Wednesday, February 15, 2012

އަނބިންނަށް ހެޔޮކޮށްހިތުން

އަލްއުޚްތު އުއްމު ޒިވާ، މޯލްޑިވިއަން ޕާލްސް

މާތްﷲ ފިރިހެނުންނަށް އަންގަވަނީ އެބައިމީހުންގެ އަނބީންނަށް އެބައިމީހުންނަށް ވީ އެންމެ މަތީ ދަރަޖައަކަށް ހެޔޮކޮށް ހިތުމަށެވެ.
އަދި ވަޙީކުރެއްވިއެވެ."وَعَاشِرُوهُنَّ بِالْمَعْرُوفِ" (النساء 19) "އަދި އެކަނބަލުންނާއެކު ހެޔޮގޮތުގައި އުޅޭށެވެ.


ﷲ ގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "خَيْرُكُمْ خَيْرُكُمْ لأَهْلِهِ وَأَنَا خَيْرُكُمْ لأَهْلِي"( رواه الترمذي (3895) وابن ماجه (1977) وصححه الألباني في صحيح الترمذي ). މާނައަކީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އަނބީންނަށް ހެޔޮ މީހާއެވެ. ތިމަންކަލޭގެފާނަކީ ތިމަންކަލޭގެފާނުގެ އަނބީންނަށް އެންމެ ހެޔޮ މީހާ އެވެ".

ރަޙުމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ގޮތުގައި، އަނބިމީހާއާ މެދު ކަންކުރާ ގޮތުން ފިރީންގެ ރަނގަޅު އަޚުލާޤު ފެނިގެންދެއެވެ. އަދި އެކަމުން އެމީހާގެ އީމާންކަން ވެސް ރަމްޒުކޮށްދެއެވެ. މުސްލިމު ފިރިހެނަކު އޭނާގެ އަނބިމީހާއަށް ހެޔޮކޮށް ހިތާނީ ކިހިނެއްބާ؟ އޭނާ އަނބިމީހާއަށް ހިނިތުންވުމާއެކު ބަލާށެވެ. އަނބިމީހާ ނަފްސާނީ ގޮތުން ދެރަ ނުކުރާށެވެ. އޭނާއަށް ގެއްލުން ވެދާނެ ކޮންމެ ކަމަކުން އޭނާ ދުރުކުރާށެވެ. އޭނާއަށް އޯގާތެރިކޮށް ހިތާށެވެ. އަދި އޭނާއާ މެދު ކެތްތެރިވާށެވެ. 

ހެޔޮކޮށް ހިތުމުގެ ތެރޭގައި ރަނގަޅަށް މުޢާމަލާތް ކުރުން ހިމެނެއެވެ. ފިރިމީހާ ވާން ޖެހޭނީ އަނބިމީހާ ދައްކާ ވާހަކަތައް ކަނުލާ އަޑުއަހާ މީހަކަށެވެ. ވަރަށް ގިނަ ފަހަރު ފިރީން އެބައިމީހުންގެ މަސައްކަތުގެ މާހައުލާއި އެހެނިހެން ކަންކަމުން ދިމާވާ ނުތަނަވަސްކަން އަނބިމީހާއަށް "ބާލާ" ފަހަރު ވެސް އާދެއެވެ. މީގެ ބަދަލުގައި އަނބީންނަށް ގޭތެރޭގެ މަސައްކަތުގައާއި ދަރީން ބެލުމުގައި ދިމާވާ ދަތިތަކާ ބެހޭ ގޮތުން އޮޅުންފިލުވުމަށް ހަނދާން ނައްތާލައިގެން ނުވާނެއެވެ. އަދި އަނބީން ކަމަކާ ހިތްހަމަނުޖެހިފައި ހުންނަ ވަގުތުގައާއި ދެރަވެފައި ހުންނަ ވަގުތުގައާއި ވަރުބަލިވެފައި ހުންނަ ވަގުތުތަކުގައި މުހިންމު ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ނުދެއްކުމަށް ވެސް ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. މަޝްވަރާ ކުރުމާއި، ޚިޔާލު ބަދަލުކުރުމާއި، މަޢާފުކުރުމާއި، އިތުބާރުކުރުމާއި ގޮތް ދޫކުރުމަކީ ކައިވެންޏެއްގެ ޙަޤީޤީ ކާމިޔާބީއާ ގުޅިފައިވާ ކަންކަމެވެ.

އަނބީންނަށް ހެޔޮކޮށް ހިތުމުގެ ތެރޭގައި އޭނާއަށް ހިތްވަރުދިނުން ހިމެނެއެވެ. އެންމެ ބޮޑު އުފާވެރިކަމެއް އޮންނާނީ ތެދުވެރި ހިތަކައިގެން ޙަޤީޤީ މައްސަލައަކީ ކޮބައިކަން ދެނެގަންނަ މީހާއާއި އަނބިމީހާ އެންމެ އުފާވާ އަދި ބޭނުންވާ ކަންކަން ދެނެގަންނަ މީހާއެވެ. އެހެންކަމުން އަނބިމީހާ ނުތަނަވަސްވަނީ ކިހިނެއްވެގެން ކަމާއި އޭނާ އެންމެ ބޭނުންވާ ކަންކަމަކީ ކޮބައިކަމާ ދޭތެރޭ ފިރިމީހާ އޭނާގެ އަމިއްލަ ނަފްސާ އަބަދުވެސް ސުވާލުކުރަން ވާނެއެވެ. އަނބިމީހާއަށް ތަޢުރީފުކުރި ވަރަކަށް އަނބިމީހާ ފިރިމީހާއަށް ލެނބެމުންދާލެއް ބޮޑުވާނެއެވެ. އެ ގޮތުން ބޭނުންކުރެވިދާނެ ހިތްހެޔޮ ބަސްތަކުގެ ތެރޭގައި، "ތިއީ ވަރަށް ކަމުދާ ޚިޔާލެއް"، "ތި ހެދުމުގައި ހުންނަ އިރު ވަރަށް ރީތި"، "ތި އަޑު ވަރަށް އަހާހިތްވޭ" ފަދަ ބަސްތައް ހިމެނެއެވެ. 

އިންސާނުންނަކީ އުނި ސިފަތައް ހުންނާނެ ބައެކެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވައްސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. "لاَ يَفْرَكْ مُؤْمِنٌ مُؤْمِنَةً إِنْ كَرِهَ مِنْهَا خُلُقًا رَضِيَ مِنْهَا آخَرَ" - رواه مسلم (1469) "އީމާންވެގެންވާ ފިރިހެނަކު އީމާންވެގެންވާ އަންހެނަކާ ދޭތެރޭ ރުޅިވެރިކަން ބާއްވައިގެން ނުވާނެއެވެ. އޭނާ އާ ދޭތެރޭ ހިތްހަމަ ނުޖެހޭ ސިފައެއް ހުރި ކަމުގައި ވިޔަސް އޭނާ ގައިގައި ހުރި އެހެން ހިތްހަމަޖެހޭ ސިފަތަކަށް ބަލާށެވެ." ތިމާގެ އަނބިމީހާގެ ގައިގައި ހުރި ސިފައެއްގެ ސަބަބުން އޭނާއާ ނަފްރަތު ނުކުރާށެވެ. އޭގެ ބަދަލުގައި އަނބިމީހާއަށް ފުރުޞަތު ދީފި ނަމަ ފިރިމީހާ ހިތްއެދޭ ކަހަލަ ސިފަތަކެއް އަނބިމީހާގެ ކިބައިން ފެނިދާނެއެވެ. އަނބިމީހާގެ ގައިގައި ހުރި ހިތްއެދޭ ސިފަތައް ދެނެގަތުމަށްޓަކައި އަނބިމީހާގެ ގައިގައި ހުރި ރަނގަޅު ސިފަތަކުގެ ތެރެއިން ހައެއްކަ ކަންތައް ނޯޓުކޮށްލާށެވެ. މިގޮތަށް ނޯޓުކުރާއިރު ކޮންމެ ކަމަކީ ވެސް ވަކިވަކި ކަންތައްތަކެއްގެ ގޮތުގައި ނޯޓުކުރާށެވެ. އެ ގޮތުން އެ ލިސްޓުގައި ތަޤުވާވެރި، އޯގާތެރި، ހިތްހެޔޮ، އުފެއްދުންތެރި، ތެދުވެރި، މަސައްކަތްތެރި، ހިތްވަރުގަދަ، ވަފާތެރި، އުފާވެރި ފަދަ ކަންކަން ހިމެނުން ރަނގަޅެވެ. އަދި މި ލިސްޓު ހެދުމުގައި އަވަސް އަރުވާލުމުގެ ބަދަލުގައި ވަޤުތުގެ ބޭނުން ހިފައިގެން ރަނގަޅު ތެދު މަޢުލޫމާތު ހިމެނޭ ލިސްޓެއް ތައްޔާރުކުރުން ވަރަށް މުހިއްމެވެ. އަދި ދެމަފިރިންގެ ދޭތެރޭގައި މައްސަލަ ޖެހޭ ވަގުތުތަކުގައި މި ލިސްޓުގައި ވާ ކަންކަމަށް ބަލައިލުން މުހިއްމެވެ. މި ކަމުގެ ސަބަބުން ތިމާގެ އަނބިމީހާގެ ގައިގައި ހުރި ރަނގަޅު ސިފަތައް މަތިން ހަނދާންވެ ގިނަގިނައިން ތަޢުރީފުކުރުމަށް އާދަވެދާނެއެވެ.

އެއްދުވަހަކު ޞަޙާބީއަކު (މުޢާވިޔާ ބިން ޙައިދަތު އަލްޤުޝައިރީ) ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރެއްވިއެވެ. يَا رَسُولَ اللَّهِ مَا حَقُّ زَوْجَةِ أَحَدِنَا عَلَيْهِ ؟ قَالَ : "أَنْ تُطْعِمَهَا إِذَا طَعِمْتَ وَتَكْسُوَهَا إِذَا اكْتَسَيْتَ أَوْ اكْتَسَبْتَ وَلَا تَضْرِبْ الْوَجْهَ وَلَا تُقَبِّحْ وَلَا تَهْجُرْ إِلَّا فِي الْبَيْتِ" قَالَ أَبُو دَاوُد : وَلَا تُقَبِّحْ : أَنْ تَقُولَ قَبَّحَكِ اللَّهُ . (رواه أبو داود ( 2142 ) وصححه الألباني في " صحيح أبي داود " .) " އޭ ﷲ ގެ ރަސޫލާއެވެ! އަހަރެމެންގެ ތެރެއިން މީހެއްގެ އަނބިމީހާގެ މައްޗަށްވާ ޙައްޤުތަކަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "ތިބާ ކައިގެންހުރިކަމުގައިވަނީ ނަމަ އަނބިމީހާއަށް ކާން ދޭށެވެ. ތިބާ ހެދުންލާނަމަ އޭނާ ވެސް ހެދުން ލައްވާށެވެ. (ހެދުން ދޭށެވެ) އަދި އޭނާގެ މޫނުގައި ނުޖަހާށެވެ. އަދި އޭނާއާ ދިމާއަށް قَبَّحَكِ اللَّهُ ނުބުނާށެވެ. އަދި އަނބިމީހާ ގޭގައި ހުންނައިރު މެނުވީ އެކަހެރިކޮށްނުލާށެވެ."

ކައިވެނީގެ މައްސަލަތަކަކީ ވާހަކަދައްކައިގެން ޙައްލު ނުކުރެވިއްޖެ ނަމަ ރުޅިވެރިކަމާ ނަފުރަތަށް މަގުފަހިކުރާ ކަމެކެވެ. ރުޅިއަކީ އެންމެ މައިތިރިކުރަން އުނދަގޫ އިޙްސާސްކަމުގައި ވީ ނަމަވެސް، އެ ކަމުން ސަލާމަތްވުމަށް އޮތް އެންމެ ފަސޭހަ މަގަކީ، ތިމާއަށް ދެރައެއް ދިން ފަރާތަށް މަޢާފްކުރަން ދަސްކުރުމެވެ. ދެމަފިރިންގެ ދޭތެރޭގައި މައްސަލައެއް ދިމާވާ ވަގުތު އަނބިމީހާއާ ވާހަކަދެއްކުން ހުއްޓާ ނުލާށެވެ. އަދި އޭނާ ދެރަކޮށް ހިތުގައި ނުޖައްސާށެވެ. އޭގެ ބަދަލުގައި އެ މައްސަލަ ހައްލުވެދާނެ ކަމުގެ އުންމީދު ގައި މަސައްކަތްކުރާށެވެ. ޙާލަތު ބަދަލުވުމުން ކުރީގެ ޙާލަތަށް ރުޖޫޢަވާށެވެ. ކިތަންމެ ހިތްހަމަ ނުޖެހިފައި ހުއްޓަސް އަނބިމީހާއާ އިހާނެތި ބަހުން މުޚާޠަބްކުރުމާއި އޭނާއަށް އެއްވެސް ގޯނާއެއްކޮށް ގެއްލުމެއް ދިނުން ފިރިމީހާއަށް ހުއްދަވެގެން ނުވެއެވެ.

0 comments:

Post a Comment