Tuesday, June 5, 2012

ފޭދޫ އަށް ވަޑާމަށް އައިސް އުޅުނު މީހަކު ފުލުހުންގެ ހައްޔަރު ކޮށްފި

ނިއުސް ރިޕޯޓަރ

ފޭދޫއަށް ކިއްސަރު ވަޑާމަށް އައިސް އުޅުނު ނޫމަރާ މީހަކު ފޭދޫން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮއްސިއެވެ. ފޭދޫ އޮންލައިން އަށް ވަރަށް މުޢުތަބަރު ފަރާތަކުން މަޢުލޫމާތު ދިން ގޮތުގައި މި މީހަކީ ކުޑަ ކުއްޖަކާއި ބަދު އަޚްލާޤީ ޢަމަލު ހިންގުމަށް ފަހު، ފިލައިގެން އައިސް އުޅުނު މީހެކެވެ.
އެހެން ނަމަވެސް ބައެއް ފަރާތްތަކުން މަޢުލޫމާތު ދޭ ގޮތުގައި، މި މީހާ އަކީ މަސްތުވާ ތަކެތި ބޭނުން ކުރާ މީހެކެވެ. އަދި މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނީ މަސްތުވާތަކެތި ބޭނުން ކޮށްގެން އުޅޭ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާއި ގުޅިގެން ފުލުހުން މީނާ ހައްޔަރު ކުރަން ދިއުމުން ފިލައިގެން ފެރީ އަށް އަރައިގެން ފޭދޫ އައީއެވެ.

މިކަން ކޮންމެ ގޮތަކަށް އޮތްކަމުގައި ވި ނަމަވެސް، ފުލުހުން 4 ޖޫން 2012 ގައި ފޭދޫއިން މީނައަށް ފާރަލަމުން ގޮސް ހައްޔަރު ކުރީ ހަވީރު އެވެ. އަދި ހައްޔަރު ކޮށްގެން ގެންދިޔައީ ބިޑި އަޅުވައިގެންނެވެ. 

އިތުރަށް ވިދާޅުވޭ...

Tuesday, April 10, 2012

ކުދިން ކުޅެން ބޭރަށް ނުނެރޭނަމަ ސިއްހީ މައްސަލަ އިތުރުވާނެ

ހަވީރު ނޫސް

ކުޅެލަން ބޭރުގައި ހޭދަކުރާ ވަގުތަކީ ގިނަ މައިންބަފައިންގެ ކުޑައިރުގެ އެންމެ ފޮނި ހަނދާންތަކާ ގުޅިފައިވާ ކަމެވެ. ނަމަވެސް ސައިންސްވެރިން ވިދާޅުވަނީ މައިންބަފައިން އެ މީހުންގެ ދަރިންނަށް މި ސަގާފަތް ދަސްކޮށްނުދޭ ކަމަށެވެ.

އޭޕްރީލް 2 ވަނަ ދުވަހު އާކައިވްސް އޮފް ޕީޑިއެޓްރިކް އެންޑް އެޑޯލްސަންޓް މެޑިސިންގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައިވާ ގޮތުން، ގިނަ މައިންބަފައިން އެ މީހުންގެ ދަރިން ގެއިން ބޭރަށް ކުޅެލައި، ހަށިގަނޑަށް ކަސްރަތު ލިބޭ ކަހަލަ ކަންތައްކުރަން ފޮނުވަން ފަސްޖެހެ އެވެ. ނުވަތަ އެކުދިން ގޮވައިގެން ބޭރު ތެރޭގައި އުޅޭ މައިންބަފައިން ވަރަށް މަދެވެ. ހާއްސަކޮށް އަންހެންކުދިން ގޮވައިގެން ބޭރަށް ނުކުންނަން ފަސްޖެހޭ މައިންބަފައިން ގިނަ އެވެ. 

މި ދިރާސާގައި 8،950 ކުދިންނާއި އެ ކުދިންގެ މައިންބަފައިން ބައިވެރިކޮށްފައިވެ އެވެ. އެ ގޮތުން މައިންބަފައިންނާ ކުރި ސުވާލުތަކުން އެނގުނު ގޮތުގައި ކުދިން ގޮވައިގެން ކޮންމެ ދުވަހަކު ބޭރަށް ކުޅެލާ މަޖާކޮށްލަން ނުވަތަ ހިނގާލަން ގެންދަނީ އެންމެ 51 ޕަސެންޓް މައިންބަފައިންނެވެ. 

މި ގޮތުން ފިރިހެން ކުދިން ބޭރަށް ގެންދާ މިންވަރު އަންހެންކުދިންނަށް ވުރެ ގިނަ އެވެ. ޕްރީ ސްކޫލަށް ދާ އުމުރުގެ އަންހެންކުދިން ބޭރަށްގެންދާ މިންވަރު ފިރިހެން ކުދިންނަށް ވުރެ 16 ޕަސެންޓް ދަށެވެ. 

މައިންބަފައިންގެ މަސައްކަތްތައް ހުންނަ ގޮތުންނާއި ކުދިން އަބަދު ބޭރަށް ނެރުން ރައްކާތެރި ނޫން ކަމަށް ގަބޫލުކުރެވުމާއި، ފައިސާ އާއި ވަގުތުގެ ދަތިކަން ހުންނަ ގޮތުން ކުދިން ގޭގައި ޓީވީ ބަލަން ނުވަތަ ގޭމް ކުޅުން ފަދަ ކަމަކަށް ބޭތިއްބުން މައިންބަފައިންނަށް ފަސޭހަވެފައި ހިތްހަމަޖެހެ އެވެ. 

ސައިންސްވެރިން ވިދާޅުވަނީ ހެދިބޮޑުވަމުން އަންނަ ކުދިންގެ ޖިސްމާނީ، ނަފްސާނީ އަދި ހަށިގަނޑުގެ ހެދިބޮޑުވުމަށާއި ސަލާމަތް ސިއްހަތަކަށް އެ ކުދިން ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ވަގުތަކު ބޭރުގައި ކުޅެލަން ނުވަތަ ހިނގާލަން ގެންދިއުން ވަރަށް މުހިއްމު ކަމަށެވެ. 

ކަސްރަތު ނުވަތަ ހެލިފެލިވެ އުޅެވޭ ކަހަލަ ކަމެއްކުރުމަކީ ކުދިންގެ ބަރުދަން ކޮންޓްރޯލްކުރުމަށާއި ލޭގެ ޕްރެޝަރު ދަށްކުރުމަށް އަދި އެޗްޑީއެލް (ރަނގަޅު ކޮލެސްޓްރޯލް) މަތިކުރުމަށާއި ހަކުރު ބައްޔާއި ބައެއް ކަހަލަ ކެންސަރުގެ ނުރައްކާ ކުޑަކޮށް، ކުއްޖާގެ ސިކުނޑި އަށް ތާޒާކަން ލިބި ނަފްސާނީ ގޮތުން ހަރުދަނާ ކުއްޖަކަށް ވުމަށްޓަކައި ވަރަށް މުހިއްމު ކަމެއް ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނެ އެވެ. 

އެ އެސޯސިއޭޝަނުން ލަފާދެނީ 2 އަހަރުން މަތީގެ ކުދިން ދުވާލަކު މަދުވެގެން 60 މިނެޓްއިރު ހަށިގަނޑަށް ކަސްރަތު ލިބޭ ކަހަލަ ހެލިފެލިވެ އުޅޭ ކޮންމެވެސް ކަމެއްގައި ޝާމިލުކުރަން ޖެހޭނެ ކަމަށެވެ.

އިތުރަށް ވިދާޅުވޭ...

Monday, April 9, 2012

ޓައިވާނުގައި މީހެއްގެ އަންބަކާ ފޭސްބުކްގައި ސަމާސާކުރި މީހަކު މަރާލައިފި

ނިއުމަތުﷲ އިދުރީސް، ހަވީރު ނޫސް

ޓައިޕޭ (އޭޕްރީލް 10) - ޓައިވާން މީހަކު އޭނާގެ އަނބިމީހާއާ ފޭސްބުކުން އެކުވެރިވެ ސަމާސާކުރި މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށް މަރާލައިފި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އުމުރުން 40 އަހަރުގެ ފިރިހެނަކަށް އަނިޔާކޮށް މަރާލާފައި ވަނީ 34 އަހަރުގެ މީހަކު ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު އޭނާ އެކަން ކޮށްފައި ވަނީ އަނބިމީހާއާ ފޭސްބުކްގައި ވާހަކަ ދައްކާކަން އެނގިގެން، އެ މީހާއާ ބައްދަލުކުރުމަށް ފަހުގައި ކަމަށްވެ އެވެ. 

ފުލުހުން ބުނީ މަރުވި މީހާ އަށް އަނިޔާކޮށްފައި ވަނީ ރެސްޓޯރަންޓަކުން ބައްދަލުކޮށްލަން ބޭނުން ކަމަށް ބުނެ އެތަނުގެ ކައިރި އަށް ގެންގޮސް ކަމަށެވެ. އަދި ބޭސް ބޯލް ބެޓްތަކަކުން ހަމަލާ ދީފައި ވަނީ މަރުވި މީހާ ފޭސްބުކްގައި ވާހަކަ ދައްކާ އަންހެން މީހާގެ ފިރިމީހާ އާއި އޭނާގެ ދެ އެކުވެރިން ކަމަށް ފުލުހުން ބުންޏެވެ. 

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އަނިޔާކުރި މީހުން އެ މީހާ ދޫކޮށްލާފައި ދިޔައީ މަރުވާނެ ކަމަށް ހީކޮށްފައި ނޫން ކަމަށެވެ. ނަމަވެސް އަނިޔާކުރިތާ މާގިނައިރުތަކެއް ނުވެ އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި މިކަމުގައި ބައިވެރިވި ތިން މީހުން ވެސް މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. --އޭއެފްޕީ

އިތުރަށް ވިދާޅުވޭ...

Wednesday, April 4, 2012

2013 ގެ ބޮޑު ފަސް ސުވާލު

މުޙައްމަދު ބުޝްރީ، ސަން  އޮންލައިން

1- 2013 ގެ ރިއާސީ އިންތިހާބަށް ޑރ. ވަހީދު؟ 
ދެހާސް ތޭރަ ވަނަ އަހަރު ފަހުކޮޅު ބާއްވާ ރިއާސީ އިންތިހާބުގައި މިހާރުގެ ރައީސް ޑރ. ވަހީދު ވާދަ ކުރައްވާނެބާއެވެ؟ އެކަމާ ބެހޭގޮތުން އެމަނިކުފާނު އަދި އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ އިއްތިހާދުގެ ބައެއް ބޭފުޅުން މީޑިއާ މެދުވެރިކޮށް ވިދާޅުވެފައިވާ ގޮތުގައި 2013 އާއި ހަމައަށް ޤައުމު އަމާން ކަމުގެ އައްސޭރިއަކަށް ގެންގޮސްދެއްވުމަށްފަހު ޑރ. ވަހީދު ރައީސް ކަމަށް އިތުރަށް ކުރިމަތި ނުލައްވާނެއެވެ.

2- އެމްޑީޕީގައި ރައީސް ނަޝީދުގެ ހައިސިއްޔަތަކީ ކޮބާ؟
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ 2013 ގެ ރިއާސީ އިންތިހާބުގައި އެމަނިކުފާނު ވާދަކުރައްވައި އެމްޑީޕީއަށް އެ އިންތިހާބް ކާމިޔާބު ކޮށްދެއްވާނެ ކަމަށެވެ. ރައީސްކަމުން އިސްތިއުފާދެއްވުމަށްފަހު އެމަނިކުފާނު ބޭނުންފުޅުގޮތަކަށް މޮޑުއްވާނެ ފުއްގަނޑެއްހެން އެމްޑީޕީ މޮޑުއްވަމުން ގެންދަވާއިރު އެޕާރޓީގައި އެމަނިކުފާނުގެ ރަސްމީ ހައިސިއްޔަތަކީ ކޮބައިބާއެވެ؟ ނަޝީދަކީ ޕާޓީގެ ރައީސެއްނޫނެވެ. ނައިބުރައީސެއް ވެސް ނޫނެވެ. ޗެއަރޕާސަންއެއް ވެސް ނޫނެވެ. އަދި ޕާޓީގެ މެންބަރުންގެ ވޯޓަކުން ނަޝީދުއަށް ޕާޓީގެ ރިއާސީ ކެންޑިޑޭޓުކަން ވެސް އަދިއެއް ނާރުވައެވެ. ނަޝީދަކީ އެމްޑީޕީގެ އާއްމު މެންބަރެކެވެ. ޕާޓީގެ އެއްވެސް ރަސްމީ ހައިސިއްޔަތެއް ނެތް ބޭފުޅަކު އިސްވެ ހުންނަވައިގެން މާރިޔާ އާއި ރީކޯ މޫސާ ގެ އެދުމަށް ޕާޓީގެ ކުރިމަގު ވެއްޔާ މޮޑެލައި، ޕާޓީ ފުނޑު ފުނޑު ކޮށްލާއިރު ޕާޓީގެ ރައީސް ޑރ. ޑީޑީ ހުންނެވީ އައްސިވެވަޑައިގެންފަތޯ ސުވާލު އުފެދެއެވެ! 

3- 2013 ގެ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަކުރެއްވޭނެބާ؟
ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ވެލާނާގެއިން ނަޝީދު ވައްކަން ކުރެއްވި ކަމަށް ޝަރުއީ ގޮތުން ސާބިތުވުމުން ޝަރުއީ ހުކުމެއް އައިސްފައި ވިޔަސް 2008 ގެ ރިއާސީ އިންތިހާބުގައި ނަޝީދަށް ވާދަކުރެއްވޭނެކަމަށް އެއިރުގެ އިންތިޤާލީ ސްޕްރިމް ކޯޓުން ހުކުމް ކުރެއްވުމުން ނަޝީދު ވަނީ 2008 ގައި ވާދަކުރައްވައި ރިއާސީ އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. 2013 ގެ އިންތިހާބުގެ ކުރިން ވައްކަމުގެ މައްސަލަ އަނެއްކާ ވެސް ސްޕްރިމް ކޯޓަށް ވައްދާނެކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ވަނީ ވިދާޅުވެފައެވެ. އެހެން ވެއްޖެނަމަ މިހާރުގެ ދާއިމީ ސްޕްރިމް ކޯޓުން އެމައްސަލަ އެހެން ގޮތަކަށް ނިންމަވައި، ނަޝީދަށް ރިއާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތަށް ހުކުމް ކުރެއްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ހަމަ އެއާއިއެކު ޤާނޫނު އަސާސީ ގެ ބާރު ކަނޑުވާލުމުގެ ދައުވާ ފަދަ ދައުވާއެއް ނަޝީދުގެ މައްޗަށް އައު ސަރުކާރުން އުފުލައިފިނަމަ ޝަރުއީ ކޯޓުން ރައީސް ނަޝީދުގެ މައްޗަށް އެކަން ސާބިތުވެއްޖެނަމަވެސް އެމަނިކުފާނަށް 2013 ގެ އިންތިހާބުގައި ވާދަ ނުކުރެއްވޭނެއެވެ. ދެންވާނީ ކިހިނަކުންބާއެވެ؟ 

4- މޫސާ ޖަލީލް، އިބްރާހިމް ދީދީ، ފަސީހް އަދި ކުރީގެ މިނިސްޓަރުން ކަމުގައިވާ އަފީފް އާއި ތޮލްހަތު އަށްވާނީ ކިހިނަކުން؟
ރައީސް ނަޝީދުގެ މައްޗަށް އެފަދަ ދައުވާއެއް އުފުލައިގެން، ޤާނޫނު އަސާސީ ގެ ބާރު ކަނޑުވާލުމުގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެނަމަ، ކުރީގެ ހޯމް މިނިސްޓަރ އަފީފް އާއި ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްހަތު އާއި ކުރީގެ އެމްއެންޑީއެފް ޗީފް މޫސާ ޖަލީލު އާއި، އޮފިސަރ އިބްރާހިމް ދީދީ އާއި ކުރީގެ ޕޮލިސް ކަމިޝަނަރ ފަސީހުގެ މައްޗަށްވެސް އެފަދަ ދައުވާއެއް އުފުލުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމަށް ވާނަމަ އެފަސް ބޭފުޅުންނާމެދު ކަންތައްވާނީ ކިހިނަކުންބާއެވެ؟

5- މިހާރު ގުޅިފައިވާ ޕާޓީތަކުން 2013 ގައި ހަދާނީ ކިހިނެއްބާ؟ 
ރައީސް ޑރ. ވަހީދުގެ ސަރުކާރާއި އިއްތިޙާދުވެފައިވާ ޕާޓީތައް 2013 ގެ ރިއާސީ އިންތިހާބުގައި ކޮންމެ ޕާޓީއަކުން ވަކި ކެންޑިޑޭޓަކު ނެރޭނެބާއެވެ. ޖުމްހޫރީ ޕާޓީގެ ރިއާސީ ކެންޑިޑޭޓެއްގެ ގޮތުގައި އެޕާޓީން މިހާރުވަނީ އަލްފާޟިލް ޤާސިމް އިބްރާހިމް ގެ ނަން އިއުލާނުކުރައްވާފައެވެ. ޖުމްހޫރީ ޕާޓީ އާއި ދާދިފަހުން ގުޅިވަޑައިގަތް އަބްދުﷲ ޖާބިރުގެ ބަސްމަގަށް ބަލާއިރު އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި ގާސިމްގެ ރިއާސީ ނައިބަކަށް (ރަނިންގ މޭޓަކަށް) ދިޔާނާ ހަމަޖެއްސެވުމަކީ އެކަށީގެންވާ ކަމެކެވެ. 
ޑީއާރުޕީ އަށް ބަލާއިރު ރިއާސީ ކެންޑިޑޭޓަކަށް ވާނޭކަމަށް ބެލެވެނީ ތަސްމީނެވެ. އަދާލަތު ޕާޓީން ކުރިން ބުނެފައިވަނީ 2013 ގައި އެޕާޓީގެ ވަކި ރިއާސީ ކެންޑިޑޭޓަކު ނެރޭނެކަމަށެވެ. އެގޮތުން އަދާލަތުގެ ހަރަކާތްތައް ދިރާސާ ކުރާއިރު ލަފާކުރެވެނީ އަދާލަތުގެ ރިއާސީ ކެންޑިޑޭޓަކަށް ވާނީ މިހާރުގެ އިސްލާމިކް މިނިސްޓަރ ޝަހީމް ކަމަށެވެ. 
ގައުމީ އިއްތިހާދު ޕާޓީ އަކީ ކުޑަ ޕާޓީއަކަށް ވުމުން އެހެން ޕާޓީއަކާ ނުގުޅި ވަކި ކެންޑިޑޭޓަކު ފަހަރުގައި ނުނެރެފާނެއެވެ. ނަމަވެސް އަންނަ ރިއާސީ އިންތިހާބާ ހަމައަށް ރައީސް ޑރ. ވަހީދުއަށް ރައްޔިތުން އުފާވާފަދަ ވެރިކަމެއް ކުރެވިއްޖެނަމަ، އަދި ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއީ ހާލަތު ރަނގަޅު ކުރެވިއްޖެނަމަ އެމަނިކުފާނު ރިއާސީ އާ ދައުރަކަށް ކުރިމަތި ލެއްވުމަށް ތާއިދުކުރާނެ ރައްޔިތުން ތަކެއް ވެސް ތިބޭނެކަން ޔަގީނެވެ. އެފަދަ ހާލަތެއްގައި ޑރ. ވަހީދާއި، ޑރ. ހަސަން ސައީދު ގުޅިވަޑައިގެން ވާދަކުރެއްވުމަކީ ވެސް ދުރުކަމެއްނޫނެވެ.
ހަމައެފަދައިން ޑީއާރުޕީ އާއި ގައުމީ ޕާޓީ އިއްތިހާދުވެގެން ޑރ. ހަސަންގެ ރަނިންގ މޭޓަކަށް ތަސްމީން ވާދަކުރެއްވުމަކީވެސް އެކަށީގެންވާ ކަމެކެވެ. 
އިލެކްޝަން ކޮމިޝަންގެ ރަޖިސްޓްރީއިން އަދި އެކަން ފެންނަން ނެތަސް މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު ދެޕާޓީއަކީ އެމްޑީޕީ އާއި ޕީޕީއެމް ކަމަށް އަޅުގަނޑަށް ގަބޫލުކުރެވެއެވެ. އެހެން ކަމުން 2013 ގެ އިންތިހާބުގައި ގިނަ ބަޔަކު މިހާރު ބަލަންތިބީ މިދެޕާޓީގެ ރިއާސީ ކެންޑިޑޭޓުންނަށް ވާނެބަޔެކެވެ. 
ރާއްޖޭގެ ސިޔާސީ މަސްރަހަށާއި، އެމްޑީޕީ ގެ އެތެރޭގެ ޕޮލިޓިކްސް އަށް، ބަލާއިރު އަޅުގަނޑަށް ލަފާކުރެވެނީ 2013 ގެ ރިޔާސީ އިންތިހާބުގައި މުހައްމަދު ނަޝީދު (އަންނި) ވާދަ ނުކުރައްވާނެ ކަމަށެވެ. އެއީ ޕާޓީގެ އެތެރެއިން ކުރިމަތިވާ ހުރަހެއްގެ ސަބަބުން ވިއަސް، ނުވަތަ ޝަރުއީ ގޮތުން ކުރިމަތިވާ ހުރަހެއްގެ ސަބަބުން ވިއަސް އެވެ. ނަޝިދު އާއި ނުލައި އެމްޑީޕީ ގެ ކުރިމަގު ގުޅިފައިވާކަމަށް ލަފާކުރެވެނީ ކުރީގެ ހައުސިންގ މިނިސްޓަރ އަސްލަމް ފަދަ ބޭފުޅުންނާއެވެ. އެމްޑީޕީ ތެރޭގައި ތައުލީމީ، ހަރުދަނާ، ގާބިލް ލީޑަރުން ބައިވަރު އެބަތިއްބެވެ. ނަމަވެސް ރައީސް ނަޝީދު އާއި އޭނާ އަށް ސަޕޯޓުކުރާ އެކްޓިވިސްޓުންގެ ނުފޫޒު ޕާޓީ ތެރޭގައި ގަދަކަމުން މިދެންނެވިފަދަ ލީޑަރުންނަށް އެމްޑީޕީ ކުރިއަރުވަން އިސްނެގެން އަދި ނެތީ ކަމަށް ގަބޫލުކުރެވެއެވެ. 
ޕީޕީއެމް އަށް ބަލާއިރު އެޕާޓިގެ އެންމެ އިސްލީޑަރުންގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މައުމޫނާއި، މައުމޫނުގެ ކޮއްކޯފުޅު އަބްދުﷲ ޔާމީނާއި، އުމަރު ނަސީރު ފަދަ ބޭފުޅުންނެވެ. ސުވާލަކީ މައުމޫނު އަނެއްކާވެސް ރައީސްކަމަށް ވާދަ ކުރައްވަފާނެތޯއެވެ؟ މައުމޫނު އަމިއްލަ ފުޅަށް ވާދަކުރެއްވުމަށް ވުރެން ބޮޑަށް ޕީޕީއެމް ގެ ކުރިމަގަށް ފައިދާކުރާނީ އެޕާޓީގެ ރޫހީ ލީޑަރުގެ ގޮތުގައި މައުމޫން ހުންނަވާފައި އެހެން ކެންޑިޑޭޓަކު ނެރުމުން ކަމަށް ބައެއް ފަރާތްތަކުން ސުވާލު ކުރެއެވެ. 
ޕީޕީއެމް ގެ ރިއާސީ ކެންޑިޓޭޓެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކޭގޮތުގައި، އެންމެ ރަނގަޅީ އަބްދުﷲ ޔާމީނެވެ. ނަމަވެސް އަބްދުﷲ ޔާމީނަކީ ރަނގަޅު ލީޑަރަކަށްވިޔަސް ޕީޕީއެމް އާއި އެކުގައި ނިކުންނަވައި، 2013 ގެ ރިއާސީ އިންތިހާބު ޔާމީނަށް ކާމިޔާބު ކުރައްވަން ދަތިވާނެ ކަމަށް ބައެއްފަރާތްތަކުން ދެކެއެވެ. ހަމަ އެފަދައިން ޔާމީނުގެ ރަނިންގ މޭޓަކަށް އުމަރު ނަސީރު ހަމަޖައްސަވައިގެން ޕީޕީއެމް ގެ ފަރާތުން އެދެބޭފުޅުން ނިކުތުމަކީވެސް ދުރުކަމެއް ނޫނެވެ.
ކޮންމެއަކަސް ޔަގީންވާ އެއްކަމަކީ 2013 ގެ އިންތިހާބުގައި އެއްވެސް ފަރާތަކަށް ފުރަތަމަ ބުރުން ކާމިޔާބު ނުލިބޭނެ ކަމެވެ. އިންތިހާބު ކާމިޔާބު ކުރައްވާނެ ފަރާތެއް ކަނޑައެޅޭނީ، އިންތިހާބުގެ ދެވަނަ ބުރުގައި ޕާޓީތައް އިއްތިހާދުވާ ގޮތެއްގެ މައްޗަށެވެ. އިންތިހާބުގެ ފުރަތަމަ ބުރުން އެމްޑީޕީ ކަޓައިފިނަމަ މިހާރު އިއްތިހާދުވެފައިވާ ޕާޓީތައް ދެވަނަ ބުރުގައި ދެބައިވެގެން ދާނެއެވެ. އެފަދަ ހާލަތެއްގައި އިންތިހާބުގެ ވާދަވެރިކަން ވަރަށް ބޮޑުވެގެން ދާނެއެވެ.

އިތުރަށް ވިދާޅުވޭ...

ގޭގައި އަމިއްލައަށް ތައްޔާރު ކުރެވިދާނެ ފޭޝަލް މާސްކް

މިންނު

މި ފޭޝަލް ތަކަކީ ގޭގެ ބަދިގޭގައި ހިމެނޭ ސާމާނު ބޭނުން ކޮށްގެން ހެދިދާނެ ފޭޝަލް ތަކެކެވެ. ހަރަދު ކުޑަ ކޮށް ތައްޔާރު ކުރެވޭ މި ފޭޝަލް ތަކުން ހަމަށް ވެސް ވަރަށް ފައިދާވެއެވެ.

1. އޮއިލީ ނުވަތަ ތެޔޮ ސްކިން 
މޫނު އަބަދު ތެޔޮކޮށް ހުރުމަކަށް އެއްވެސް މީހަކު ބޭނުމެއް ނުވެއެވެ. ހާއްސަކޮށް އޮފް އަރާފަ ހުރުމަކީ ރީތިވެގެން ހުރި ކަމުގައިވީ ނަމަވެސް ރީތި ކަން ފޮރުވޭ ކަމެކެވެ. އެހެންކަމުން ތިމާގެ ހަމަކީ ތެޔޮ ހަމަކަށް ވާނަމަ ގުދުރަތީ އެއްޗެތި ބޭނުން ކޮށްގެން ތެލުން ސަލާމަތް ވެވިދާނެއެވެ. މިގޮތުން މާމުއި، ޔޯގަޓް، ލުނބޯ، އާފަލު އަދި ދޮންކޭލަކީ މޫނުގެ ގުދުރަތީ ތާޒާކަން ދަމަހައްޓަން އެހީވެދޭ ކާނާއެވެ. މި ކާނާ ތަކުގައި ހިމެނޭ ގުދުރަތީ އެސިޑްގެ ސަބަބުން މޫނުގައި އުފެދިފައިވާ އިތުރު ތެޔޮތައް ނައްތައިލަދެ އެވެ. 
  •  އެއް އާފަލު ގާނާފަ ހަތަރެއް ނުވަތަ ހަ ސައިސަމުސާ މާމުއި (ކުޑަކޮށް ހޫނުކޮށްފަ ހުރި މާމުއި) އާއި އެއްކޮށްލާށެވެ. ދިހަ ވަރަކަށް މިނިޓް ވަންދެން މޫނުގައި ހާކާފައި ބެހެއްޓުމަށް ފަހު ދޮވެލާށެވެ. 
  •  ޓޮމާޓޯއެއް ޗަސް ކޮށްލާފައި އެއަށް ތިން ސައިސަމުސާ ލުނބޯހުތް އަދި އެއް ސައިސަމުސާ އޯޓްމީލް އަޅައި އެއްކޮށްލާށެވެ. މި ތައްޔާރު ކުރެވުނު އެސިޑިކް މާސްކް 15 މިނިޓް ވަންދެން މޫނުގައި ހާކާފައި ބެހެއްޓުމަށް ފަހު ދޮވެލާށެވެ.
2. ޑްރައި ސްކިން މާސްކް 
ކިރު، ޗޮކުލެޓް، ޒައިތޫނި ތެޔޮ، ރޯ ދޮންކެޔޮ އަދި މާމުއި އަކީ ޑްރައި ހަމަށް އެންމެ ފައިދާ ކުރުވަނިވި ކާނާއެވެ. އެއީ މި ބާވަތުގެ ކާނާގައި ހަންގަނޑު އުޖާލާކޮށްދޭ (ނޮރިޝިންގ) މާއްދާތައް ހިމެނޭތީއެވެ. 
  •  އާފަލެއް ނުވަތަ ދޮންކެޔޮ (ނޫނީ ބޭނުން އެހެން މޭވާއެއް) ގާނާފައި އެއަށް މާމުއި އަދި ކިރު އަޅައި އެއްކޮށްލާށެވެ. މޫނުގައި ހޭކުމަށްފަހު 15 މިނިޓް ފަހުން ދޮވެލާށެވެ. 
  •  އެއް ސައިސަމުސާ ކޮކޯ ޕައުޑަރ، އެއް ސައިސަމުސާ ރިޗް ކްރީމް މިލްކް، އެއް ސައި ސަމުސާ އޯޓްމީލް، އެއް ސައިސަމުސާ ކޮޓޭޖް ޗީސް އަދި ހަތަރު ސައިސަމުސާ ކިރު މިކްސްޗަރަށް އަޅައި އެއްކޮށްލާށެވެ. އަދި 10 ނުވަތަ 15 މިނިޓް ވަންދެން މޫނުގައި ހާކާފައި ބެހެއްޓުމަށްފަހު ދޮވެލާށެވެ. ޕޭސްޓް އިތުރު ވެއްޖެނަމަ އަތުގެ އުޅަނބޮށީ ގަ އާއި ކަކުލުގައި ވެސް ހާކައިލެވިދާނެއެވެ. 
3. ސަން ޑެމޭޖް ސްކިން އިރުން ހަންގަނޑު އަނދައިފި ކަމުގައި ވާނަމަ މި މާސްކް ބޭނުން ކޮށްލާށެވެ. 
  •  ބައި ސައިސަމުސާ ޕްލެއިން ޔޯގަޓް (އައިސް ކޮށްފަ)، ހަތަރު ބައި ކޮށްފަ އެއްބައި ސަމުސާ އޯޓްމީލް އަދި އެއަށް ޖޭސްމިން ނުވަތަ ލެވެންޑާ ނުވަތަ ކެމޮމައިލް އެސެންޝިއަލް އޮއިލް އަޅައި އެއްކޮށްލާށެވެ. ( މި އެސެންޝިއަލް އޮއިލް ނެތް ކަމުގައިވާނަ ނޭޅިއަސް ރަނގަޅުވާނެއެވެ) އަދި މޫނުގައި ހޭކުމަށްފަހު 15 ވަރަކަށް މިނިޓް ބަހައްޓާފައި ދޮވެލާށެވެ. 
4. ނޯމަލް ނުވަތަ އާދައިގެ ސްކިން 
ސްޓޯބަރީ ޗަސް ކޮށްފައި ޔޯގަޓް އާއި އެއްކޮށްލުމަށްފަހު ސްކްރަބް އެއް ގޮތަށް ބޭނުން ކޮށްލާށެވެ. މި ޕޭސްޓް މޫނުގެ އެތެރެއަށް ވަންނަންދެން މަސާޖް ކޮށްލާށެވެ. ބޭނުން ނަމަ އިރުކޮޅަކު މޫނުގައި ބެހެއްޓުމަށްފަހު ދޮވެލާށެވެ. ނުވަތަ ވަގުތުން ވެސް ދޮވެލެވިދާނެއެވެ. މިހާރު މޫނު ހުންނާނީ މަޑުވެ، އުޖާލާވެފައެވެ.
5. ހުރިހާ ހަމަކާ ގުޅޭ ކިއުކަންބާ މާސްކް 
ކިއުކަންބާ އަކީ ކޮންމެ ކަހަލަ ހަމެއްވިއަސް ބޭނުން ކުރެވިދާނެ އެއްޗެކެވެ. ކިއުކަންބާ އަކީ މޫނު ތާޒާކޮށްދޭ އެއްޗެކެވެ. 
  •  އެއް ކުޑަ ކިއުކަންބާ، ދެ ސައިސަމުސާ ޔޯގަޓް (ފިނިކޮށްފައި ހުރި) އެއްކޮށްކޮށްލާށެވެ. އަދި މޫނުގައި ހޭކުމަށްފަހު 10 ނުވަތަ 15 މިނިޓް ފަހުން ދޮވެލާށެވެ.
  •  ކިއުކަންބާދިޔަ ކޮފީ އާއި އެއްކޮށްފައި މޫނުގައި ހާކާށެވެ. މީގެން މޫނު ތާޒާވެ ނިދިން ހޭލެވޭނެއެވެ.

އިތުރަށް ވިދާޅުވޭ...

Sunday, April 1, 2012

އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތައް

ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ

އަންހެނުންނަކީ އިންސާނީ މުޖްތަމަޢުގެ އެއްބައެވެ. ދުނިޔެމަތީގައި އިންސާނުންގެ ދިރިއުޅުން ބިނާވެފައި ވަނީ ދުނިޔެ އާރާސްތު ކުރުމުގައި އަންހެނުންނާއި ފިރިހެނުން ހިއްސާވާގޮތުގެ މަތިންނެވެ. އެކަމަށްޓަކައިމާތް ﷲ ވަނީ ދެ ޖިންސުގެ މެދުގައި އެއްބަޔަކު އަނެއް ބަޔަކަށް އޯގާތެރިވުމާއި ލޯތްބާއި ކުލުނު ލައްވާފައެވެ. وَمِنْ آيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنفُسِكُمْ أَزْوَاجاً لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لآيَاتٍ لِقَوْمٍ يَتَفَكَّرُونَ (21) (سورة الروم 21)

މާނައީ: ތިޔަބައިމީހުންގެ ތެރެއިން ތިޔަބައިމީހުންނަށްޓަކައި އަނބިން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ހެއްކެކެވެ. އެއީ އެބައިމީހުންގެ ގާތުން ތިޔަބައިމީހުން ހިތްހަމަޖެހުން ލިބިގަތުމަށް ޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި އޯގާތެރިކަން ލެއްވިއެވެ. ހަމަކަށަވަރުން ވިސްނާ ފިކުރުކުރާ ބަޔަކަށް މިކަމުގައި އެކަލާނގެ އެއްކައުވަންތަވެ ވޮޑިގެންވާކަމުގައްޔާއިކުޅަދުންވަންތަ ކަމުގެ ހެކިތައްވެއެވެ. 

މާތްވެގެންވާ އިސްލާމްދީން ފާޅުވުމުގެ ކުރިން އަޚްލާޤީގޮތުން ވަރަށްވެސް ދަށް ފެންވަރަކަށް އިންސާނުން ވެއްޓިފައިވިއެވެ. ޖާހިލީ ޒަމާނުގައި އަންހެނުންނާ މެދު ވަރަށްވެސް އިހާނަތްތެރި ގޮތްތަށް މުޢާމަލާރުކުރެވިފައިވެއެވެ. އެބައިމީހުންގެ ހުރިހާ ޙައްޤުތައް ނިގުޅައިގަނެވިފައިވިއެވެ. ޢަރަބީންގެ ތެރެގައިވެސް އަދި އެ ނޫންވެސް މުޖްތަމަޢުތަކުގައިވެސް މިކަން ވަރަށް ދަށް ފެންވަރަކަށް ވެއްޓިފައިވިއެވެ. 

އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތައް ނިގުޅައިގަނެވިފައިވާ ކަމަށް ބުނެ މިދުވަސްވަރުގައި ކުރެވޭ ދަޢުވާ އަކީ ބާޠިލް ދަޢުވާއެކެވެ. އެހެނި އަންހެނުންގެ ގެއްލިފައިވާ ޙައްޤުތައް އެބައިމީހުންނަށް އެންމެ ފުރަތަމަ ހޯދައިދިނީ އިސްލާމްދީނެވެ. އިސްލާމްދީން ވަނީ އެންމެހާ މީސްތަކުން އުފައްދަވާފައިވަނީ، އަންހެނަކާއި ފިރހެނަކުގެ ދެމެދުންކަން، ހާމަކޮށްދީފައެވެ.

يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُمْ مِنْ ذَكَرٍ وَأُنثَى (سورة الحجرات 13) މާނައީ: އޭއީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ތިމަން ﷲ އަންހެނަކާއި ފިރިހެނެއްގެ ދެމެދުން ތިޔަބައިމީހުން އުފެއްދެވީމެވެ. 

އަންހެން ކުއްޖަކު އުފަންވެއްޖެނަމަ އެކުއްޖާއާމެދު ޖާހިލީ ޒަމާނުގައި އަމަލު ކުރެވެމުން އައި ގޮތާއި މިކަމުގެ ހުރި ނުބައިކަން ހާމަކުރައްވާ މާތްﷲ ވަޙި ކުރައްވާފައިވެއެވެ. وَإِذَا بُشِّرَ أَحَدُهُمْ بِالأُنثَى ظَلَّ وَجْهُهُ مُسْوَدّاً وَهُوَ كَظِيمٌ (58) يَتَوَارَى مِنْ الْقَوْمِ مِنْ سُوءِ مَا بُشِّرَ بِهِ أَيُمْسِكُهُ عَلَى هُونٍ أَمْ يَدُسُّهُ فِي التُّرَابِ أَلا سَاءَ مَا يَحْكُمُونَ (59) (سورة النحل 58,59) މާނައީ: އެއިން މީހަކަށް އަންހެން ދަރިއެއް ލިބިއްޖެކަމުގެ ޚަބަރު ދެވިއްޖެނަމަ އެކަމާ ދެރަވެ ހިތާމަކުރާ ޙާލު އެމީހެއްގެ މޫނު އަނދިރިވެގެން ދެއެވެ. އަދި މި ލިބުނު ހަބަރަކީ ތިމާއަށް ހުރި ނުބައި ކަމެއްގެ ޚަބަރެއް ކަމުގައި ބަލާމީސްތަކުންނާ އެކަހެރިވެގަނެއެވެ. ދެންއެކުއްޖާ ނިކަމެތި ކޮށްފައި ބަހައްޓާފާނެއެވެ. ނޫންނަމަ ދިރިހުއްޓާ ވަޅުލައި މަރާލާފާނެއެވެ. ދަންނާށެވެ. އެބައިމީހުންގެ މި ނިންމުން ހާދަހާވާ ނުބައި ވެގެންވެއެވެ. 

އިސްލާމްދީން އައުމުގެ ކުރިން އަންހެނުންނާއިމެދު އަމަލު ކުރެވެމުން އައިސްފައިވަނީ މި ފަދަ ގޮތަކަށެވެ. އަންހެންކުއްޖަކު ލިބިއްޖެނަމަ އެބައިމީހުން ދެކެނީ އެއީ ތިމާއަށް ލިބުނު ހުތުރު ކަމެއްކަމުގައެވެ. އެހެންވެ މީސްތަކުންގެ ކުރިމައްޗަށް ނުކުންނަންވެސް ލަދުން ދިރިހުއްޓާ އެކުއްޖާ ވަޅުލާ މަރާލަނީއެވެ. ނޫންނަމަ މަރާނުލައީ އެހެން ނަމަވެސް އިހާނަތްތެރި ކޮށްފައި ބަހައްޓައެވެ. ހަމަ އެފަދައިން ޖާހިލީ ޒަމާނުގައި މީހަކު މަރުވެއްޖެނަމަ އޭނާގެ ހުވަފަތް އަނބިމީހާ މުދާ ވާރުތަވާހެން ވާރުތަވެއެވެ. ފިރިމީހާގެ ގާތްތިމާގެ މީހުން، އަނބިމީހާގެ މައްޗަށް ގަދަވެގަނެއެވެ. 

މިކަން ޙަރާމް ކުރައްވަމުން މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا لا يَحِلُّ لَكُمْ أَنْ تَرِثُوا النِّسَاءَ كَرْهاً (سورة النساء 19) މާނައީ: އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަ ބައިމީހުންގެ ތެރެއިން މީހަކު މަރުވުމުން އޭނާގެ ހުވަފަތް އަންހެނުންގެ މައްޗަށް ވާރުތަ މުދަލަށް ވެރިވާ ފަދައިން ވެރިވެގަތުމުން ވެރިވެގަތުން ތިޔަބައިމިހުންނަށް ހުއްދަވެގެން ނުވެއެވެ. 

އިސްލާމްދީން ވަނީ މި ހުރިހާ އާދަކާދަތައް ނައްތާލާފައެވެ. އަންހެނުންނަށް ލިބެން ޖެހޭ ހުރިހާ ޙައްޤުތަކެއް ފުރިހަމައަށް ހޯދާދީފައެވެ. މީހަކު މަރުވިޔަސް އޭނާގެ ހުވަފަތްވެފައިވާ އަނބިމީހާ4 މަހާއި 10 ދުވަސް ވަންދެން ފިރިމީހާގެ ގޭގައި ޢިއްދަ ހަމަކުރުމަށް އަންގަވާފައިވެއެވެ. އޭގެ ފަހުގައި އެހެން މީހަކާއި ކައިވެނި ކުރަން ބޭނުން ވެއްޖެނަމަ އެކަން ކުރުމުގެ އިޚްތިޔާރު އޭނާއަށް ލިބިގެންވެއެވެ. ފިރިމީހާގެ އާއިލާގެ މީހުންނަށް އޭނާގެ މައްޗަށް އެއްވެސް ބާރެއް ފޯރުވޭކަށް ނޯންނާނެކަންވެސް ވަނީ އަންގަވާފައެވެ. ހަމައެފަދައިން އެބައިމީހުންގެ މެދުގައި ތަރިކަ މުދަލުގައިވެސް އަންހެނުންނަށް އެއްވެސް ޙައްޤެއް ނޯވެއެވެ. އެބައިމީހުން ދެކެމުން އައިސްފައިވަނީ ތަރިކަ މުދާ ލިބޭނީ ހަނގުރާމަކުރާ ވެރި ފަހުލަވާނުންނަށް އެކަނި ކަމަށެވެ. 

ނަމަވެސް ތަރިކަ މުދަލުންވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންނަސް ޙިއްސާ ލިބިގެންވާކަން އިސްލާމްދީން އަންގަވާފައިވެއެވެ. މިކަން ބަޔާން ކުރައްވާ ﷲ ވަޙީ ކުރައްވާފައިވެއެވެ. يُوصِيكُمْ اللَّهُ فِي أَوْلادِكُمْ لِلذَّكَرِ مِثْلُ حَظِّ الأُنثَيَيْنِ (سورة النساء 11 ) މާނައީ: ތަރިކަ މުދަލުން ތިޔަބައިމީހުންގެ ދަރިންނަށް އަންހެންދަރިއަކަށް ލިބޭ އެއްޗެއްގެ ދެގުނަ ފިރިހެން ދަރިއަކަށް ދިނުމަށް ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވައެވެ.

ތަރިކަ މުދަލުން އަންހެނުންނަށް ލިބޭ ވަރަށްވުރެ ދެގުނަ ފިރިހެނަކަށް ދީފައިވުމަކީ އެއްވެސް ޙާލެއްގައި އިސްލާމީ ޝަރީއަތުގައި އަންހެނުންނަށް ބޭއިންސާފުވެފައިވަނީ އެއްނޫނެވެ. މާތް ﷲ އެއްވެސް މީހަކަށް އަނިޔާވެރިވެ ވޮޑިނުގަންނަވައެވެ. އަދި އެއްވެސް ޙާލެއްގައި ބޭއިންސާފު ޙުކުމެއް ކުރައްވާފައި ނުވެއެވެ. إِنَّ اللَّهَ لا يَظْلِمُ مِثْقَالَ ذَرَّةٍ (سورة النساء 40) މާނައީ: ހަމަކަށަވަރުން ޒައްރެއްގެ މިންވަރުވެސް ﷲ އަނިޔާވެރިވެ ވޮޑިނުގަންނަވައެވެ. وَأَنَّ اللَّهَ لَيْسَ بِظَلاَّمٍ لِلْعَبِيدِ (سورة الأنفال 51) މާނައީ: ހަމަކަށަވަރުން ﷲ އެކަލާނގެ އަޅުންނަށް އަނިޔާވެރިވެ ވޮޑި ނުގަންނަވައެވެ. 

ތަރިކަ މުދާ ބެހުމުގައި އިސްލާމްދީނުގައި އަންހެނަކަށް ލިބޭ ވަރުގެ ދެގުނަ ފިރިހެނުންނަށް ދީފައިވަނީ ސަބަބެއް ނެތިއެއްނޫނެވެ. ކީރިތި ޤުރުއާންގައި އެކަން ބަޔާން ކުރައްވާފައިވެއެވެ. الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ (سورة النساء 34)
މާނައީ: ފިރިހެނުން ނަކީ އަންހެނުން ބަލައި ތަރުބިއްޔަތު ކުރުމުގެ ޙައްޤާއި ބާރު ލިބިގެންވާބައެކެވެ. އެދެބައިމީހުން އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ﷲ މާތް ކުރައްވާ އިތުރު ކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި ފިރިހެނުން އެބައިމީހުންގެ މުދަލުން ހޭދަކުރާކަމަށްޓަކައެވެ. 
އަންހެނުންގެ މައްޗަށް ފިރިހެނުންނަށް ލިބިގެންވާ ބާރަކީ އެއްވެސް ޙާލެއްގައި އަންހެނުން އަޅުވެތި ކުރުމުގެ ބާރެއް ނޫނެވެ. އެއީ ތިމާގެ ބެލުމުގެ ދަށުގައިވާ އަންހެނުން ރަގަޅުގޮތުގައި ބަލާ ތަރުބިއްޔަތުކޮށް އެބައިމީހުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދީ ބެލެހެއްޓުމުގެ ބާރެވެ. އަދި އަނބިމީހާއަށް ކުރަން ޖެހޭ އެންމެހާ ޚަރަދުތަކެއްކޮށް ބެލެހެއްޓުމުގެ ބާރުވެސްމެއެވެ.

وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ މިފަދައިން ވަޙީކުރައްވާފައި އެވަނީ މިކަމަށް އިޝާރާތް ކުރައްވަމުންނެވެ. ދެމަފިރިންކުރެ، ފިރިމީހާއަށްވުރެ އަންހެންމީހާގެ ތަނަވަސްކަން ބޮޑު ނަމަވެސް ފިރިމީހާއަށާއި ދަރިންނަށް ޚަރަދުކުރުން އަންހެންމީހާގެ މައްޗަށް ވާޖިބުވެގެންނެއް ނުވެއެވެ. ގޭގައި ކުރަންޖެހޭ ޚަރަދު ކުރުމުގައި ހެޔޮހިތުން އަންހެންމީހާ ޙިއްސާވުމަކީ އެއީ ވަކި ކަމެކެވެ. ނަމަވެސް އެޚަރަދުތައް ކުރުމީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބުކަމެކެވެ. 

އެހެންކަމުން އިސްލާމީ ނަޒަރަކުން ބަލާއިރު ކޮންމެފަދަ ޙާލެއްގައިވިޔަސް ކޮންމެ އަންހެނަކުވެސް ވާންޖެހެނީ ކޮންމެވެސް ފިރިހެނެއްގެ ބަލަދުވެރިކަމުގައި ހުންނަ މީހަކަށެވެ. އެހެނީ ކޮންމެ އަންހެނަކީވެސް ކޮންވެސް ފިރިހެނެއްގެ އަންބެކެވެ. ނޫންނަމަ ދަރިއެކެވެ. ނޫންނަމަ ކޮއްކޮއެއް ނުވަތަ ދައްތައެކެވެ. ނޫންނަމަ މަންމައެކެވެ. މިއިން ކޮންމެ ޙާލެއްގައިވިޔަސް ފިރިމީހާ ނުވަތަ ބައްޕަ ނުވަތަ ބޭބެގެ ނުވަތަ ދަރިފުޅުގެ މައްޗަށް އޭނާގެ ބަލަދުވެރިކަމުގެ ދަށުގައިވާ އަންހެންމީހާއަށް ޚަރަދުކޮށް ބެލެހެއްޓުން ވާޖިބު ވެގެންވެއެވެ. ތަރިކަ މުދަލުން އަންހެނުންނަށް ވުރެ ދެގުނަ ފިރިހެނުންނަށް އިސްލާމް ދީނުގައި ދީފައިވަނީ މި ސަބަބުތަކަށް ޓަކައެވެ. 

އާދޭހެވެ. އޭގެ ސަބަބަކީ އެއްވެސް ޙާލެއްގައި އާމްދަނީ ހޯދުމުގައި އަންހެނުންގެ ޙިއްސާ ނުވާތީއެއްނޫނެވެ. ތަރިކަ މުދަލުގައި ދެޖިންސް ހަމަހަމަ ނުވަނީ އެޒަމާނުގައި އަންހެނުން އާމްދަނީ ހޯދަން އަންހެނުން މަސައްކަތް ނުކުރާތީއޭ ބުނެވޭނީ އެހެން ނަމަތާއެވެ. މިޒަމާނުގައި އާމްދަނި ހޯދަން އަންހެނުން މަސައްކަތް ކުރާ ފަދައިން އެދުވަސްވަރުގައިވެސް އަންހެނުންގެ ތެރޭގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރި މީހުންވެސް އުޅެއެވެ. އާދޭހެވެ. އަންހެނުނަކީ އުފެދުމުގައިވެސް ފިޠުރީގޮތުންވެސް ފިރިހެނުންނާ ތަފާތު ގޮތްތަކެއް އެބައިމީހުންގެ ކިބައިގައި ލައްވާފައިވަ ބަޔަކަށް ވީތީވެ އިސްލާމްދީނުގައި މިކަންކަމަށް ވަރަށް ބޮޑަށް ރިޢާޔަތްކޮށްފައިވެއެވެ. މިގޮތުން ބަލާއިރު ދީނީގޮތުން އަދާކުރަންޖެހޭ ބައެއް ވާޖިބުތައް އަންހެނުންނަށް ލުއިކޮށްދީފައިވެއެވެ. އަދި ކީއްތޯއެވެ. އަންހެނުންނާ މެދު އޯގާތެރިކޮށް ހިތުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ގޮވާލާފައިވެއެވެ. މާތްﷲ ވަޙީ ކުރައްވާފައިއެވެ. وَعَاشِرُوهُنَّ بِالْمَعْرُوفِ (سورة النساء 19) މާނައީ: "ތިޔަބައިމީހުން ތިޔަބައިމީހުންގެ އަބީންނަށް އޯގާތެރިވެ ހެޔޮކޮށް ހިތާށެވެ". މި މާނަ އިތުރަށް ކަށަވަރު ކޮށްދެއްވަމުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ‏ ‏"إِنَّ أَكْمَلَ المؤمِنينَ إيمانًا أَحْسَنُهُم خُلقًا وَأَلطَفُهُم بأِهلِه ِ‏" (مسند أحمد) މާނައީ: މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަވެގެންވާ ބަޔަކުކަން ކަށަވަރީ، އެބައިމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަގަޅު އަދި އެބައެއްގެ އަނބިންނަށް އެންމެ އޯގާތެރި ބައެކެވެ. އެހެން ޙަދީޘެއްގައި ވެއެވެ. عن أم المؤمنين عائشة -رضي الله تعالى عنها- قالت: قال رسول الله صلى الله عليه وسلم: "خَيْرُكُمْ خَيْرُكُمْ لِأَهْلِهِ وَأَنَا خَيْرُكُمْ لِأَهْلِي" (الترمذي) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ މީހަކީ އަނބީންނަށް ހެޔޮ މީހާއެވެ. ތިމަންކަލޭގެފާނަކީ ތިޔަބައިމީހުންކުރެ އަނބީންނަށް އެންމެ ހެޔޮ މީހާ އެވެ". 
އާދޭހެވެ. ފިޠުރީގޮތުން އަންހެނުންނާއި ފިރިހެނުންގެ ދެމެދުގައި ތަފާތުތަކެއް ލައްވާފައިވީ ނަމަވެސް ހެޔޮ ޢަމަލު ކުރުމުގެ މައިދާނުގައި ދެ ޖިންސްގެ ދެމެދުގައި އެއްވެސް ތަފާތެއް ލައްވާފައި ނުވެއެވެ. فَاسْتَجَابَ لَهُمْ رَبُّهُمْ أَنِّي لا أُضِيعُ عَمَلَ عَامِلٍ مِنْكُمْ مِنْ ذَكَرٍ أَوْ أُنْثَى بَعْضُكُمْ مِنْ بَعْضٍ (سورة آل عمران 195) މާނައީ: ފަހެ އެބައިމީހުންގެ ވެރި ރަސްކަލާނގެ އެބައިމީހުންގެ ދުޢާ އިޖާބަ ކުރައްވައިފިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު ވިޔަސް އަންހެނަކު ވިޔަސް އެމީހަކު ކުރާ ހެޔޮކަމެއް ތިމަން ﷲ އެއަށް ޘަވާބު ނުދެއްވައި ދޫކޮށެއް ނުލައްވާހުށިކަމެވެ. އަންހެނުންވިޔަސް ފިރިހެނުންވިޔަސް ތިޔަބައިމިހުން އެންމެންނީ ދީނުގައި އަޚުވަންތަ ބައެކެވެ.

ހަމަ އެފަދައިން ޢުޤޫބާތް ދިނުމުގައިވެސް ފިރހެނުންނެކޭ އެއްފަދައިން އަންހެނުންނަށް އުޤޫބާތް ދެވެއެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا (سورة المائدة 38) މާނައީ: "ވައްކަންކުރާ ފިރިހެނާއި ވައްކަންކުރާ އަންހެނާގެ އަތް ކަނޑާށެވެ." އަދިވެސް ވަޙީ ކުރައްވައެވެ. الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَةَ جَلْدَةٍ (سورة النــور2) މާނައީ: ޒިނޭކުރާ އަންހެނާއާއި ޒިނޭކުރާ ފިރިހެނާގެ ގައިގައި ސަތޭކަ އެތިފަހަރުން ހައްދު ޖަހާށެވެ. 

އިސްވެދިޔަ އާޔަތުން އަޅުގަނޑުމެންނަށް އެގެނީ ހުރިހާ ކަމަކުން ދެ ޖިންސު އެއްވެސް ޙާލެއްގައި ހަމަހަމަވެގެންނުވާކަމެވެ. އިންސާނުން އުފެދުމުގައިވެސް މާތް ﷲ ވަނީ ދެޖިންސްގެ މެދުގައި ތަފާތު ކަމެއް ލައްވަވާފައެވެ. ބަލިވެ އިނުމާއި ވިހެއުމާއި މިކަންކަމީ އަންހެން ޖިންސުގައި ލައްވާފައިވަ ކަންތައްތަކެވެ. ހަމައެފަދައިން ދަރިން ގެންގުޅެ ބޮޑުކުރުމުގެ މަސްއޫލިއްޔަތުގެ ބޮޑުބައެއް އަދާކުރަނީ އަންހެނުން ކަމުން އެކަނބަލުންގެ ހިތުގައި ޙާއްޞަ އޯގާތެރިކަމާއި ހަމްދަރުދީވުން ލައްވާފައިވެއެވެ. އަދި ދަރިން ގެންގުޅެ ބޮޑުކުރުމުގައި ކުރިމަތިލާން ޖެހޭ ދަތިތަކާއި ވޭންތަކަކީވެސް ތިމާއަށް ލިބޭ އުފަލަކާއި ހިތްހަމަ ޖެހުމެއްކަމަށް ބަލައިގަތުމުގެ ޝުޢޫރުވެސް އަންހެނުންގެ ނަފްސުގައި މާތްﷲ ވަނީ ލައްވަވާފައެވެ. 

އެހެންވެ އިސްލާމްދީނުގައި އަންހެނުންގެ މައިގަނޑު ވަޒީފާއެއްކަމަށް ކަނޑައަޅުއްވާފައިވަނީވެސް ފިރިމީހާގެ ގޭގެތެރެ ކަންތައްތައް ރާވާ ހިންގާ އިންތިޒާމްކޮށް ބެލެހެއްޓުމެވެ. މިއަށް އިޝާރާތް ކުރައްވަމުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "والمرأة راعية في بيت زوجها, ومسؤولة عن رعيتها" (متفق عليه) މާނައީ: "އަދި އަންހެނާއީ އޭނާގެ ފިރިމީހާގެ ގޭގެ ކަންތައްބަލަހައްޓާ މީހާއެވެ. އަދި އޭނާގެ މިމަސްއޫލިއްޔަތާމެދު އޭނާއާ ސުވާލު ކުރެވޭނެއެވެ". ވީމާ، ތިމާގެ އަޞްލު ވަޒީފާއާމެދު ފަރުވާ ކުޑަކޮށްލާ އެހެން ދިމާލަކަށް ހިނގައްޖެނަމަ އޮންނާނީ ތިމާ އަދާކުރަންޖެހޭ އަޞްލު މަސްއޫލިއްޔަތު ބޮއްސުން ލައިގެން ގޮސްފައެވެ. އަންހެނުން ވަޒީފާ އަދާކުރުމަކީ ނެތް ކަމެކޭ އަޅުގަނޑު ނުދަންނަވަމެވެ. ނަމަވެސް އެހެން ވަޒީފާއަކަށް ނުކުތުމުން ތިމާ އަދާ ކުރަންޖެހޭ އަޞްލު ވަޒީފާއަސް ފަރުވާކުޑަ ކޮށްލެވޭނަމަ އެއީ އެއާމެދު ސުވާލު ކުރެވޭނެ ކަމެކެވެ. 

ދެޖިންސްގެ ހަމަހަމަ ކަމަށް ގޮވާލާ 2005 ވަނަ އަހަރު އެމެރިކާގައި އަންހެނަކު އިމާމްވެ ހުކުރު ނަމާދު ކުރި ވާހަކައަށް މިދަނޑިވަޅުގައި އިޝާރާތް ކޮށްލާހިތްވެއެވެ. މިކަމުގައި ދަންނަވާލަން ބޭނުންވަނީ ނަމާދަކީ އަޅުކަމެއްކަމާއި އަޅުކަން ކުރަންވީ ގޮތް ޝަރީޢަތުގައި ކަނޑައަޅުއްވާފައިވާކަމެވެ. އެއީ އެއްވެސް މީހަކަށް ހިތު ހުރިހާ ގޮތަކަށް ކުރެވޭނެ ކަމެއް ނޫނެވެ. މިސާލަކށް ޘަވާބު އިތުރުކުރާށޭ ކިޔާފައި މީހަކު މަޣްރިބު ނަމާދުގައި ހަތަރު ރަކްޢަތް ކޮށްފިނަމަ އެމީހެއްގެ ނަމާދު ޞައްޙަވާނެތޯއެވެ؟ ޢިބާދާތުގެ ކަންތައްތަކަކީ ނުވަތަ އަޅުކަމުގެ ކަންތައްތަކަކީ ތަވްޤީފީކަންތައްތަކެވެ. އޭގެ މާނައަކީ ޝަރުޢުގައި އަކަން ކުރަން ކަނޑައަޅުއްވާފައިވާގޮތަށް މެނުވީ ކުރުން ހުއްދަވެގެންނުވާ ކަންތައްތަކެވެ.

ވީމާ އަންހެނެއްގެ ފަހަތުގައި ފިރިހެނުން މައުމޫމްވެ ހުރެ ނަމާދުކޮށްފިނަމަ އެ ފިރިހެނުންގެ ނަމާދު ޞައްޙައެއް ނުވާނެއެވެ.

ހުޅަނގުގެ ދުނިޔޭގައި ދެޖިންސުގެ ހަމަހަމަކަމަށް ގޮވާލާ ގޮވާލުމަކަށް އަޅުގަނޑުމެން މުސްލިމުން ބަލާކަށް ނުޖެހެއެވެ. ހުޅަނގުގައި އަންހެނުންގެ ޙައްޤުތައް ގެއްލިފައިވީ ނަމަވެސް އިސްލާމްދީނުގައި އަންހެނުންގެ ޙައްޤުތަކެއް ގެއްލިފައެއްނުވެއެވެ.

އިތުރަށް ވިދާޅުވޭ...

Saturday, March 31, 2012

އެންމެ ހެޔޮ އަންހެނާ

އަލްއަޚް މުޙައްމަދު ޝަމްޢޫން

عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: ” تُنْكَحُ الْمَرْأَةُ لِأَرْبَعٍ: لِمَالِهَا، وَلِحَسَبِهَا، وَجَمَالِهَا، وَلِدِيْنِهَا، فَاظْفَرْ بِذَاتِ الدِّيْنِ تَرِبَتْ يَدَاكَ”. (رواه البخاري ومسلم ) ޙަދީޘުގެ މާނަ ﷲ ތަޢާލާ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހަތަރުކަމަކަށްޓަކައި އަންހެނުންނާއި ކައިވެނި ކުރެވެއެވެ. އޭނާގެ މުދަލަށްޓަކައެވެ. އޭނާގެ ޙަސަބުގެ މަތިވެރިކަމަށްޓަކައެވެ. އޭނާގެ ރީތިކަމަށްޓަކައެވެ. އަދި އޭނާގެ ދީންވެރިކަމަށްޓަކައެވެ. ފަހެ ދީންވެރިޔާ އިޚްތިޔާރުކުރާށެވެ. އެހެންނޫނީ ތިބާގެ ދިރިއުޅުން ވެއްޔާ މޮޑެވިދާހުއްޓެވެ.”

ތަފްޞީލީ މާނަ 
ބުއްދިވެރި، މުރޫއަތްތެރި، ދީންވެރި ފިރިހެނާއަށް އެހެން ހުރިހާ އެއްޗަކަށްވުރެ މުހިންމުވާނީ ދީންވެރި، ރިވެތި އަޚްލާޤެއް ލިބިފައިވާ މީހެކެވެ. އެހެންކަމުން އޭނާ ރަޙްމަތްތެރީންގެ ގޮތުގައި އިޚްތިޔާރުކުރާނީ އެންމެ ތަޤުވާވެރި އެންމެ ޚުލުޤުހެޔޮ މީހުންނެވެ. އަދި އޭނަގެ ދަރިންގެ މަންމައެއް ގޮތުގައި އޭނާ އިޚްތިޔާރު ކުރާނީ އެންމެ ޚުލުޤުހެޔޮ، ﷲއާއި އެއިލާހުގެ ރަސޫލަށް ތަބާވުމުގައި އެންމެ ކުރިއަރާފައިވާ މިހާއެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ؟ ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. تخيروا لنطفكم فانكحوا الأكْفاء وأنكحوا إليهم “ތިޔަބައިމީހުންގެ ނުޠުފާތަކަށްޓަކާ ރަނގަޅު ދަނޑެއް އިޚްތިޔާރުކުރާށެވެ. އަދި (ދީންވެރިކަމާއި އަޚްލާޤުގެ ގޮތުން) ކުފޫ ހަމަވާ ބަޔަކާއި ކައިވެނި ކުރާށެވެ! އަދި އެފަދަ ބަޔަކާއި (ތިޔަބައިމީހުންގެ ދަރީން) ކައިވެނިކޮށްދޭށެވެ!” ދީންވެރި ޚުލުޤުހެޔޮ އަންހެނަކީ، މި ދުނިޔޭގައި ހޯދައި، ރައްކާތެރިވާންޖެހޭ ކަންޒެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިކަމުގައި ޞަޙީޙް މުސްލިމުގައި ވާރިދުވެފައިވެއެވެ. الدنيا متاع وخير متاع الدنيا المرأة الصالحة ”ދުނިޔެ އަކީ ވަގުތީއުފަލެކެވެ. އަދި މިދުނިޔޭގެ ވަގުތީ އުފާތަކުގެ ތެރެއިން އެންމެ ރަނގަޅުވެގެންވަނީ ޞާލިޙު އަންބެކެވެ.” އެހެންކަމުން އޭނާގެ ޙަޔާތުގެ ބައިވެރިއެއްކަމުގައި އެފަދަ މީހަކު އިޚްތިޔާރުކޮށްފި މީހާ އުފާ ޙާޞިލުކޮށްފިކަން ކަށަވަރެވެ. 

މުދާވެރި އަންހެނެއްގެ ފަރާތުން މުދާޙާޞިލުކުރުމަށްޓަކައި އެފަދަ އަންހެނަކު ހޯދުމަށް ބަޔަކު މަސައްކަތްކުރަމުންދާއިރު، އަނެއްބަޔަކު މަސައްކަތްކުރަމުން ދަނީ ޙަސަބުގެ ގޮތުން މަތިވެރި އަންހެނެއްގެ ފަރާތުން އޭނާ ބޭނުންވާ ޖާހާއި މަންޞަބު ހޯދުމަށްޓަކާ އެފަދަ އަންހެނަކު ހޯދުމަށެވެ. އަދި ބައެއްމީހުން މި ދެކަންތަކަށްވެސް ބެލުމެއްނެތި ރިވެތި އަންހެނަކު ހޯދަން މަސައްކަތްކުރަމުންދެއެވެ. މިފަދަ ޙާލަތެއްގައި މީސްތަކުންވީއިރު، ދެދުނިޔޭގެވެސް ބާއްޖަވެރިކަން ޙާޞިލުވާނޭ މަގު ބަޔާންކޮށްދެއްވައި އުންމަތަށް އިރުޝާދުދެއްވަމުން ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވަނީ ޞާލިޙު އަންބަކު އިޚްތިޔާރުކުރާށެވެ. އޭނާއަކީ މުދަލެއްނެތް، ޙަސަބާއި ނަސަބުގެ ގޮތުން ނިކަމެތި، އަދި ރީތިކަމުގައި އެހާ ކުރީއަރާފައިވާމިހަކަށް ނުވިޔަސް އޭނާގެ ދީންވެރިކަން އޭނާ މަތިވެރިކޮށް ރީތިކޮށްލައެވެ. އެހެން ނުވާންވީ ކީއްވެތޯއެވެ؟ އޭނާއަކީ ޢާލަމްތަކުގެ ވެރިރައްބު އަންގަވާފައިވާ ގޮތަށް އުޅޭ، އެއިލާހުގެ ރުހިވޮޑިގަތުން ޙާޞިލުކުރަން މަސައްކަތްކުރާ މީހެކެވެ. މޫނުތަކެއް އަލިވެ، މޫނުތަކެއް އަނދިރިވެގެންދާ ދުވަހު، އަލިވެގެންވާ މޫނުތަކުގެ ތެރެއިން ވުމަށް މަސައްކަތްކުރަމުންދާ މީހެކެވެ. 

މިފަދަ ދަނޑެއް އިޚްތިޔާރުކޮށްފިނަމަ، ހެދިގެން އަންނަ ގޮވާންތަކަކީ ދުނިޔެއާއި އާޚިރަތުގައިވެސް ފައިދާކުރުވަނިވި ގޮވާންތަކަކަށް ވެގެންދާނެއެވެ.

މި ޙަދީޘުންލިބޭ ބައެއް ފައިދާތައް
1. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ، ހެޔޮކަމުގެ މަގުތައް އުންމަތަށް ބަޔާންކޮށް ދެއްވެވި މިންވަރު 
2. އެންމެ ހެޔޮވެގެންވަނީ ދީންވެރި ޚުލުޤުހެޔޮ އަންހެނަކާއި ކައިވެނިކުރުންކަން
3. މުދަލާއި ރީތިކަމާއި ޙަސަބަކީ ފިރިހެނުން އެއަންހެނަކަށް ޝައުޤުވެރިކުރުވާ ކަންތައްތަކެއްކަން 
4. އިންސާނާ މަތިވެރިވެގެންދަނީ އޭނަގެ ޙަސަބާއި ނަސަބުގެ ސަބަބުން ނޫންކަން. އެހެނަސް އޭނާގެ ދީންވެރިކަމުގެ ސަބަބުންކަން.
______________________

އިތުރަށް ވިދާޅުވޭ...

Wednesday, March 21, 2012

ބޮލުގައި ރިހުމަށް 60 ހައްލު

މައިރޫފާ

ފައިބަރުން ފުރުވާލާށެވެ.
ބައެއްމީހުންގެ ބޮލުގައި ރިހުމުގެ ސަބަބެއްކަމުގައި ވެފައިވަނީ ބޮޑުކަމުދާން އުދަގޫވުމެވެ. ނުވަތަ އެއްގޮތަކަށްވެސް ނުދެވުމެވެ. މިކަމަށް ހައްލެއް ހޯދުމަށްޓަކައި ކޮންމެ ދުވަހަކުވެސް ރަގަޅު މިންވަރަކަށް ފައިބަރު ހުންނަ ކާތަކެތި ބޭނުންކުރެވޭތޯ ޔަޤީން ކުރާށެވެ.

ހަޖަމު ނުކުރެވޭ އެހެން ނަމަވެސް، ސިއްހަތަށް ފައިދާބޮޑު އެއްޗެއް 
އަހަރުމެން ގަސްގަހާގެހިން ނެގޭ ކާނާތައް ނުވަތަ އެތަކެތިން އުފައްދާކާނާ ބޭނުންކުރުމުން، ކާތަކެތީގެ ގިނަމިންވަރު ހަޖަމުކޮށްދެއެވެ. އަދި ފަސޭހައިން މެޓަބޮލައިޒް ވެސްކޮށްދެއެވެ. ނަމަވެސް މިތަކެތީގެ ތެރޭގައި ހަޖަމު ނުކުރެވޭ ބާވަތެއް ވެއެވެ. އެއީ ފައިބަރެވެ. ނަމަވެސް ފައިބަރަކީ ބޭކާރު ތަކެތީގައި ނުހިމެނޭ އެއްޗެކެވެ. ސަބަބަކީ، ފަސޭހައިން ބޮޑުކަމުދިޔުމަށް އެންމެ ބޮޑަށް އެހީވާ އެކައްޗަކީ ފައިބަރުކަމަށް ވުމެވެ. ބޭނުންވާވަރަށް ފައިބަރު ނެތިއްޔާ ބޮޑުކަމުދާ ތަކެތި ހަޖަމުކުރާ ނިޒާމުގެތެރެއިން ކޮލޮންއަށް ނުވަތަ ބޮޑުކަމުދާތަކެތި ބޭރުކޮށްދޭ ހިސާބަށް ފޮނުވައެއްނުދޭނެއެވެ. މީގެ އިތުރުން ބޮޑުކަމުދާތަކެތި ހަރުވެ، ހިކިވެ ލޭވެސް އަންނަ ގޮތް މެދުވެރިވެދާނެއެވެ. މީގެސަބަބުން ކޮންސްޓިޕޭޝަން ކިޔާ ބައްޔެއް ޖެހުމަށް މެދުވެރިވެއެވެ. މިއީ ރާއްޖޭގައި ވަރަށް ގިނަމީހުންނަށް ޖެހޭ ބައްޔެކެވެ. މިބަލީގެ ސަބަބުން ‘ކޮލޮން ކެންސަރ’ ކިޔާ ބައްޔަކަށް މަގުފަހި ކޮށްދެއެވެ.
މީގެ އިތުރުން ފައިބަރަކީ ހަށިގަނޑުގެތެރެއިން ފެން ހިފަހައްޓައި ސަރުބީ ބޭރުކޮށްދޭ އެއްޗެކެވެ. އަދި ރަގަޅު ކެއުމަކަށް (ގިނަވައްތަރުގެ ތަރުކާރީ އަދި މަސް ހިމެނޭ) ފައިބަރު ހިމެނޭ ކާތަކެތި ހިމަނައިގެން ކެއުމުން ގޮހޮރުގެ ބަލިތަކުން ސަލާމަތް ކޮށްދީ ގޮހޮރު ރަގަޅުކޮށްދެއެވެ. 

ކޮންމެ ދުވަހަކުވެސް 40 ގްރާމް 
ކޮންމެދުވަހަކުވެސް ކާތަކެތީގައި ފައިބަރުހިމެނޭ ކާތަކެތި ހިމެނޭގޮތަށް ކެއުމުގެ އާދަކާދަ ބަހައްޓާށެވެ.އަދި ކޮންމެދުވަހަކުވެސް މަދުވެގެން 40 ގްރާމް ފައިބަރު ބޭނުން ކުރަންއާދަކުރާށެވެ. ތިރީގައި މިވަނީ އެއްމެގިނައިން ފައިބަރު ހިމެނޭ ކާތަކެއްޗެވެ.
  •  ޕޮޑް ވެޖްޓަބަލްސް؛ ސޯޔާ ބީންސް، މުގު، ބްރޯޑް ބީންސް، ޗިކްޕީސް އަދި ބީންސް ހިމެނެއެވެ.
  •  ހޯލްމީލް ސީރިއަލްސް؛ ހޯލްމީލް ބްރެޑް، ޒުވާރި، މިލެޓް، ބަކްވީޓް އަދި ރައި ހިމެނެއެވެ.
  •  ހިކި މޭވާ؛ ކަދުރު، ޕްރޫންސް، ހިކިއެޕްރިކޮޓް، މޭބިސްކަދުރު އަދި ހިކިވައްތީނި ހިމެނެއެވ
  •  ޒައިތޫނި އަދި މަދު؛ ޕީނަޓް، ޕިސްތާޝިއޯސް، އެލްމަންޑް އަދި ހެޒެލްނަޓް ހިމެނެއެވެ.

 މުހިއްމު ނުކުތާ؛
 ü ކެއުމުގައި އަބަދުވެސް ބޭނުންކުރަނީ ފައިބަރުގެ މަދުމިންވަރެއް ކަމުގައިވާނަމަ ކެއުމުގެ އާދަ ކުއްލިއަކަށް ބަދަލުނުކުރާށެވެ. މަދުމަދުން ފައިބަރު އިތުރުކުރަމުން ގެންދާށެވެ. އެހެންނޫންނަމަ ހަޖަމުކުރާ ނިޒާމަށް ގެއްލުމެއްވުން އެކަށީގެން ވެއެވެ.

އިތުރަށް ވިދާޅުވޭ...

Tuesday, March 20, 2012

ހަޤީގީލޯބި، ގިރިޓީލޯބި، ގެރިލޯބި، ގުއިލޯބި، ކަނުލޯބި ހަމަ އެއް ފަލްސަފާއެއް

ރޮއެރޮއެ ކަރުނަ

މިފަހަރުގެ މައުލޫއަކީ ލޯބި، މިލަފުޒެވެ. މިފަދަ ބޮޑު މަޢުލޫއަކަށް ނަޒަރު ހިންގާލާއިރު ހިތަށް އަރަމުންދަނީ މިއީ އަތްގުޅި ކާނެވަރުގެ މައުލޫއެއް ބާވައެވެ. ނަމަވެސް ލޯތްބާއިބެހޭގޮތުން ކުޑަ ނަމަވެސް އިޝާރާތެއްކޮށްލުމަކީ މިއަދު ނިކަމެތި އަޅާއަށް ލިބޭ ވަރަށް ބޮޑު އުފަލަކާއި ހިތްހަމަ ޖެހުމެއްކަމުގައި ދެކި ކޮންމެވެސް މިންވަރެއް މިމައުލޫގައި ކޮށްލެވޭތޯ ބަލާލާނަމެވެ. އެހެނަސް ކިއުންތެރިންގެ އަރިހުން އެދެންޖެހޭ އެދުމެއް އަބައޮތެވެ. މިލިޔުން ވިދާޅުވާ ކޮންމެ ބޭފުޅަކުވެސް މާނަ ނަންގަވަންވާނީ މަޖާޒީ ވިސްނުމަކުންނެވެ. މިފަދަ ބޮޑު މަޢުލޫއަކަށް އަތްހިންގާލަން ބަލާއިރު ނިކަމެތި އަޅާއަކީ ލޯބީގެ މާބޮޑު އިހްސާސްތަކެއް ކުރެވި މިކަމުގެ މާބޮޑު ފަލްސަފާއެއްވެސް އޮތްމީހެއްނޫން ކަމުގައިވެސް ބުނެލަންޖެހެއެވެ. މިގޮތުން ފުރަތަމަ މި ބަލާލަނީ ލޯތްބަކީ ކޮބައިކަމުގެ މައްޗަށެވެ.

އަހަރެމެންގެ މިމުޖުތަމުއުގައި ލޯބި ވަރަށް ގިނަ ގޮތްގަތަށް ސިފަކޮށްފައި އެބަހުއްޓެވެ. އޭގެތެރޭގައި ހިތްގައިމު ގޮތެއްހުރުން ،އަޅައިގަންނަ ގޮތެއް ހުރުން،ނުވަތަ ފުރިހަމަކަން، އެކަކު އަނެކަކަށް ހިތުގައި އުފެދޭ ޖަޒުބާތެއް މިފަދަ މާނަތަކެކެވެ. ދެން ބަލާލާނީ ލޯބި ބެހިފައިވާ ބައިތަކަށެވެ. މިގޮތުން ފުރަތަމަ ނަޒަރު ހިންގާލާނީ ހަޤީގީ ލޯތްބާއި ބެހޭގޮތުންނެވެ.
ހަޤީގީލޯބި 
ހަޤީގީ ލޯތްބާއި ބެހޭގޮތުން ބައެއް ފަލްސަފާވެރިން ބުނަމުން އަންނަނީ ހަޤީގީ ލޯތްބަކީ ވަރަށް މަދު މީހަކަށް ނޫނީ ހާސިލުނުކުރެވޭނެ އަދި ކޮންމެމީހަކާއި އުމުރުން އެއްފަހަރު ބައްދަލުކުރާނޭ އެފަދަ ދެވަނައެއް ނުވާ އަގުމާތް ލޯތްބެއްކަމުގައެވެ. އަދި މިލޯތްބަކީ އަޑިގުޑަންތައް ގިނަ ހާސިލުކުރަން އުނދަގޫ ލޯތްބެއްކަމުގައެވެ. މިލޯބި ހާސިލުކޮށްފައިތިބޭ މީހުން ތިބޭނީ މުޅިދުނިޔެ އުމުރަށްވެސް ހިތްހަމަޖެހުމާއި އުފަލުގައި ޖޯޑްވެތި ގޮތެއްގާކަމަށެއެވެ. މިލޯބި ފެށިގެން އަންނަނީ އެންމެ ހަގު އުމުރުގައި ކަމަށާއި ހަތް އަހަރާއި އަށް އަހަރާ ދެމެދު ހިތުގައި އުފެދޭ ގާތް ރަހްމަތްތެރިކަމުގެ ގުޅުމަކުން ކަމަށެވެ. އެހެން ނަޒަރަކުން ދެކެނީނަމަ ޅައުމުރުގައި އުފެދޭ އެކުވެރިކަމާ ފެނިދެނިވެ އުޅުމާއި ކުރެވޭ މުއާމަލާތުގެވެސް ގިނަކަމުންމެއެވެ. މިލޯތްބަށް ޖާޒުބީ ލޯތްބޭވެސް މީހުންކިޔަތެވެ. ހަޤީގީ ލޯބި ވެވޭނީ އެއްފަހަރު އެކަކު ދެކެ ކަމަށާއި މިލޯބި ހާސިލުކުރާ ދެމީހުންނަކީ އެކަކު އަނެކަކަށް ކެއަރކުރާ އަދި ކަންކަމުގައި ޝެއަރކުރާ ބަޔެއް ކަމުގައެވެ. އަދި ގޮތް ދޫކުރުމާއި އެކަކު އަނެކަކަށް ނަފުސަށް އިތުބާރު ކުރާ ދެމީހުންކަމުގައެވެ. މިލޯބި ދެފުށުން ކޮށާ މަށާލާއިރު ފެންނަމުންދާ ހަޤީގަތްތަކުން މިއީ މިހާރުގެ މުޖުތަމައުގައި މާ އުރަތްޕެއްހުރި ލޯތްބެކޭ ދަންނަވާ ހިތެއް ނުވެއެވެ. ސަބަބުތައް ބައިވަރެވެ. ކަން މިހެންއޮތްކަމުގައި ވިޔަސް މިލޯބި ހާސިލުކުރާ ލޯބިވެރިން ވަކިވެގެން އެދަނީ ހާދަހާވާ ފިނޑި އެހާމެ ނިކަމެތި ގޮތަކަށޭ ބުނެލަން ޖެހެއެވެ. އަދި މިފަދަ ވަކިވުންތައް ފުން ހިތާމަޔާއި ހިތް ދަތިކަމަށް ބަދަލުވެފައި ހުރީ މަދެއްކޮށެއްވެސް ނޫންކަމުގައެވެ. އަދި އެފަދަ ހަޤީގީ ލޯބި ބީވެގެން ދިއުމުން ދެވަނައަށް ބިންގާ އަޅާލެވޭ ލޯބި އެލޯތްބަށްވުރެ މާކާމިޔާބު ލޯތްބަކަށް ވެގެންވެސްގޮސްފައި އަބަހުރިމެއެވެ.
ގިރިޓީ ލޯބި 
މިލޯތްބަކީ ތަނަވަސްކަމާއި ފައިސާގެ ދަޅަ ދައްކައިގެން ހާސިލުކުރާ ލޯތްބެކެވެ. މިލޯތްބަކީ ހާސިލު ކުރަން އެންމެ ފަސޭހަ އަދި މިހާރުގެ މިމުޖުތަމައުގައި ވަރަށް ބާރަށް ފޯދެމުން އަންނަ ލޯތްބެކެވެ. މިލޯތްބަކީ ދުރުމުސްތަޤްބަލަކަށް ބަލާއިރު ދެމެހެއްޓެނިވި ލޯތްބެކޭ ދެންނެވޭކަށް ނެތެވެ. ސަބަބަކަށްވަނީ ފައިސާވެރިން ނޫނީ ފައިސާ އާ ތަނަވަސްކަން ނެތިސް ތަނަވަސްކަމުގެ ދަޅަދައްކައިގެން ފުއްދުން ތެރިކަންކުރިޔަށްނެރެ ހާސިލުކުރާ ލޯތްބަކަށްވީތީއެވެ. މިލޯބި ހާސިލުކުރާ ލޯބިވެރިން ފިރިހެނެއްނަމަ ރީތި އަންހެންކުދިން ރުއްސައިގެން އަދި ނިކަމެތިންގެ ހިތްތަކަށް ހާއްސަކޮށް މައިންބަފައިންނަށް ބޮޑެތި އިނާމުތަށް ވިޔަފާރި ނޫނީ ކަންނެލި އޮޑިފަހަރު ހުށަހަޅައި ތަނަވަސްކަމުގެ ދަޅައިގައި ޖައްސައިގެން ހާސިލުކުރާ ނެތެވެ. މިލޯބީގައި ބޮޑެތި ހަވޭލީ ތަކާއި ރަންބިސްއަޅާ ކުކުޅުހާ އަންހެންކުއްޖާގެ ޤަބީލާއަށް ހުށަހަޅައެވެ. މިދަޅަތައް މިހަޤީގަތްތައް ދައްކަމުންދަނީ އަންހެން ކުއްޖާ ހާސިލުކުރެވެންދެންނެވެ. ލޯބި ހާސިލުވުމުން ތަނަވަސްކަމާއި ހިތްނުތަނަވަސްވުން އެއީ މިލޯބީގައި އުފެދޭ އެއްމެ ބޮޑު ކަތުރު ފަންޏެވެ. މިލޯބީގެ މާނަ ނަންގަވަމުން އަލްމަރުހޫމް ނައިފަރު ދޮހޮއްކޮބޭ ކިއުއްވާފައިވާ ލަވަޔެއްގައިވާ އިބާރާތް ލިޔެލާނަމެވެ. ‘ގިރިޓީ ލޯބިން ދައްކާ ދަޅައިން ބަލިބަލި ހިތްތައް ބުރުއްސައިފިޔޭ , މިއީ ވަރަށް ބޮޑު ހަޤީގަތެކެވެ. އަދި މިލޯތްބަކީ މިޒަމާނުގެ ޖީލްތައް ވިސްނާ ފިކުރުހިންގަންޖެހޭ ފަދަ ނާކާމިޔާބު ލޯތްބެއް ކަމުގައި ބުނަންޖެހެއެވެ. 
ގެރިލޯބި
މިލޯތްބަކީވެސް މާ ތާކުންތާކުޖެހޭ ހަމަޖެހޭ ލޯތްބެކޭ ބުނެވޭނޭ ޖާގައެއް ނެތެވެ. ސަބަބަކީ އެކަކު އަނެކަކު ނުދަނެވިތިބެ ހަޔާތް ބައްޓަން ނުކޮން އެހެން ބީދައަކުން ބުނާނަމަ ދިރިއުޅުމަކަށް ނުވިސްނާ ހަށިގަނޑާއި ޖިސްމާނީ ބާރަށް ނަޒަރުހިންގައިގެން ކުރެވޭ ލޯތްބަކަށް ވާތީއެވެ. މިލޯބީގައި އަނބިމީހާއަށް ޖިސްމާނީ ނަފްސާނީ ގެއްލުންތައް ލިބެމުން ދާނެއެވެ. ހަޤީގަތަށް ލިޔަނީނަމަ ފިރިހެނެއްނަމަ އޭނާގެ ހިތައް ފިރިހެނީ އިހްސާސް ހިއްސާކުރާ ކޮންމެ ވަގުތަކު އަނބިންގެ ހާލަށް ހާލަތާއި ވަގުތައް ބެލުމެއްނެތި ޖިސްމާނީ ބާރު ހާސިލުކުރާނެތެވެ. މިކަމުގެ ސަބަބުން އިންސާނީ މުޖުތަމައަށާއި އިންސާނީ ލައްޒަތަށް ނޭދެވޭ އަސަރުކޮށް އަދި މަޖުބޫރު ހާލަތުގައި ނަމަވެސް އަތްފައި އިސްކޮށް ވަލުޖަނަވާރުންގެ އުސޫލަށް ވެއްޓިގެން ގޮސަފައިވޭމެއެވެ. މިކަމުގެ ސަބަބުން ޢާއިލާތައް ރޫޅި މުޖުތަމައު ފަސާދަވެގެން އަންނަތަން ފެންނަނީ މަދެއްކޮށެއްނޫނެވެ. ވީމާ މިލޯތްބަކީ ޖަންގަލީގެ ޖަނަވާރުންގެ މިސާލުގައި ގަދަމީހާ ގަދަކަން ދައްކައިގެން އެމީހެއްގެ އިހްސާސް ހާސިލުކުރާ އިންސާނީ މުޖުތަމައުން ތާއަބަދަށް އެއްކިބާކޮށް ލަންޖެހޭފަދަ ލޯތްބެއްކަމުގައިވެސް ލިޔަންޖެހެއެވެ. 
ގުއިލޯބި 
މިލޯތްބަކީ މިދިވެހި މުޖުތަމައުގައި ވަރަށް ބޮޑު މަސްހޫރު ކަމަކާއި ބައެއް ޢާއިލާތަކުގެ މެދުގައި މަޤްބޫލުކަން ހޯދާފައިވާ ލޯތްބެކެވެ. އެހެނީ ފުރަތަމަ ފެނިލުމާއެކުއެކީވެސް ކާވަނިކުރެވި ލޯބީގެ އެއްވެސް ކަންފުޅެއްނެތި ހާލަތާއި ވަގުތައްވެސް ބަލާލުމެއްނެތި ވެވޭ ލޯތްބެކެވެ. މިލޯބި ފެށޭނީ ކައިވެނި ކުރެވުމުންނެވެ. މިލޯބީގައި އެކަކުގެވެސް އިހްސާސް އަނެކާއަށް ދެނެގަނެވިފައެއް ނުވާނެއެވެ. އެހެން ވުމުން އެކެއްގެ އިހްސާސް އަދި ކަންކަމުގައި ޝެއަރކުރުމާއި ކެއަރ ކުރުމެއްވެސc ނޯންނާނެއެވެ. ނަމަވެސ އަނބިމީހާ ތާއަބަދުމެ އުޅޭނީ ފިރިމީހާ ރުއްސައިގެން ލޯބިވާކަމަށް ހައްދައިގެންނެވެ. އަދި ފިރިންގެވެސް ހުކުން ހުންނާނީ ހަމަ މިފަދަ ބީދައުންނެވެ. މިފަދަ ލޯބިވެރިންގެ އިހްސާސްތައް އެކަކު އަނެކަކަށް ހިއްސާކުރާ ވަގުތު ދެމީހުންވެސް ލޯބިން އެފަދަ ދެ ލޯބިވެރިޔަކު ނެތްފަދަ އަމަލުތަކެއް ފެންމަތިކުރާނެކަން އެއީ ޔަޤީންކަމެވެ. މިތަނުން އެކެއްގެވެސް އިހްސާސްތައް ކެނޑުމުން އަނެކާގެ ހާލަތަކަކަށް ބެލުމެއްނެތި ގައިކޮޅު ގައިދުރު އޭ ބުނެ ނުދެނެހުރެތެވެ.
ކަނުލޯބި 
މިލޯތްބަކީ އިންސާނީ މުޖުތަމައުގާ ގިނަ ބަޔަކާ އުމުރުގެ ކޮންމެވެސް ހިސާބަކުން މުހާތަބުކުރާ ލޯތްބެކެވެ. ގިނަފަހަރަށް މިލޯތްބާއި ބައްދަލުކުރާ މީހުންނަކީ ދިރިއުޅުމުގާ ބޭގަރާރުވެ ޖަޒުބާތާއި އިޝްޤީ ފަލްސްފާ ކަފުންކުރެވިފާވާ މީހުންނެވެ. ސަބަބަކަށްވަނީ އެބައިމީހުން ހިތުއަޅައިގެން އުޅޭ ކުއްޖާއަށް އެކަން ނޭންގި ތިމާގެ އަމިއްލަ ހިތުގާ އެކަން ހިތުއަޅައިގެން ލޯބިވާކަން ހާމަ ނުކުރެވި އުޅެނިކޮށް ކޮންމެވެސް އެހެން މީހަކު އެލޯބި ހާސިލުކުރުމުން ދެން އެކަމާ މާޔޫސްވެ ގޮތްހުސްވެފާވާ މީހުންނެވެ. މިފަދަ ލޯތްބެއްގެ ލޯބިވެރިއެއްގެ އިހްސާސް ކިއުންތެރިންނާ ހިއްސާކޮށްލާނަމެވެ. ދުވަސްވަރަކީ ތަދުމަޑުކަން ކެނޑި ކޮންމެވެސް ވަރަކަށް އޮއްޓަރުހުރި ތަކެތި އަރުއެތެރެއަށް ލާން ލިބެންފެށި ދުވަސްވަރެވެ. އަހަރެންވެސް މީހަކާ އިނުމަށް އެކަމަށް ފޫގަޅަމުން އައިދުވަސްވަރެވެ. އޭރު އަހަރެންގެ ޢާއިލާގައި ދުނިޔޭގައި މުސްކުޅި ބަފަޔަކާއި އަދި އަހަރެންގެ ހަގަށް ތިން ބެއިން ތިއްބެވެ. ގުދާރު ބިނދޭވަރު ބުރަމަސައްކަތުގައި އުވަ ދަވަން އުވަވަޅުކައިރީ އުޅެފައި ގެޔަށް ފެންވަރާލާ ގައިންތާހިރުވާން އައިސް ގޭގެ މައިދޮރުން އެއްފައި އެތެރެއަށް އަޅާލިވަގުތެވެ. ގޭގޭ ބޮޑު އަށީގެ އޮޑިތާންވަޅުގައި ބިޑިއެއް ރޯކޮށްގެން އިން ބައްޕަ ބުނެލިއެވެ. ދަރިފުޅާއެވެ. މިހާރު ކަލޯވެސް ތިޔަހުރީ ބޮޑު ފިރިހެނަކަށް ވެފައެވެ. ބައްޕަ މިހެން ބުނުމުން އަހަރެން އެހީމެވެ. ބައްޕާއެވެ. ވީކިހިނެއްހެއްޔެވެ. ބައްޕަ ކޮލުތެރޭގައި އޮތް ހައްޕުނޑުގަނޑު ބޭރަށް ބުރުވާލާފައި ބުނެތެވެ. މިހާރު ކަލޯގެ ބޮޑުދައިތަވެސް ލޯބޯކޮށިވެ އަހަރެމެންނަށް ކާއެތިކޮޅު ރޯފިލުވާދޭނޭ ހިތްވަރެއްނެތެވެ. އެހެން ވީމާ މިގެއަށް ކުއްޖަކު ގެންނާކަށް ނުވޭހެއްޔެވެ. ޖަވާބުގައި އަހަރެން ބުނީމެވެ. ބައްޕާއެވެ. މިގެއަށް އަންނާނީ ކާކުހެއްޔެވެ. ބައްޕަ ބަލަ ކަލޯވެސް ކޮޔަކާ އިންދެގެން މިގެއަށް ގެނައީމާ އެގެނެވުނީނުންތަ, އަހަރެން ހިނިގަނޑެއް ޖަހާލުމުން ބައްޕަ ފުންކޮށް ކަރުކެހިލާ އަނގަތެރޭވާ ކޮލާޑިތައް ސާފުކޮށްލަމުން ބެނެތެވެ. ކަލޯ އިންނަން ރަނގަޅު ކޮޔަކު އަބަހުއްޓެވެ. އަހަރެން ބުނީމެވެ. ކާތަކެތި ރޯފިލުވުން ފިޔަވާ ބައްޕައަށް ދަތިވާ އެހެންކަމެއް ނެތެއްނޫން ހެއްޔެވެ. މީހަކާ އިނދެވޭނީ ނިވާކަން ހުރި ގިފިލިގަނޑަކާއި ނިދާލާނެ އެނދުގަނޑެއްވެސް ހުރެގެންނެއް ނޫންހެއްޔެވެ. މިހެން ބުނުމުން ބައްޕަ ބުނެތެވެ. ކަލޮއާ ގުޅޭ ރޫފަ ރަނގަޅު ހީވާގީ ކޮޔަކު އެވެނި މިވަނި ގެޔަކު އެބަހުއްޓެވެ. އަނެއްކާވެސް އަހަރެން ބުނީމެވެ. ބައްޕައަށް ދަތިވަނީ ކޮންކަމެއްހެއްޔެވެ. ބައްޕަ ޖަވާބުގައި ބުނެތެވެ. އަހަންނަށް ވުރެ ދަތިވާނީ ދަރިފުޅަށެވެ. ގަޑިން ގަޑިޔަށް ކައްކާ ކާންދީ އުނުއަންނައުނު ދޮވެ ގޭދަށް ސާފުކޮށް ހެދޭނީ ކަލޯ މީހަކާއި އިނދެގެން މިގެޔަށް ގެނެސްގެންނެއް ނޫންހެއްޔެވެ. ކޮންމެއްއަކަސް ބައްޕަ އެގޮތް ދޫނުކުރުމެއް އަހަންނަކަށް ނުހުއްޓުވުނެވެ. އެވަގުތު ބުނީމެވެ. މިވަގުތުން ފެށިގެން ތިޔަކަމާ މަސައްކަތް މިފެށީއެވެ. ބައްޕަ ބުނެތެވެ. މިވެނި މީހާގެ ދަރި ކަލޮޔަށް ރަނގަޅުވާނެއެވެ. ޖެހިގެން އައި ދުވަހު ދެހެކިން ފޮނުވާ އެމަންޖެ ރުއްސާ ރަންކިޔައިފީމެވެ. އަދި އެދުވަހުގެރޭ ކައިވެނިކޮށް އަލަތުކައިވެނީގައި ދެމީހުން އެއްކޮޓަރީގައި ދެއެނދުގައި ނިދަން އޮށޯވެއްޖައީމެވެ. ކޮންމެއަކަސް ދަން ދެބައިވިތަނާ އަހަންނަށް ހޭލެވުނީ ގައިގާ ކޮންމެވެސް އެއްޗެއް ހޭކޭތީ ހޫނު އިހްސާސް ވާތީއެވެ. ލޯހުޅުވާ ބަލާލެވުނު ވަގުތު ގާތުގައި މިއޮތީ އަލަތު އަނބިމީހާއެވެ. އެވަގުތު ކުއްލި ހަރަކާތަކާއެކު އެނދުން ތަޅުން މައްޗަށް ފައިބައި ފީމެވެ. އަދި އަންހެނުންނަށް ގޮވާ ހޭލައްވާ މިތަނަށް ތިޔަ އައީ ކީއްކުރަންހޭ އެހީމެވެ. ޖަވާބުގައި އަންހެނުން ބުނެތެވެ. ބަލަ ތިޔައީއަހަރެންގެ ފިރިމީހާ ނޫން ހެއްޔެވެ. ދެމަފިރިން ނިދާނީ އެއް އެނދުގަ އެކުއެކީއެއް ނޫން ހެއްޔެވެ. އަންހެނުން މިހެންބުނުމުން އަހަރެން ބުނީމެވެ. އަހަރެން ނަކަށް ތިގޮތަކަށް ނޫޅެވޭނެއެވެ. އަދި އެހެން ނޫނަސް ކަލޭ މިގެއަށް ގެނައީ ބައްޕަ ބުނިބުނުމަކަށް މަސައްކަތް ކުރާށެވެ. އަންހެނުން ވަރަށް ދެރަވެލާފާ ބުނެތެވެ. އެއީ ކޮންމަސައްކަތެއް ކުރަން ހެއްޔެވެ. އެވަގުތު އަހަރެން ބުނީމެވެ. ގަޑިންގަޑިން ކައްކާ ގޭތެރެ ސާފުކޮށް އުނުއަންނައުނު ދޮންނާށެވެ. މިހެން ބުނުމުން އަންހެނުން ބުންޏެވެ. ދެން ކަލޭ މަށަށް ކޮށްދޭންޖެހޭ އެހެން ކަމެއް ނޯވޭ ހެވެ. އެވަގުތު އަހަރެން ބުނީމެވެ. އާ ދެންކޮންކަމެއްހެއްޔެވެ. މަށަކަށް ކޮޔަކަށް ކޮށްދެވޭނޭއެހެން ކަމެއްނެތެވެ. މިގޮތް ނުފުދެންޏާ މާދަމާ އިރު އަރާތަނުން ދެހެކިން ގެނެސް ވަރިކުރާނަމެވެ. ކޮންމެއަކަސް އަންހެންމީހާގެ ގޮތް ދޫނުކުރުމުގެ ސަބަބުން އެރޭގެ ނިދިން ދެމީހުންމަހުރޫމުވެ ތިބީ ކުނޑި ޒުވާބުގައެވެ.ފަތިސްވުމުން އަހަރެން ބުނީމެވެ. މިގޮތް ނުފުދެންޏާ ހެނދުނު އަރާ އިރާއެކު މިގެން ނުކުމެގެން ފެއްސޭށެވެ. އަދި ޖެހިގެން އައި ދުވަހު ހެނދުނު އަންހެނުން ވަރިކޮށް ގެއިން ފޮނުވާލައިފީމެވެ. ވީމާ މިލޯތްބަކީ ކަނުލޯބިކަމަށް ބުނެވޭނޭ ޖާގަ އަބައޮތެވެ. ނިމުނީ

އިތުރަށް ވިދާޅުވޭ...

Sunday, February 26, 2012

ޣައިރު ގާނޫނީ ސަރުކާރުގެ ގާނޫނީ މުސާރަ!

ނިއުމަތުﷲ އިދުރީސް، ހަވީރު ނިއުސް ސާރވިސް

މަހެއްގެ ފަހުކޮޅަށް އައިސް މުސާރަ ލިބޭ ހިސާބަށް ދިއުމުން މި ހިޔާލު މާ ބޮޑަށް ސިކުނޑީގައި އެނބުރެން ފެށުމުން ލިޔެލާހިތްވީ އެވެ. މީހެއްގެ ނުވަތަ ބައެއްގެ ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ހުއްޓަސް އެއީ މައްސަލައެއް ނޫނެވެ. އެކަމަކު މިހާރުގެ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށް ގަބޫލުކުރާ މީހުންނާއި ބައެއް މުއައްސަސާތަކުން އެ މީހުންގެ މުސާރައާ މެދު ކަންތައް ކުރާނީ ކިހިނެއް ބާވައޭ ހިތަށް އަރާ ވަރުން އެންމެންނާ މި ހިޔާލު ހިއްސާކޮށްލަން ބޭނުންވީ އެވެ.

މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށާއި މިއީ ބާޣީ ސަރުކާރެއް ކަމަށް ކަނޑައަޅައިގެން ތިބި އެތައް މުއައްސަސާއަކާއި ބަޔަކު އެބަ ތިއްބެވެ. އެންމެ ބޮޑަށް ފާހަގަކޮށްލަން ޖެހެނީ ބައެއް ކައުންސިލްތަކުން ރަސްމީ ސިފައެއްގައި ގަރާރު ފާސްކޮށް، މި ސަރުކާރު ގަބޫލު ނުކުރާ ކަމަށް އިއުލާނުކޮށްފައި ވުމެވެ. އެކަމަކު ހިތަށް އަރަނީ އެ މީހުންނަށް މި މަހުގެ ވެސް މުސާރަ ދޭނީ އެއްކަލަ ޣައިރު ގާނޫނީ ސަރުކާރުން ކަމެވެ. ސަރުކާރު ގަބޫލު ނުކުރާ ކަމަށް އިއުލާނުކުރި އެއްވެސް ބަޔަކާ މެދު ވަކި ގޮތަކަށް އަމަލުކުރަން ސަރުކާރުން ނިންމާފައިވާކަން ހާމަކޮށްފައި ނެތުމުން މި ބަލަނީ ސަރުކާރު ގަބޫލު ނުކުރާ ފަރާތްތަކަށް ވެސް ސަރުކާރުން ހަމަ ކުރިއެކޭ އެއްގޮތަށް މުސާރަ ދޭނެ ކަމަށެވެ. ތަފާތެއް ނުކުރާނެ ކަމަށެވެ.
އެކަމަކު ޣައިރު ގާނޫނީ ސަރުކާރަކުން ދައުލަތުގެ ފައިސާ ބަޔަކަށް ދިނުމަކީ ވަރަށް ބޮޑު މައްސަލައަކަށް ވާނެ އެވެ. އެއީ ބޮޑު ވައްކަމަކަށް ނޫނީ ނުވާނެ އެވެ. ގާނޫނާ ހިލާފަށް ބަޔަކު ވެރިކަން ކުރާ ނަމަ އެ ސަރުކާރެއް މެދުވެރިވެގެން އަންނަ އެއްވެސް ކަމެއް ސައްހަ ވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އެކަމަކު މި މަހުގެ މުސާރަ އެ ސަރުކާރުން ދިނުމުން އެއްވެސް ޝަކުވާއަކާ ނުލައި ގަބޫލުކޮށް އޭގެ ބޭނުން ކޮށްފި ނަމަ އެ ޖެހުނީ ކޮން ތާކު ހެއްޔެވެ؟
މި ގައުމުގައި ގާނޫނީ ހައިސިއްޔަތެއް އޮތް ދައުލަތުގެ ހަމައެކަނި ބާރަކީ ރައްޔިތުންގެ މަޖިލިސް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވާއިރު އެ ވާހަކަ ގަބޫލުކުރާ ކިތަންމެ ބަޔަކު އެބަ އުޅެ އެވެ. ސަރުކާރު ހިންގަނީ ވެރިކަން ފޭރިގަނެގެން އުޅޭ ބައެއް ކަމަށް ގަބޫލުކުރެވޭ ނަމަ އެ ބަޔަކީ ދައުލަތުގެ ފައިސާ ނަގައިގެން މީހުންނަށް މުސާރަ އާއި އެހެން ޚިދުމަތްތައް ދެވިގެން ވާނެ ބަޔަކަށް ވެސް ވެގެން ނުވާނެ އެވެ. އެކަން ކުރަން ތިބެން ޖެހޭނީ ގާނޫނީ ހައިސިއްޔަތެއް އޮތް ބަޔަކަށް ވާތީ އެވެ. މިސާލަކަށް ބަލަމާ ހިނގާށެވެ. މީހެއްގެ ކުންފުންޏެއް އެހެން ބައެއްގެ ބާރުގެ ދަށަށް ގަދަކަމުން ގެނެސް އެ ކުންފުނީގެ ފައިސާ ނަގާފައި ދިނުމުން އެ ފައިސާ އަކީ ފޭރިގެންފައިވާ ފައިސާ އަށް ނޫނީ ވާނެ ހެއްޔެވެ؟
ސަރުކާރު ޣައިރު ގާނޫނީ ވިޔަސް އެ ސަރުކާރުން ދޭ މުސާރާގައި ހިފަނީ މަސައްކަތްކޮށްފައި އުޖޫރައެއްގެ ގޮތުން ކަމަށް ބުނެފާނެ އެވެ. އެކަމަކު އަނެއްކާވެސް ގޮސް ޖެހެނީ އެއްކަލަ ޣައިރު ގާނޫނީގަ އެވެ. ޣައިރު ގާނޫނީ ކަމެއް ކޮށްގެން ހޯދާ ފައިސާ އަކީ ކޮން އެއްޗެއް ކަމެއް އެކަކަށް ވެސް އޮޅިފައެއް ނޯންނާނެ އެވެ.
ޣައިރު ގާނޫނީ ކަމެއްގައި ތިމާ އަށް މަންފާ ލިބޭ ހިސާބުގައި މައްސަލައެއް ނެތިފައި އަނެއް ބައި ގޯސްވުމުން ތިމާގެ މަގްސަދާ މެދު ސުވާލު އުފެދެ އެވެ. އެކަމަކު އެއީ އަދި މުޅިން އެހެން ވާހަކައެކެވެ. ނަމަވެސް ސަރުކާރު ގަބޫލު ނުކުރާ މީހުން އެ ސަރުކާރުން ދޭ އެއްޗެއްގައި ހިފުމަކީ ތިމާ ދައްކާ ވާހަކަޔާ އަމަލުގައި ތެދުވެރިކަމެއް ނެތުން ނޫން އެހެން ކަމެއްގެ ގޮތުގައި ނޫނީ އަޅުގަނޑަށް މާނައެއް ނުކުރެވެ އެވެ.

އިތުރަށް ވިދާޅުވޭ...