Tuesday, April 10, 2012

ކުދިން ކުޅެން ބޭރަށް ނުނެރޭނަމަ ސިއްހީ މައްސަލަ އިތުރުވާނެ

ހަވީރު ނޫސް

ކުޅެލަން ބޭރުގައި ހޭދަކުރާ ވަގުތަކީ ގިނަ މައިންބަފައިންގެ ކުޑައިރުގެ އެންމެ ފޮނި ހަނދާންތަކާ ގުޅިފައިވާ ކަމެވެ. ނަމަވެސް ސައިންސްވެރިން ވިދާޅުވަނީ މައިންބަފައިން އެ މީހުންގެ ދަރިންނަށް މި ސަގާފަތް ދަސްކޮށްނުދޭ ކަމަށެވެ.

އޭޕްރީލް 2 ވަނަ ދުވަހު އާކައިވްސް އޮފް ޕީޑިއެޓްރިކް އެންޑް އެޑޯލްސަންޓް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން، ގިނަ މައިންބަފައިން އެ މީހުންގެ ދަރިން ގެއިން ބޭރަށް ކުޅެލައި، ހަށިގަނޑަށް ކަސްރަތު ލިބޭ ކަހަލަ ކަންތައްކުރަން ފޮނުވަން ފަސްޖެހެ އެވެ. ނުވަތަ އެކުދިން ގޮވައިގެން ބޭރު ތެރޭގައި އުޅޭ މައިންބަފައިން ވަރަށް މަދެވެ. ހާއްސަކޮށް އަންހެންކުދިން ގޮވައިގެން ބޭރަށް ނުކުންނަން ފަސްޖެހޭ މައިންބަފައިން ގިނަ އެވެ. 

މި ދިރާސާގައި 8،950 ކުދިންނާއި އެ ކުދިންގެ މައިންބަފައިން ބައިވެރިކޮށްފައިވެ އެވެ. އެ ގޮތުން މައިންބަފައިންނާ ކުރި ސުވާލުތަކުން އެނގުނު ގޮތުގައި ކުދިން ގޮވައިގެން ކޮންމެ ދުވަހަކު ބޭރަށް ކުޅެލާ މަޖާކޮށްލަން ނުވަތަ ހިނގާލަން ގެންދަނީ އެންމެ 51 ޕަސެންޓް މައިންބަފައިންނެވެ. 

މި ގޮތުން ފިރިހެން ކުދިން ބޭރަށް ގެންދާ މިންވަރު އަންހެންކުދިންނަށް ވުރެ ގިނަ އެވެ. ޕްރީ ސްކޫލަށް ދާ އުމުރުގެ އަންހެންކުދިން ބޭރަށްގެންދާ މިންވަރު ފިރިހެން ކުދިންނަށް ވުރެ 16 ޕަސެންޓް ދަށެވެ. 

މައިންބަފައިންގެ މަސައްކަތްތައް ހުންނަ ގޮތުންނާއި ކުދިން އަބަދު ބޭރަށް ނެރުން ރައްކާތެރި ނޫން ކަމަށް ގަބޫލުކުރެވުމާއި، ފައިސާ އާއި ވަގުތުގެ ދަތިކަން ހުންނަ ގޮތުން ކުދިން ގޭގައި ޓީވީ ބަލަން ނުވަތަ ގޭމް ކުޅުން ފަދަ ކަމަކަށް ބޭތިއްބުން މައިންބަފައިންނަށް ފަސޭހަވެފައި ހިތްހަމަޖެހެ އެވެ. 

ސައިންސްވެރިން ވިދާޅުވަނީ ހެދިބޮޑުވަމުން އަންނަ ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި ހަށިގަނޑުގެ ހެދިބޮޑުވުމަށާއި ސަލާމަތް ސިއްހަތަކަށް އެ ކުދިން ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ވަގުތަކު ބޭރުގައި ކުޅެލަން ނުވަތަ ހިނގާލަން ގެންދިއުން ވަރަށް މުހިއްމު ކަމަށެވެ. 

ކަސްރަތު ނުވަތަ ހެލިފެލިވެ އުޅެވޭ ކަހަލަ ކަމެއްކުރުމަކީ ކުދިންގެ ބަރުދަން ކޮންޓްރޯލްކުރުމަށާއި ލޭގެ ޕްރެޝަރު ދަށްކުރުމަށް އަދި އެޗްޑީއެލް (ރަނގަޅު ކޮލެސްޓްރޯލް) މަތިކުރުމަށާއި ހަކުރު ބައްޔާއި ބައެއް ކަހަލަ ކެންސަރުގެ ނުރައްކާ ކުޑަކޮށް، ކުއްޖާގެ ސިކުނޑި އަށް ތާޒާކަން ލިބި ނަފްސާނީ ގޮތުން ހަރުދަނާ ކުއްޖަކަށް ވުމަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނެ އެވެ. 

އެ އެސޯސިއޭޝަނުން ލަފާދެނީ 2 އަހަރުން މަތީގެ ކުދިން ދުވާލަކު މަދުވެގެން 60 މިނެޓްއިރު ހަށިގަނޑަށް ކަސްރަތު ލިބޭ ކަހަލަ ހެލިފެލިވެ އުޅޭ ކޮންމެވެސް ކަމެއްގައި ޝާމިލުކުރަން ޖެހޭނެ ކަމަށެވެ.

0 comments:

Post a Comment