Thursday, February 16, 2012

މިލަންދޫ ކައުންސިލްގެ ބައެއް މެންބަރުންނާ އާންމުން ހައްޔަރުކޮށްފި

އަލީ ވާފިރު އާދަމް، ސަންއޮންލައިން

ށ. މިލަންދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިން މައްސަލައިގައި ފުލުހުން މިއަދު އެ ރަށައް އަރައި ކައުންސިލްގެ ބައެއް މެންބަރުންނާ އަދި ބައެއް އާންމުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މި މަހުގެ އަށް ވަނަ ދުވަހު ޕޮލިސް ސްޓޭޝަންތަކަށް ގެއްލުން ދިން މައްސަލައިގެ ތަހުގީގަށް މިއަދު މެންދުރު މިލަންދޫން ހައްޔަރުކުރީ 11 މީހުން ކަމަށެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ މިލަންދޫ ކައުންސިލް މެންބަރު އަހުމަދު ޝިމާލު މިއަދު ވިދާޅުވީ 40ހަކަށް ފުލުހަކު ރަށަށް އަރައި ހައްޔަރުކޮށްގެން ގެންދިޔަ މީހުންގެ ތެރޭގައި ކައުންސިލްގެ ރައީސް މުޙައްމަދު ޔާސިރާއި، ނައިބު ރައީސް އަޙުމަދު އިމްރާން އަދި ކައުންސިލް މެންބަރު ޢަބްދުﷲ ފާއިޒު ހިނެމޭ ކަމަށެވެ.

"ޖުމްލަ 11 މީހަކު ހައްޔަރުކުރީ. އެ އެންމެން [ށ] ފުނަދޫ އަށް ވަނީ ގެންގޮސްފަ،" ފާއިޒް ވިދާޅުވި އެވެ.

އެ މީހުން ހައްޔަރުކުރުމާ އެކު ރައްޔިތުން މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ އިސްވެ ހުންނަވައިގެން ރަށުގެ މަގުތަކަށް ނުކުމެ ބައެއް މީހުން އިހުތިޖާޖް ކުރަމުން އަންނަ ކަމަށެވެ. 

މި މަހުގެ އަށް ވަނަ ދުވަހު އެމްޑީޕީން ބޭއްވި މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުވެ ދައުލަތުގެ މުދަލަށް ގެއްލުންދިން ގިނަ ރަށްރަށުގެ ކައުންސިލް މެންބަރުންނާއި ބައެއް އާންމުން ފުލުހުން ގެންދަނީ ހައްޔަރުކުރަމުންނެވެ. އޭނގެން ބައެއް މީހުން މިހާރުވަނީ ދޫކޮށްލާފަ އެވެ.

0 comments:

Post a Comment