Monday, January 30, 2012

އަންހެން ދަރިއަކު ލިބުމުން ފިރިމީހާ އަނބިމީހާ މަރާލައިފި ކަމަށް އަފްޣާނިސްތާން ފުލުހުން ބުނެފި

ނިއުމަތުﷲ އިދުރީސް، ހަވީރު އޮންލައިން

ކާބުލް (ޖެނުއަރީ 31) - އަފްޣާނިސްތާނުގެ ދެމަފިރިއަކަށް ތިން ވަނަ އަށް ވެސް އަންހެން ދަރިއަކު ލިބުމާ އެކު ފިރިމީހާ ރުޅިއައިސްގެން އަނބިމީހާ މަރާލާފައިވާ ކަމަށް އަފްޣާނިސްތާނު ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ޚާން އާބާދުގެ ކުންދުޒް ޕްރޮވިންސްގައި މި އަމަލު ހިންގާފައި ވަނީ އުމުރުން 30 އަހަރުގެ މީހަކު މިދިޔަ ބުދަ ދުވަހު ކަމަށެވެ. މި ދެމަފިރިންނަށް މީގެ ކުރިން ވެސް ދެ އަންހެން ކުދިން ލިބިފައިވާ ކަމަށާއި ބުދަ ދުވަހު ތިން ވަނަ އަންހެން ދަރިފުޅު ލިބުނީ ފިރިމީހާ ފިރިހެން ދަރިއަކު ބޭނުންވެފައި ހުއްޓާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަންހެން މީހާ މަރުވެފައި ވަނީ ފިރިމީހާ ތަޅައި އަނިޔާކުރުމުން ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެކަން ކުރި މީހާގެ ބައްޕަ ކަމަށެވެ. އަދި އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް އަންހެން މީހާގެ ހަށިގަނޑުން ފެންނަން އެބަހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. 
ފުލުހުންގެ ތަރުޖަމާނު ސައްޔިދު ސަރްވާރް ހުސައިނީ ވިދާޅުވީ މި އަމަލާ ގުޅިގެން ފިރިމީހާގެ މަންމަ ހައްޔަރުކޮށްފައިވާ ކަމަށާއި އެކަމަކު ފިރިމީހާ ފިލާފައިވާ ކަމަށެވެ.
އަފްޣާނިސްތާނުގައި ތާލިބާނުންގެ ވެރިކަން އޮތް ދުވަސްވަރު އަންހެނުންނާ މެދު އަނިޔާވެރި އަމަލުތައް ހިންގާ މައްސަލަ ބޮޑެވެ. ތާލިބާނުންގެ ސަރުކާރު ވައްޓާލިތާ 10 އަހަރު ވެފައި ވާއިރު އަދިވެސް މި މައްސަލަ ވަރަށް ބޮޑެވެ. މިދިޔަ މަހު ވަނީ އަލަށް ކައިވެނިކުރި އަންހެން ކުއްޖަކު ފާހާނާއެއްގެ ތެރޭގައި ބަންދުކޮށްގެން ގެންގުޅޭތާ ހަ މަސް ދުވަސް ފަހުން ސަލާމަތްކޮށްފަ އެވެ. މި ކުއްޖާ ސަލާމަތްކުރި އިރު އޭނާގެ ހަށިގަނޑުގައި އަލިފާން ޖައްސައި، ނިޔަފަތިތައް ވެސް ވަނީ އުފުރައިފަ އެވެ. 
އިނގިރޭސި ވިލާތުގެ ޖަމާއަތެއް ކަމަށްވާ އޮކްސްފަމް އިން ބުނާ ގޮތުގައި އަފްޣާނިސްތާނުގެ 87 ޕަސެންޓް އަންހެނުންނަކީ ޖިސްމާނީ ނުވަތަ ޖިންސީ އަނިޔާވެރިކަން ނުވަތަ މަޖުބޫރުން ކުރުވާ ކައިވެނިތަކާ ކުރިމަތިލާންޖެހޭ މީހުންނެވެ. --އޭއެފްޕީ

0 comments:

Post a Comment