Friday, February 10, 2012

ބަދަލުވި ޙާލަތު – މީސްތަކުންނަށް ވީ ޢިބްރަތެއް

އަބްދުލް ހާދީ ހުސެއިން، ދި އިސްލާމް

30 އަހަރުގެ ގެ ހުދުމުޚުތާރު ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި ރައްޔިތުން ނިކުތީ ޤައުމަށް އަމާންކަމާއި ޢަދާލަތު ލިބޭނޭކަމުގެ އުއްމީދުގައެވެ. މިގޮތުން ދިވެހިންނާއި ބޭރުގެ ނުފޫޒުގެ ސަބަބުން އޭރު އޮތް ޤާނޫނު އަސާސީ އިސްލާޙުކުރުމުގެ މަސައްކަތް ވެރިކަމުގެ ފަރާތުން ކުރިއެވެ. އަދި ގިނަ ޕާޓީތަކެއް އުފަންވެ 2008 ވަނަ އަހަރު އައު “ޤާނޫނު އަސާސީ” ގެ ދަށުން ފުރަތަމަ ފަހަރަށް ގިނަ ޕާޓީތައް އެކުލެވޭ އިންތިޚާބެއް ބޭއްވުނެވެ. މި އިންތިޚާބުގައި އެއްވެސް ބަޔަކަށް ކާމިޔާބު ނުވެ ދެވަނަ ބުރަށް ދަތުރު ކުރަން ޖެހުނެއެވެ. އަދި ފުރަތަމަ ބުރުގައި ކުރިމަތި ލުމުގެ ފުރުޞަތު ލިބުނީ އޭރުގެ ރައީސް މައުމޫނާއި އެމްޑީޕީގެ ފުރަތަމަ ޗެއާރޕާސަން ނަޝީދުއަށެވެ. މިނިވަންކަމާއި ޢަދުލުވެރިކަމަށް ފެންބޮވައިގެންފައިވާ ގިނަބަޔަކު ތާޢީދު ކުރީ ރައްޔިތުންނަށް އެ ޔަޤީންކަން ދިން އެމްޑީޕީ ކޯލިޝަނުގެ ކެނޑިޑޭޓަށެވެ.

ކުޑަތަފާތަކުން އިއްތިޙާދުގެ ނަމުގައި ނިކުން ފަރާތްތަކަށް ކާމިޔާބު ލިބުނެވެ. އަދި 30 އަހަރުގެ ވެރިކަން ނިމި “ޑިމޮކްރެޓިކް ވެރިކަމެއް” ފެށުނެވެ. ވެރިކަމުގެ ނައުގެ ކުރީގައި ތިބީ އޭރު އިންސާނީ ޙައްޤާއި ޑިމޮކްރަސީއަށް އެންމެ ގިނައިން ކެމްޕޭންކޮށް އަޑު އުފިލި މީހުންނެވެ. ވެރިކަމަށް މާ ގިނަ ދުވަހެއް ނުވެ އިއްތިޙާދުގެ ފާރުން “ގައު” ތައް ނެއްޓި އިއްތިހާދު ރޫޅެމުން ދިޔައެވެ. ސަބަބަކަށް ގިނަ ބަޔަކު ބުނަމުންދިޔައީ ސަރުކާރުން އެމީހުންގެ ބަސް ނާހާ ކަމަށެވެ. އަދި އެންމެ ފަހަކާއި ޖެހެންދެން ސަރުކާރުގައި އޮތް “ޢަދާލަތު ޕާޓީ” ވެސް ސަރުކާރުން އަތް ފޮޅާލިއެވެ. އެތަށް ސަބަބުތަކެއް ދެއްކުމަށްފަހުއެވެ.
މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ޤައުމަށް އިޤްތިޞާދީ ގޮތުން ކަންތައްތަކެއް ކޮށްދީފައިވެއޭ ބުނުމަކީ އިދިކޮޅު ފަރާތްތަކަށް ބުނެވޭ ބަދު ބަހެއް ކަމުގައި ނުދެކެމެވެ. ދަތުރުފަތުރު ފަސޭހަވެގެން ދިއައެވެ. އެހެނީ “ބޭރުފުށުން” ފެންނަން އޮތް ފަސް ވަޢުދު ފުރިހަމަ ކުރުމަށް މަސައްކަތްތަކެއް ކުރިއެވެ. ބައެއް ކަންކަމުގައި އެދެވޭ ކުރިއެރުމެއް ލިބެމުން ދިޔަ އިރު އަނެއްބައި ކަންކަން ދިޔައީ ފަނުފުލުންނެވެ. އަދި އިދިކޮޅު ގިނަ ބަޔަކު ފާޅުކުރަމުން އައި ދެކޮޅުވެރިކަމުގެ ބަސްތައް އިތުރު ވެގެން ދިޔައެވެ. ޑޮލަރުގެ އަގަށް ގެނައި ބަދަލާއެކު ތަކެތީގެ އަގު އުފުލި “އަތްފޯރާ ފަށުން” ނެޓިގެން ދިޔުމާއި ސިވިލް ސާރވަންޓުންގެ މުސާރައިގެ މައްސަލަ އަކީ ފާހަގަ ކޮށްލެވޭ މައްސަލަތަކެވެ.
ކޮންމެއަކަސް ނަޝީދުގެ ސަރުކާރާ ދެކޮޅަށް ގިނަބައެއްގެ ހިތްހަމަ ނުޖެހުން ފާޅުވެގެން ދިޔައީ ސަރުކާރުގެ ދީނީ ސިޔާސަތުގެ ސަބަބުންނެވެ. ސަރުކާރުން ދީނުގެ ސިޔާސަތު ކަނޑައެޅުމަށް އުފެއްދެއްވި ވުޒާރާގެ އެދުންތަކުގައި ކޮޅުފައިން ޖެހިއެވެ. މީހުން އުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަދިނުން ހުޢްޓުވުމަށް މިނިސްޓްރީން އެދެނު އެދުމަށްވެސް އިޖާބައެއް ނުދިނެވެ. އަދި ބަނގުރާ މައްސަލަ ނިންމައި ޢަރަބިއްޔާ މައްސަލައާއި ދިވެހި އިސްލާމްގެ މައްސަލައަށްވެސް ފިނިކަމެއް އޭރު ގެންނަން ޖެހުނީ މަގުމަތިންނެވެ. މިގޮތުގައި ތިއްބާ ރައްޔިތުންގެ އުދާސްތައް ކެކެންފެށީ 17 ވަނަ ސާރކުސަމިޓުގައި އައްޑޫ ސިޓީގައި ބުދު ބެހެއްޓުމުގެ ސަބަބުންނާއި އަދި ޑިސެމްބަރު 10 ވަނަ ދުވަހު ދީނީ މިނިވަންކަމަށް ގޮވާލައި އެއްވި މީހުންނާއި މެދު ސަރުކާރުން މާ ބޮޑު އިޖާބައެއް ނުދިނުމުގެ ސަބަބުންނެވެ. ބުދު ތަކަކީ ނަގަން ޖެހޭ އެއްޗެއް ކަމާއި އިސްލާމްދީނާއި ރާއްޖޭގެ ޤާނޫނުތައް ހުއްދަނުކުރާ އެއްޗެއްކަން އިސްލާމިކް މިނިސްޓަރާއި ޤައުމުގެ ދީނީ ޢީލްމުވެރިންނާއި ޤާނޫނީ މާހިރުން ބުނަމުން ދިޔައެވެ. ނަމަވެސް ސަރުކާރުން މިކަންކަމަށް އިޖާބަ ދިނުމުގެ ބަދަލުގައި ދިނީ ބީރު ކަންފަތެކެވެ. އަދި އެކަންކަން ދިފާޢުކޮށް އެންމެ މަތިންފެށިގެން ތިރިން ވާހަކަ ދައްކަން ފެށިއެވެ.
23 ޑިސެމްބަރުގައި ޢަދާލަތު ޕާޓީގެ ރައީސް ގެ މާލިމީ ކަމުގެ ދަށުގައި އިދިކޮޅު ޕާޓީތައް އެއްގަލަކަށް އަރުވައި މަދަނީ ގިނަ ޖަމްޢިއްޔާތަކާއެކު، ބުދުތައް ނަގަން ގޮވައި އިސްލާމް ދީން ޙިމާޔަތް ކުރުމަށް ދިވެހިންގެ ގިނަބަޔަކާއެކު ނިކުތީ ސަރުކާރުން އިޖާބަ ނުދިނުމުގެ ސަބަބުންނެވެ. ނަޝީދުގެ ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީއަށް އެންމެ ބޮޑަށް ލޮޅުން އެރީ “23 ޑިސެމްބަރު”ގައި ބޭއްވި ބޮޑު އެއްވުމުގެ ސަބަބުންނެވެ. އަދި ހަމަ އެދުވަހު މެދުމިނަށް ތާއީދު އޭ ބުނެ ސަރުކާރުން ބޭއްވި އެއްވުމަށް ދިޔަ މިސްކޮޅުގެ މަދުކަމުން ސަރުކާރުގެ ވެރިންގެ ގައިން ހީބިހި ނަގަން ފެށިއެވެ. ސަރުކާރުގެ ފިއްތުންތަކާއި އެކުވެސް 23 ޑިސެމްބަރުގައި ބޮޑު އެއްވުމެއް ބާއްވާއި ސަރުކާރަށް ކަންތައްތައް ޑިމާންޑުކޮށް މުހުލަތު ދިނެވެ. އަދި ސަރުކާރުން އެކަންކަމަށް މާބޮޑު އަޅާލުމެއް ނުދިނުމުގެ ސަބަބުން އިތުރު އެއްވުމެއް ރާއްވާ ތަފާތު މީޑިއާ ތަކުގައި ސަރުކާރަށް ކިޔަމުން އައި ފާޑުކިޔުންތައް އިތުރުވެގެން ދިޔައެވެ. އަދި ޤައުމީ ޕާޓީގެ ޑރ.ޖަމީލު ފުލުހަށް ގެންގޮސް ޙައްޔަރުކޮށް “ބަނދުގެ މުއްދަތު” ޖެހުމަށް ކޯޓަށް ގެންދުއުމުން ކޯޓުން އޭނާ ދޫކޮށްލިއެވެ. މި ސަބަބަށްޓަކައި ކްރިމިނަލް ކޯޓުގެ ޤާޟީ ޤައުމީ ސަލާމަތަށޭ ކިޔާ ސިފައިންލައްވާ ޙައްޔަރު ކުރުވިއެވެ.
ޤައުމުގެ ގިނަ މުޥާޠިނުންގެ އުދާސްތަކުގެ ހުޅުގަނޑު ރޯވީ މިހިސާބުންނެވެ. ޤާނޫނު އަސާސީއާއި ޤާނޫނުތަކުގެ ބޭރުން ކްރިމިނަލް ކޯޓުގެ އިސް ޤާޟީ ހައްޔަރު ކުރުން ވެގެންދިޔައީ ސަރުކާރުން މި ތިން އަހަރުގައި އެޅުނު އެންމެ ޅަ އެއްޗަށެވެ. ހުދު ރައީސް ނަޝީދުވެސް ޤަބޫލު ކުރައްވާ ގޮތުގައި އެ “ޙައްޔަރު ކުރުން” ޖަސްޓިފައި ކޮށްދެވޭނެ ގޮތެއް ނެތެވެ. އިދިކޮޅު ފަރާތްތައް ޢަބްދުލުﷲ ޤާޟީ މިނިވަންކުރުމަށާއި ޤައުމުގެ ޢަދުލު އިންސާފުގެ ބާރު ހިމާޔަތް ކުރުމަށް ނިކުތީ ރާއްޖޭގެ ސްޕރީމް ކޯޓާއި، ހައިކޯޓާއި، ޖިނާޢި ކޯޓާއި، ޖޭ އެސް ސީ ން އޭނަ ދޫކޮށްލުމަށް “ފުލުފުލުން” ނެރުނު އަމުރުތަކަށް ސަރުކާރުން އިޖާބަ ނުދިނުމުގެ ސަބަބުންނެވެ. އަދި ފަހުންވެސް ޤައުމުގެ އޭރުގެ ނާއިބު ރައީސާއި ހިއުމަން ރައިޓްސް އާއި އަދި އދ ގެ އިތުރުން ބޭރުގެ އެހެން ފަރާތްތަކުންވެސް ޤާޟީ ދޫކޮށްލުމަށް ގޮވާލިއެވެ. ސަރުކާރާއި ދެކޮޅަށް އިދިކޮޅު ހުރިހާ ޕާޓީތަކެއް އެއްވެ އެތައް ރެއަކު ވަނީ މުޒާހަރާ ކޮށްފައެވެ. މި ދުވަސްތަކުގެ ތެރޭގައި ސަރުކާރުގެ ތަފާތު މަޤާމުތަކުގެ އިސްބޭފުޅުން އިސްތިޢުފާ ދިނުމާއި ސާރކުގެ ސެކްރެޓަރީ ޖެނެރަލް މަޤާމު ދޫކޮށްލުންވީ ކުރަމުން ދިޔަ މުޒާހަރާތަކަށް ލިބުނު ކުރިއެރުމަކަށެވެ.
ޑިމޮކްރަސީ ފައްކާކުރަންކަމަށް ބުނެ މަޤާމަށް ވަޑައިގެންނެވި ރައީސް ކަމުގެ ދައުރު ބަދަލުވުމުގެ ކޮޅުމަތި ފެންނަންފެށީ ޢާއްމުކޮށް ކުރަމުން އަންނަ “ޣައިރު ޤާނޫނީ” އަމުރުތަކުގެ ސަބަބުން ފުލުހުން އިތުރަށް ހިންހަމަ ނުޖެހުމުގެ ސަބަބުންނެވެ. މީގެ ކުރިންވެސް ސަލާމަތީ ބާރުތަކުން ހިތްހަމަ ނުޖެހޭކަން ފެންނަން ފެށިއެވެ. އެހެނީ ޤައުމުގެ ވެރިޔާ ސިއްރިޔާތުގައި ދިފާޢީ ބާރުތަކާއި ދައްކަވަމުން ދިޔަ ވާހަކަފުޅުތައް ރޭ އަލިވިލޭ އިރު މީޑިއާތަކަށް އައީ ލިބެމުންނެވެ. ފެބްރުއަރީ 6 ވަނަ ދުވަހުގެ ރޭ ސަރުކާރަށް ތާޢީދު ކުރާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކުން އާރޓުފިޝަލްގައި ކުރަމުން ދިޔަ މުޒާހަރާ ކޮންޓްރޯލުކުރމަށް ގޮސް ތިބި ފުލުހުން އަނބުރާ އައުމަށ ކުރި އަމުރު ވެގެން ދިޔައީ ފުރަތަމަ ފަހަރަށް ފާޅުގައި ފުލުހުން އެކަމާ ދެކޮޅު ހެދި ކަމަކަށެވެ. އަދި ސިފައިން އައުމުން ފުލުހުން ދުރަށް ޖެހިލި ވަގުތު މުޒާހަރާގައި ހިނގަން ފެށި ހަމަނުޖެހުންތައް ކޮންޓްރޯލުކުރުމަށް މާ ބޮޑޫ އަމުރެއް ނެތި ފުލުހުން އައީ އެމީހުންގެ ދީނީ އަދި ޤައުމީ ވާޖީބު އަދާކުރުމަށެވެ. އަދި ފުލުހުންގެ އެދުމަށް އިދިކޮޅު ފަރާތްތަކުން މުޒާހަރާ ހުއްޓާލިކަން އިޢުލާން ކުރިއެވެ. ދެން ފެނިގެން ދިޔައީ ދަންވަރު މާލޭގެ އަމާން ކަމަށް ލޮޅުން އަރަން ފެށިތަނެވެ. ތަންތާގައި ހުޅުޖައި ހަދަން ފެށިއެއެވެ.
ފުލުހުން އެމީހުންނަށް ޣައިރު ޤާނޫނީ އަމުރު ނުކުރަމަށް ގޯވާލާ ޖުމްހޫރީ މައިދާނަށް އެއްވާން ފެށިއެވެ. އަދި އެކަމަށް އިސްފަރާތްތަކުގެ ކިބައިން ޑިމާންޑު ކުރިއެވެ. ނަމަވެސް ފުލުހުންގެ އިސް ބޭފުޅުން އެކަމަށް އިޖާބަ ނުދިނެވެ. ހެނދުނު ވީ އިރު ޖުމްހޫރީ މައިދާން ވަނީ ފުލުހުންގެ ބާރުގެ ދަށަށްގެނެސް އަދި އެތަށް ރައްޔިތުންނެއް ދިޔައީ ފުލުހުންނަށް ތާއީދު ކޮށް އެއްވަމުންނެވެ. ރައީސް ނަޝީދު ފުލހުންނާއި ވާހަކަ ދެއްކެވިއެވެ. ފުލުހުންގެ ޖަވާބަކަށް މިފަހަރު ވީ “ނޯ ސަރ” އެވެ. ރައީސް ނަޝީދާއި ޑިފެންސް މިނިސްޓަރާއި ސިފައިންގެ އިސްވެރިން ސިފައިންގޭގެ ހެޑްކުއާރޓަގައި ތިބެ ސިފައިންނަށް ކޮމާންޑު ކުރަމުން ދިޔައެވެ. އަދި ފލުހުންނާއި ސިފައިންނާއި ހަމަ ނުޖެހުމެއްވެސް ހިނގިއެވެ. ނަމަވެސް ފުލުހުން ދޫ ނުދިނުމުން ސިފައިން އަބުރާ ދިޔައެވެ. ދެން ފެނިގެން ދިޔައީ މާތްﷲގެ އިރާދަފުޅާ އެކު ވެރިކަން ބަދަލުވުމުގެ ކުލަވަރުތަކެއެވެ. ސިފައިންގެ ތެރެއިން ގިނަ ބަޔަކު ފުލުހުންނާއި ގުޅެމުން ދިޔަ މަންޒަރެވެ. އަދި ފުލުހުންނާއި ސިފައިންނަށް “ޣައިރު ޤާނޫނީ” އަމުރުތައް ކުރާ މީހުންނާއި ރައީސް ނަޝީދު ވަގުތުން އިސްތިއުފާ ދިނުމަށް ސަލާމަތީ ބާރުތަކުން އެދި ގޮވަން ފެށިއެވެ. އަދި ސިފައިންގެއާއި ފުލުހުންގެ ޔުނީފޯމުގައި ކުރިން އުޅުއްވި އިސް ވެރިން އެއްވުމާއި ގުޅި ވާހަކަތައް ފެށުނެވެ. ފުލުހުންނާ އައު ވެރިން ހަވާލުވެ ދައުލަތުގެ ޓީވީ އާއި ރޭޑިއޯ ސިފައިންނާއި ފުލުހުންގެ ބެލުމުގެ ދަށަށްގެނައެވެ “ކުރީގެ” ކާނަލް ނާޒިމް ސިފައިންގެއިން ނިކުމެ އައިސް ރައީސް އިސްތިއުފާ ދެއްވާނެ ކަން އިޢުލާން ކުރެއްވިއެވެ. އަދި އިސްތިއުފާ އިޢުލާން ކުރެއްވުމަށް ރައީސް ނަޝީދު ރައީސް އޮފީހަށް ވަޑައިގަތުމަށް ތައްޔާރު ވި ވަގުތު ގިރިފުށީގައި ހުންނެވި ޢަބްދުﷲ ޤާޟީ މާލެ ގެނުވުނެވެ.
ވެރިކަން ނާއިބު ރައީސްގެ އަތްމައްޗަށް ދިޔައީ ރައީސް އޮފީހުގައި ރައީސްކަމުގެ އިސްތިއުފާ އިޢުލާންކޮށް ރައްޔިތުންގެ މަޖްލީހުގެ ރައީސަށް އިސްތިއުފާގެ ސިޓީ ފޮނުވި ހިސާބުންނެވެ. އަދި ރައްޔިތުންގެ މަޖްލީހުގައި އުއްތަމަ ފަނޑިޔާރު ގެ ކުރިފުޅުމަތީގައި ރައީސްކަމުގެ ހުވާ ކުރެވިގެންދިޔައީ “ޑިމޮކްރަސީގެ ފޭރާމާއެކު” ވަޑައިގެން “ހުދުމުޚްތާރުކަމަށް ބަދަލުވި ވެރިޔާގެ” ވެރިކަން ބަދަލުވެ ގިނަ ބައެއްގެ ހިތްތަކަށް ހަމަޖެހުން ގެނުވާފައެވެ. ވެރިކަމަކީ މާތްﷲ ދެއްވާ އެއްޗެއްކަމާއި އެކަލާނގެ އިރާދަކުރައްވާ ފަރާތްތަކުން އެ ވެރިކަން ގެންދަވާނެކަން އިތުރަށް ވިސްނާމީހުންނަށް ބުނެދެމުންނެވެ.
ޤައުމުގެ ރިޔާސަތުގައި މިއަދު ތަހުތު ކުރެވުނު ފަހާމަތުއްރައީސް ޑރ.މުޙައްމަދު ވަޙީދަށް ދަންނަވަން އޮތީ ހަމަ އެންމެ ބަހެކެވެ. ވެރިކަމުގައި ޢަދުލުވެރި ވާށެވެ. މިއަދު ފެނިގެން މިދިޔައީ ސިކުނޑީގެ އަހުލުވެރިނަށް ހުރި ފިލާވަޅެކެވެ. ވިސްނާ ބަލާ ބަޔަކަށް ހުރި ޢިބްރަތެކެވެ. މަނިކުފާނެވެ! މާތްﷲ ގެ އިރާދަފުޅުން ތިޔަ ލިބިލެއްވި ވެރިކަން އެއީ ދާއިމީ އެއްޗެއް ނޫނެވެ. އިސްލާމްދީނާއި ޤައުމުގެ ޤާނޫނު އަސާސީއަށް ޙުރުމަތްތެރިކޮށް ހިތައި ޤައުމު އަމާން ބަނދަރަކަށް ގެންދިއުމަށް ހަވާލުވި މަސްއޫލިއްޔަތެކެވެ. އަމާނާތެކެވެ. ހަމަ ޔަޤީނުންވެސް މާތް ﷲގެ ކިބައިން ވާތްގާއި ހެވަށް އެދޭ މީހަކަށް އެކަލާނގެ ވާގި ދެއްވާނެއެވެ. އަދި ހެޔޮލަފާ މީހުންގެ ބަސް އަހައި މަޝްވަރާގެ އުޞޫލުން ކަންކަން ކުރިޔަށް ގެންދާށެވެ. މާތް ﷲ ދިވެހި ޤައުމަށް އަދަށްވުރެ ފެހި މާދަމާއެއް ދެއްކެވުން އެދެން. އާމީން.

0 comments:

Post a Comment