللَّهَ فَاعْبُدْ وَكُنْ مِنَ الشَّاكِرِينَ" الزمر: ٦٦ މާނައީ: އަދި ކިޔެއް ހެއްޔެވެ! ހަމައެކަނި ﷲ އަށް އަޅުކަންކުރާށެވެ. އަދި ޝުކުރުކުރާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަންނަވާށެވެ." އަދިވެސް ހަމަ އެރައްބު ހަމައެސޫރަތުގެ 11 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. "قُلْ إِنِّي أُمِرْتُ أَنْ أَعْبُدَ اللَّهَ مُخْلِصًا لَهُ الدِّينَ" الزمر: ١١ މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް އަމުރުވެވިގެންވަނީ އިޚްލާޞްތެރިކަމާއެކު ﷲ އަށް އަޅުކަން ކުރުމަށެވެ. އެކަލާނގެއަށް އަޅުކަން ޚަލާޞްކޮށްގެންނެވެ."

0 comments:

Post a Comment